އަމާޒަކީ މާފުށީ ރައްޔިތުންނަށް މިހާރު ލިބޭ އާމްދަނީ ދެގުނަ ކޮށްދިނުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރަައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

​އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕޭނަށް އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގެ ތެރެއިން،ރައީސް ނަޝީދު މިއަދު ހަވީރު މާލެ އަތޮޅު މާފުއްޓަށް ވަޑައިގަތުމުުން ޑޮލަރު ފައްޗަކުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.​މާފުށީގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް މިހާރު ލިބޭ އާމްދަނީ އިރާދަކުރެއްވިއްޔާ ދެގުނަ ކޮށްދެއްވާނެ ކަމަށެވެ.



​"އަޅުގަނޑުމެންގެ އަމާޒަކީ، މަސައްކަތަކީ ތިޔަބޭފުޅުންގެ ޖީބަށް ވަންނަ އެއްޗެއް ދެގުނަ ކޮށްދިނުން. ބޮޑު ބަދަލަކީ މި ދެންނެވި ބޮޑު ބަދަލު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ​​ރައީސް ނަޝީދުގެ ވާހަކަފުޅުގައި 2008 ވަނަ އަހަރު އެމަނިކުފާނު މާފުއްޓަށް ކުރެއްވި ޒިޔާރަތުގެ ހަނދާންތައް އާކުރެއްވިއެވެ. އެގޮތުން އެ އަހަރު ދޮށީ އުމުރުގެ މީހުންނަށް ޕެންޝަން ދިނުމާއި، އެކަނިވެރި މައިންނަށާއި، ޔަތީމު ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވުމުން، މާފުށީގެ ހަރު ބޭފުޅުންނާއި ރާއްޖޭގެ ގިނަ ރައްޔިތުން އެއީ "މޮޔަ ވާހަކައެއް" ކަމަށް ބުނެ އެކަން ކުރާނެ ގޮތަކާ މެދު ސުވާލު އުފެއްދި ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިއަދު އެ ސިޔާސަތުތައް ހަގީގަތަކަށް ވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިއަދު ތިޔަ ބޭފުޅުން އެ ސުވާލެއް ނުކުރާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު