ރައީސް ނަޝީދު
ރައީސް ނަޝީދު
އެމްޑީޕީގެ އެތެރޭގެ މަގާމުތަކުގެ އިންތިޚާބާ ދިމާކޮށް، ޕާޓީގެ އިސް ބޭފުޅުން ހިމެނޭ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕެއްގެ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ލީކުވެ، ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.

މި ލީކުވި މެސެޖުތަކުން އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ޕާޓީގެ ގާނޫނީ ވަކީލު މަހްފޫޒް ސައީދުއާ ދެމެދު، ޗެއާޕާސަން އިންތިޚާބުތަކުގައި ކެމްޕޭން ކުރާ ފަރާތްތަކާމެދު އަމަލުކުރަންވީ ގޮތާ ބެހޭގޮތުން ބަދަލުކުރެވިފައިވާ ހޫނު ޚިޔާލުތަކެއް ވަނީ ތިލަވެފައެވެ.

މި މެސެޖުތަކުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޕާޓީގެ ކަންކަމުގައި ފާހަގަކޮށްލެވޭ ބޭފުޅުން ކުރީގައި ތިއްބެވި ނަމަވެސް، ކޮންމެވެސް ވަރެއްގެ ދުރުމިނެއްގައި ތިބޭ ފަރާތްތައްވެސް ފަހަތުގައި ތިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އަދި އަރިހުގައި ތިއްބަވަންޖެހޭނީ "މޮޅުވާނެ" ބޭފުޅުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ވާހަކައަށް ރައްދު ދެމުން މަހްފޫޒް ވަނީ، އިންތިޚާބެއް ކާމިޔާބުވަނީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި، ކާމިޔާބީއަށްފަހު އެ މަސައްކަތް ކުރި މީހުން ފަހަތަށް ޖެއްސުމަކީ ބޭއިންސާފެއް ކަމަށް ބުނެފައެވެ. އަދި ވަކި ބަޔަކު ބާކީކޮށް ފަހަތަށް ޖައްސާނަމަ، އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމުގެ އިންޒާރުވެސް އޭނާ ދިނެވެ.

މީގެ އިތުރުން، މަހްފޫޒް ވަނީ ޕާޓީގެ މަގާމުތަކަށް ކުރިމަތިލާއިރު ތާއީދުކުރާ މީހުންނާއި ނުކުރާ މީހުން ތިބޭނެ ކަމަށާއި، އެންމެން ގޮވައިގެން އުޅެންޖެހޭ މަގާމަކަށް ހޮވުމަށްފަހު، ތާއީދު ނުކުރާ މީހުންނަށް ބަދަލުހިފުމުގެ ވިސްނުން ގެންގުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އޭނާ ބަޔާންކުރި ގޮތުގައި، ވާދަވެރިކަމުގެ ތެރެއިން މީހުންނަށް ބިރުދެއްކުމުގެ ބަދަލުގައި، ހުރިހާ އެންމެންނަށްވެސް ޗެއަރޕާސަނާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް އޮންނަންޖެހެއެވެ.

މި ބަހުސަށް ޖަވާބު ދެމުން ރައީސް ނަޝީދު ވިދާޅުވީ، އެންމެން ގޮވައިގެން އުޅެވޭނީ ވަކި ސަފެއް ހަދައިގެން، ޕާޓީގެ ލީޑަރޝިޕާއި ވަރުގަދަ އޮނިގަނޑެއްގެ ތެރެއިން ކަމަށެވެ. އަދި ނިމުމެއް ނެތް އެތެރޭގެ ސިޔާސީ ކޯޅުންތަކަކީ ޕާޓީއަށް ފައިދާހުރި ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ.

ނަމަވެސް މަހްފޫޒް ވަނީ މިއީ އެތެރޭގެ އިންތިޚާބެއްގެ ގޮތުގައި ސިފަކޮށް، އިންތިޚާބު ނިމުމުން އެންމެން އެކަތިގަނޑަކަށްވެ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް އެކުގައި ނުކުންނަންޖެހޭނެ ކަމަށް ބުނެ ވާހަކަ ނިންމާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު