ޞާދިރު ޢަލީދީދީ   18 އޮކްޓޯބަރު 2020 - 13:58
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 06

................

[ދިހައެއް ޖަހާއިރު. ކޮންމެހެން ރީޙާން ނުދިޔަޔަސް ވަރިހަމަ...އަހަރެން ދެދުވަހެއްގެ ތެރޭގައި އަންނާނަން...] ޝަބާބް ބުނީ ޗެކިންގ އޮތް ވަގުތަށްވުރެން ބައިގަޑިއިރު ލަސްކޮށްފައެވެ. ވެދާނެއެވެ. އެއަރޕޯޓް ތެރެއިން އޭނާ ރީޙާނާ ދިމާވާން ބޭނުންނުވަނީއެވެ. ނުވަތަ އޭނާ ކޮންމެވެސް ކަމެއް ސިއްރުކުރަން މަސައްކަތް ކުރަނީއެވެ.

އެރޭ ޝަބާބް ރީޙާނާ ވަކިވީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރެއެވެ. ރީޙާންވެސް ގެޔަށް ދިޔައީ ފިސާރި އުފަލާއި ހިތްހަމަޖެހުން ޙިއްޞާކޮށްގެން ހުރެއެވެ. އެރޭ ގެޔަށް އައިސް ރީޙާން އޭނާގެ އަންހެން ކޮއްކޮ ރިޔާ އޭނާގެ ކޮޓަރިއަށް ގެންގޮސް، ޝަބާބް ގެނައުމާމެދު މަޝްވަރާ ކުރިއެވެ. އޭނާ ޝަބާބް އެގެޔަށް ގެންނަން ބޭނުންވަނީ، ރިޔާގެ އެކުވެރިއެއްގެ ޙައިޘިއްޔަތުންނެވެ.

[މައްސަލައެއް ނެތް...ބޭބެގެ ހިތްހަމަޖެހުމަށްޓަކައި ރިޔާ ކޮންމެ ކަމެއްވެސް ކޮށްފާނަން. މާދަމާ މަންމަ ގާތު ވާހަކަ ދައްކާނަން ޝަބާ ދައްތަ ގެންނަން.] ރިޔާ ބުންޏެވެ. ރިޔާ އަބަދުވެސް ރީޙާންދެކެ ވަރަށް ލޯބިވެއެވެ. އެވަރަށް ރީޙާންވެސް ކޮއްކޮދެކެ ލޯބިވެއެވެ.

[މަންމަ ގާތު ބުނާތި، ދެދުވަސްތެރޭ ޝަބާ އަންނާނެޔޭ...] ރީޙާން ރިޔާގެ ބޮލުގައި ފިރުމާލިއެވެ. ރިޔާ ހިނިތުންވެލަމުން ނިކުތެވެ.

ޖެހިގެން އައިރޭ ރީޙާނާއި ހައިޝަމް، ގަމުގެ އެއަރޕޯޓަށް ދިޔައެވެ. ޝަބާބާ ދިމާކުރުމަށެވެ. ނަމަވެސް، އެމީހުނަށް ދެވުނީ، ޝަބާބް ޗެކިންގ ނިންމުމަށްފަހު އެތެރެޔަށްވެސް ވަން ފަހުންނެވެ.

[ހައިޝަމް...އެތެރޭގައި އެހުރީ ޝަބާ...] އެތެރޭގައި ހުރެ ރީޙާން އޭނާއާ ދިމާޔަށް އަތް ހޫރަމުންދިޔަ ޝަބާބް ރީޙާން ހައިޝަމަށް ދައްކާލިއެވެ.

[އޭނަވެސް އެހުރީ އެތެރެއަށް ވަދެ. ދެން ނުވެސް ފެންނާނެ...ހިނގާ ދަމާ....ކިތައް ދުވަސްތެރޭގައި އޭނަ އަންނަ ވާހަކަ ބުނީ...] ހައިޝަމް ބުންޏެވެ.

[ދެތިން ދުވަސްތެރޭ އަންނާނެ ވާހަކަ ބުނީ...ވަރަށް ހިއެއްނުވޭ ދޮގެއް ހަދާނެހެނެއް....] ރީޙާން ބުންޏެވެ.

[ތިހާ އަވަހަށް އިތުބާރު ކުރާކަށް ނުވާނެ....ކުރިން އޭނަ މަސައްކަތްކުރީ ރީޙާންގެ ހިތްޖައްސަން. ހިތްޖެހި އޭނަގެ މަޤްޞަދު ޙާޞިލްވީމާ އޭނަ އެދިޔައީ....އެނބުރި އައީމަ ނޫނީ އަހަރެން ޤަބޫލެއް ނުވެސްކުރާނަން....] ހައިޝަމަކީ އެހާ ފަސޭހައިން އަންހެން ކުދިންނަށްޓަކައި ފިދާވާ މިޒާޖުގެ މީހެއް ނޫނެވެ.

[ވަރިހަމަ...ހައިޝަމް ޤަބޫލު ނުކުރިޔަސް، އަހަރެން އިތުބާރުކުރަން. އަހަރެންދެކެ ލޯބިނުވާނަމަ، އަހަރެންގެ އުފަންދުވަސް އެގޮތަށް އޭނައެއް ފާހަގައެއް ނުކުރާނެ....] ރީޙާން ޝަބާބަށް ކުރާ އިތުބާރު ބޮޑެވެ. ޝަބާބް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރީޙާންގެ އިތުބާރު ހޯދާފައެވެ.

[މައްސަލައެއް ނެތް...ރީޙާނަށް އިތުބާރާއި ޔަޤީންކަން އޮތިއްޔާ...އެކަމަކު ހިނގާ ދާން...ފުރައިގެންދިޔަފަހުން ނަޝްވާއަށް ގުޅައެއްނުލަންތަ؟] ހައިޝަމް ރީޙާނާ ދިމާކޮށްލުމުގެ ގޮތުން ބުންޏެވެ.

[އޭނަ ކިޔަވާ ނިމިގެން އަންނައިރު، އަހަރެންވެސް ހުހަށް ހުރެއްޖެއްޔާ....ގުޅާނީ...އެހެން ނޫނީ ގުޅުމުގެ މާނައެއް ނެތް...އަހަންނަށް ބޮޑަށް ހީވަނީ އެއްކަލަ ފުރުޤާން އޭނަޔާ ގުޅައިގެންހެން އުޅެނީ...އެމީހުން ސިއްރު ކުރަނީ...އޭނާގެ ފަހަތުން ފުރުޤާންވެސް މާލެ ހިނގައްޖެ....] ރީޙާން ގޮސް ސައިކަލަށް އެރިއެވެ.

[އެރޭ ތިބުނާ ފުރުޤާން ހުރިގޮތުން އަހަންނަށްވެސް ޝައްކުވިޔޭ. އޭނަ ރީޙާނާ ރައްޓެއްސެއް ނޫންތަ؟] ހައިޝަމް އެއްސެވެ.

[ކުރިން ވަރަށް ރައްޓެހި. ވާހަކަ ދައްކާވެސް ހަދާ. އިންޓަވަލަށްވެސް ދަނީ ދެމީހުން އެކުގައި. އެކަމަކު ފަހުން އަހަރެން ނަޝްވާގެ ވާހަކަ ދެއްކިފަހުން، އޭނަ ވަރަށް ދުރުހެލިވެއްޖެ. އަޅާނުލާ...އޭނައަށް ނަޝްވާ އަހަރެން ހަދިޔާކޮށްފިން.] ރީޙާން ހިނގައިގަންނަމުން ސައިކަލް ދުއްވާލައިފިއެވެ.

[މިހާރު ޝަބާބް ތިގެޔަށް ގެންނަން ތިއުޅެނީ، ސީދާ ރީޙާންގެ ރައްޓެއްސެއްގެ ގޮތުގައިތަ؟] ހައިޝަމް އެއްސެވެ.

[ނޫނޭ...ކޮއްކޮ ރިޔާގެ ރައްޓެއްސެއްގެ ގޮތުގައި.] ރީޙާން ބުންޏެވެ.

[ރިޔާގެ ރައްޓެއްސެއް ނޫން. އެއީ ރިޔާގެ ރައްޓެހި ކުއްޖެއްގެ ދައްތައެއް...އަޅެ މައްސަލައެއް ނެތްދޯ....ގެނަޔަސް.] ރިޔާ ވާހަކަ ދެއްކީ އޭނާގެ މަންމަ ޤިސާމާއާއެވެ.

[ދަރިފުޅުމެން ކުރާ ކަންތައްތަކަށް، މަންމަމެން ހުރަސްނާޅާނަމެއްނު. އަވަހަށް ގެނޭ...މަންމަގެ އެއްވެސް މައްސަލައެއް ނެތޭ...މިގޭގައި އަހަރު ދުވަހު ހުއްޓަސް.] ޤިސާމާ ހުއްދަ ދިނެވެ. އެ އުފާވެރި ޚަބަރު ވަގުތުން ރިޔާ އޭނާގެ ބޭބެއަށް ދިނެވެ.

[ތޭންކް ޔޫ...ސޯ މަޗް ކޮއްކޯ....] ލިބުނު އުފަލާއެކު ރީޙާން، ކޮއްކޮ އުފުއްލާލިއެވެ.

އާ ދުވަހަކަށް އިރު އަރައިފިއެވެ. މިހާރު ރީޙާނާއި އޭނާގެ ކޮއްކޮ މަސައްކަތް ކުރަމުން އެދަނީ، ޝަބާބަށްޓަކައި އެގޭގެ އެއްކޮޓަރި ސާފުކުރުމަށެވެ.

[ކޮއްކޮ އެނދުފޮޅާ ސާފުކޮށްލާ...އެއަށްފަހު، ކޮއްކޮގެ މަސައްކަތް ނިމުނީ.] ރީޙާން ބުންޏެވެ.

[ބޭބޭ...ކޮންދުވަހަކުތަ، ޝަބާ ދައްތަ އަންނަނީ؟] ރިޔާ އެއްސެވެ.

[ދެތިން ދުވަސްތެރޭ އަންނާނެ ވާހަކަ ބުނި...އެހެން ބުންޏަސް އަދި ސީދާ އަންނާނެ ދުވަހެއް ނޭނގެ. ކޮއްކޮ ހަނދާންކޮށް، މަންމަމެނަށް ޝައްކުވިޔަނުދެއްޗޭ...] ރީޙާން މިހެން ބުނެފައި، ކޮޓަރިން ނިކުތެވެ. މިހާރު އޭނާ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން އެދަނީ، ޝަބާބް އެނބުރި އަންނާނޭ ދުވަހަކަށެވެ. ކުރިން އޭނާގެ ހިތުގައި ޝަބާބާމެދު ޝަޢުޤުވެރިކަން ނެތަސް، މިހާރު ޝަބާބް ދެކެން އިންތިހާއަށް އޭނާ ބޭނުންވެއެވެ. އެއީ ކީއްވެގެންބާއެވެ! ގައިމެވެ. ޝަބާބްދެކެ ލޯބިނުވެވޭނަމަ، އޭނާ އެވަރަކަށް ތައްޔާރެއްވެސް ނުވީހެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޝަބާބް ރަށަށްދިޔަތާވެސް މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ރީޙާނަށް ޝަބާބްގެ އެއްވެސް ޚަބަރެއް ނުވިއެވެ. ވުމާއެކު، ފާއިތުވަމުންދާ ދުވަސްތަކަކާއެކު، އޭނާވެސް މާޔޫސްވަމުންދާން ފަށައިފިއެވެ.

[އަހަރެން ބުނީމެއްނު، އެހާ އަވަހަށް އިތުބާރު ނުކުރާށޭ...މިހާރު ކޮންދުވަހެއް...އަދިވެސް އޭނާގެ ޚަބަރެއްނުވޭ...] ހައިޝަމް ދިމާކޮށްލިއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ، ރީޙާންގެ ގެޔާ ދިމާ ލިންކް ރޯޑްގައެވެ.

[އަހަރެން އުންމީދު ގެއްލުވައެއްނުލަމޭ. އަދި މާގިނަ ދުވަސްތަކެއް ނުވެއެއްނު...] ރީޙާން އުންމީދު ގެއްލުވައެއްނުލައެވެ.

[އަހަންނަށްވެސް ރަނގަޅޭ...ތިކަން ކާމިޔާބު ވެއްޖެއްޔާ...އެކަމަކު އޭނަ އެކޮޅަށް ގޮސް ގުޅާވެސްނުލާތީ...އަހަރެން ބޮޑަށް ޙައިރާންވަނީ...] ހައިޝަމް އިތުބާރެއް ނުކުރެއެވެ.

[އޭނަ އަންނާނެ...އަހަރެން އޭނަޔަކަށް އަހަރެންގެ ނަމްބަރު ނުވެސް ދެން...] ރީޙާންގެ ޖީބުގައި އޮތް މޯބައިލް ފޯނު ރިންގްވާން ފެށީ އެވަގުތެވެ. ރީޙާން ފޯނު ނެގިއެވެ. އެއީ ޝަބާބްގެ ފޯންކޯލެކެވެ.

[ރީޙާންތަ! މީ ޝަބާބޭ....ކިހިނެއްތަ، ވަރަށް ހަނދާންވޭތަ. މާދަމާ އަހަރެން ތިކޮޅަށް ދާނަން...އަހަންނަށް އެނގޭ، ރީޙާން އަހަރެންގެ މަތިން ހަނދާން ކުރާނެކަން...ޙަޤީޤަތުގައި އަހަންނަށްވެސް މިކޮޅުގައި ކެތްވަނީކީ ނޫން...] ޝަބާބް ބުންޏެވެ. ރީޙާނަށް ލިބުނު އުފަލުގެ ކޮޅެއްނެތެވެ.

[ވަރަށް ހަނދާންވޭ...އިންތިޒާރުވެސް އެބަ ކުރެވޭ. އިންތިޒާރު ކިތަންމެ ދިގުލައިގެން ދިޔަޔަސް، އަހަރެން އުއްމީދު ގެއްލުވައެއްނުލަން. މާދަމާ އަހަރެން ދާނަން، ޝަބާބް ބަލާ އެއަރޕޯޓަށް...] ރީޙާން ފުން ނޭވާއެއްލިއެވެ.

[ދެން ބާއްވަނީ...] ޝަބާބް އުޅުނީ ފޯނު ބާއްވާށެވެ.

[އަދި މަޑުކޮށްބަލަ. ކާކުތަ އަހަރެންގެ ނަމްބަރު ދިނީ...] ރީޙާން އެއްސެވެ.

[ރިޔާ...އަހަރެން ހޯދަން މި ނަމްބަރަށް ނުގުޅައްޗޭ. މީހެއްގެ ފޯނަކުން އަހަރެން މިގުޅީ....] ޝަބާބް ފޯނު ކަނޑާލިއެވެ.

[ކޮބާ މަ ބުނީމެއްނު، ޝަބާބް އަންނާނޭ...މާދަމާ އެބައާދޭ. ހިނގާ އަވަހަށް ގެޔަށް. ޝަބާބް އަންނަ ޚަބަރު ކޮއްކޮއަށް ދޭންވާނެ.] ރީޙާން ގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.

ރީޙާނަށް އޭނާގެ ގެޔާ ހިސާބަށް އާދެވުނުއިރު، ދޮރުމަތީގައި ހިނިއައިސްފައި ރިޔާ ހުއްޓެވެ. އޭރު ދަނީއޭ ބުނެފައި ހައިޝަމް ގެޔަށް ހިނގައްޖެއެވެ.

[ރިޔާ...ހާދަވަރަކަށް ހިނިއައިސްފައި...ކިހިނެއްވީ އުފާވާކަހަލަ ކަމެއް ދިމާވީތަ. މަންމަމެން ގޭގައި އެބައުޅޭތަ؟] ކޮއްކޮގެ ގާތަށް ހުއްޓެމުން ރީޙާން ވާހަކަ ދެއްކިއެވެ.

[މަންމަވެސް، ބައްޕަވެސް ގެޔަކު ނޫޅޭ....ބޭބޭ ހިނގާބަލަ އަދިވެސް ކޮޓަރި އިތުރަށް ރީތިކޮށްލަމާ...] ބޭބެގެ އަތުގައި ހިފައިގެން ރިޔާ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

ކޮޓަރި ދޮރު ހުޅުވީ، ކުރީގައި ހުރެގެން ގޮސް ރިޔާއެވެ. ދޮރު ހުޅުވުމާއެކު، ފެނުނު މަންޒަރުން ރީޙާންގެ ދެލޯ ތަރަތަރަޖަހައިގެން ދިޔައެވެ.

ކޮޓަރި އެނދުގައި އެއިނީ ޝަބާބެވެ. ލުއި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެނެވެ. މިވަގުތު ޝަބާބް ފެންނަގޮތް، ކުރިޔަށްވުރެންވެސް މާ ރީއްޗެވެ.

ޙަޤީޤަތުގައި ޝަބާބްގެ ރީތިކަން ފެނި ރިޔާވެސް ހުރީ ޙައިރާންވެފައެވެ. ރީޙާން ކޮޓަރިއަށް ވަނުމާއެކު، ރިޔާ ދޮރު ލައްޕާލުމަށްފަހު އެތަނުން ހިނގައްޖެއެވެ.

[ޝަބާބް....ތިވަރަށް ރީތިވާކަށް ނުވާނެ. އެސްފީނާ ޖެހިދާނެ. މިހާރު ޝަބާބްގެ ކިބައިން ތި ފެންނަނީ އާދަޔާ ޚިލާފު ރީތިކަމެއް...ވާހް..ހާދަ ރީއްޗޭ...] ރީޙާން ވައިއަޑުން މިހެން ބުނެފައި، ނުހަނު ޢިޝްޤީ އަސަރުގައި ޝަބާބްގެ ކޯތާފަތުގައި އިނގިލިކުރި ޖައްސާލިއެވެ. ލަދުރަކި ހިނިތުންވުމަކާއެކު، ޝަބާބް ދެލޯމަރާލިއެވެ. އެހިނދު މަސްތީ އަސަރާއެކު، ރީޙާން އޭނާގެ މޫނު ޝަބާބްގެ މޫނާ ނުހަނު ކައިރިކޮށްލިއެވެ.

[ޝަބާ....މަންމަމެނަށް ނޭނގި، މިގޭގައި އުޅެވޭތޯ ބަލަންވާނެ. މަންމައާ ބައްދަލުވިތަ؟] ރީޙާން ޝަބާބްގެ ނޭފަތު ކުރީގައި އޭނާގެ ނޭފަތުކުރި ކާއްތާލިއެވެ.

[ނުވޭ...އަހަރެން އައިއިރު ގޭގައި އުޅެނީ ރިޔާ އެކަނި. ރިޔާއަކީ ހާދަ ރަނގަޅު ކުއްޖެކޭދޯ...] ޝަބާބް ބުންޏެވެ.

[މަންމަމެނަށް އަދި އަހަރެމެންގެ ގުޅުން އެނގިގެން ނުވާނެ. ހިނގާ ބޭރަށް ނިކުންނަމާ....ރޭގަނޑު ބައްދަލުކުރާނީ...] ރީޙާން ކޮޓަރިން ނިކުތެވެ. ފަހަތުން ޝަބާބްވެސް ނިކުތެވެ.

ބާޒާރުކޮށްގެން ރީޙާންގެ މަންމައާއި ބައްޕަ ގެޔަށް އައިސްވަނީ އެވަގުތެވެ.

[ރިޔާ...ތީތަ ދަރިފުޅު ބުނި ކުއްޖަކީ...ހާދަ ރީތި ކުއްޖެކޭ...ތީ ހަމަ ދިވެހި އަންހެން ކުއްޖެއްތަ؟] ޤިސާމާ ޝަބާބްގެ މޫނަށް ބަލަން ހުރެފައި ބުންޏެވެ. ޝަބާބް ހިސާބަކަށް ލަދުވެސްގަތެވެ.

[މިގޭ މިތިބަ ދެކުދިންނެކޭ އެއްގޮތަށް މިގޭގައި އުޅެވޭނެ. ޝަބާބް ބޭނުންވަނީ މިރަށުން ވަޒީފާއަކަށް ދާންތަ؟] ޤިސާމާ ޝަބާބް ގާތުގައި އިށީނެވެ. ޝަބާބް ބޯޖަހާލިއެވެ. ލޮލުގެ ކުޑަކޮޅުން ޝަބާބާ ދިމާއަށް ބަލަހައްޓައިގެން ރީޙާން ހުރީއެވެ.

[މަންމާ..ބައްޕާ...އަހަރެން އެބަ އަންނަން، ހައިޝަމްގެ ގެޔަށް ގޮސްލާފައި. ދީބަލަ ސައިކަލް ތަޅުދަނޑި...] ރީޙާން އަތްދިއްކުރިއެވެ. މަޖީދު ރީޙާންގެ އަތަށް ތަޅުދަނޑި ދިނެވެ.

ރީޙާން ބޭރަށް ނިކުމެ ސައިކަލަށް އަރާ ދުއްވާލައިފިއެވެ. ނިކަން ހިތްހަމަޖެހިފައި ހުރެމެއެވެ.

[ޝަބާބަކީ ހާދަ ރީތި ކުއްޖެކޭ...އެ ރީތިކަމަށް މަންމަވެސް ތަޢުރީފްކޮށްފި...އަހަރެން ހާދަ ނަޞީބުވެރިޔޭ....] މި ޚިޔާލުގައި އިނދެ ސައިކަލް ދުއްވަމުން ދަނިކޮށް، އޭނާ ސިހުނީ ފަހަތުން އަންހެން ކުއްޖަކު އޭނާގެ ނަމުން ގޮވި އަޑަށެވެ. ރީޙާން ވަގުތުން ސައިކަލް މަޑުކޮށް، އައިކޮޅަށް އަނބުރާލައިފިއެވެ. އޭނާއަށް ގޮވީ ގެއެއްގެ ދޮރާށިދޮށުގައި ހުރި އަންހެން ކުއްޖެކެވެ. އެއީ ހިސާބަކަށް އޭނާ ދަންނަ ކުއްޖެކެވެ. ނަމަވެސް އެއީ ކޮން ނަމެއް ކިޔާ ކޮން ގެއެއްގެ ކުއްޖެއް ކަމެއް އޭނާއަކަށް ނޭނގެއެވެ.

[އަހަންނަށް ގޮވިންތަ؟] ހިނިއައިސްފައި ހުރި އަންހެން ކުއްޖާގެ ކައިރިއަށް ސައިކަލް މަޑުކޮށްލަމުން ރީޙާން އެއްސެވެ. އެކުއްޖާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

[ކިހިނެއްވީ؟ ތީ...ކޮން ކުއްޖެއް...ހަމަގައިމުވެސް އަހަންނަކަށް ނަމެއް ނޭނގެ....] ރީޙާން ވާހަކަ ދެއްކީ، ވަރަށް ފަރުވާކުޑަގޮތަކަށެވެ.

[އަހަންނަށް ކިޔަނީ ޒޭބާ....ރީޙާން ކޮންތާކަށް ތިދަނީ...މިއުޅެނީ އަހަރެންގެ ފޯނު ރިންގްނުވާތީ...އަޅެ މިޔަށް ރީޙާންގެ ފޯނުން ރިންގެއް ޖަހާލަދީފާނަންތަ؟] ޒޭބާ އޭނާގެ އަތުގައި އޮތް ފޯނާ ކުޅެމުން، މިހެން ބުނީމާ، ރީޙާން އޭނާގެ ޖީބުގައި އޮތް ފޯނު ނެގިއެވެ.

އެއަށްފަހު ޒޭބާ ގާތު ނަމްބަރު އަހާލުމަށްފަހު، ޒޭބާގެ ފޯނަށް ގުޅާލިއެވެ. ރިންގްވުމާއެކު، ޝުކުރިއްޔާއޭ ބުނެ، ޒޭބާ ފޯނު ކަނޑާލުމަށްފަހު، އެ ނަމްބަރު އޭނާގެ ފޯނަށް [ސޭވް] ކޮށްލިއެވެ.

[އަހަރެންގެ ނަމްބަރު ހޯދީދޯ...ރީއްޗަށް ބުނިނަމަވެސް، ނަމްބަރު ދޭނަމޭ.] ރީޙާން ހިނިތުންވެލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން