ދަރަނި ނެގުމަކީ އިޤްތިޞާދީ ގޮތުން މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ރާއްޖެއަށް މައްސަލަ ކުރިމަތިވަނީ ދަރަނި ނަގައިގެން އުފެއްދުންތެރި ނޫން ކަންކަމަށް ޚަރަދުކުރާތީ ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް މިހެން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ދަރަނީގެ ނާޒުކު ހާލަތާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ދެއްކެވި ވާހަކަފުޅަކަށް އިޝާރާތް ކުރައްވައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސަރުވަޝް އާދަމް ފާހަގަކުރައްވާފައިވާ ގޮތުގައި ރާއްޖެއަށް މިހާރު ވަނީ ދެ ބާވަތެއްގެ ބޮޑު ދަރަންޏެއް ކުރިމަތިވެފައެވެ. އެއީ ސަރުކާރުގެ ޚަރަދުތައް އާމްދަނީއަށްވުރެ ބޮޑުވެ، ފައިސާ ރައްކާނުކުރެވޭ "ފިސްކަލް ޑެފިސިޓް" އާއި، ޤައުމީ ފެންވަރުގައި ބޭރަށްދާ ފައިސާ ލިބޭ ފައިސާއަށްވުރެ ގިނަވެ، ބޭރު ފައިސާގެ ރިޒާވް މަދުވާ "ކަރަންޓް އެކައުންޓް ޑެފިސިޓް" އެވެ. މި ދެ ދަރަނި ފޫބެއްދުމަށް ގިނަ އަހަރުތަކެއް ވަންދެން ބޮޑެތި ލޯނުތަކެއް ނަގާފައިވާއިރު، އޭގެ ސަބަބުން ދިގު މުއްދަތުގައި ރިޒާވްއަށާއި ދަރަނި އަދާކުރުމުގެ ޤާބިލުކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ސަރުވަޝް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ނަފާ ނަސީމް ވިދާޅުވީ ދަރަންޏަކީ އިޤްތިޞާދު ކުރިއެރުވުމަށް ބޭނުންކުރާ މުހިއްމު ވަސީލަތެއް ކަމަށާއި، ދަރަނި ނެގުމަކީ އޭގެ އަމިއްލަ ޒާތުގައި ގޯހެއް ނޫން ކަމަށެވެ. އަދި މުއްސަނދިންނާއި ފަގީރުންވެސް ކަންކަން ކުރަނީ ދަރަނި ނަގައިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ރާއްޖޭގެ ހަގީގީ މައްސަލައަކީ ދަރަނި ނަގައިގެން އުފެއްދުންތެރި ނޫން ކަންކަމަށް ޚަރަދުކުރުން ކަމަށް ނަސީމް ވިދާޅުވިއެވެ. "މައްސަލައަކީ ދަރަނި ނަގައިގެން (އުފެއްދުންތެރި ނޫން) ޚަރަދުކުރާތީ. ސިޔާސީ ވަގުން ޖީބަށް ކަހާލާތީ. މިއީ ހަގީގަތަކީ!" ނަސީމްގެ ޕޯސްޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު