ޞާދިރު ޢަލީދީދީ   19 އޮކްޓޯބަރު 2020 - 14:6
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 07

................

ރިންގްވުމާއެކު، ޝުކުރިއްޔާއޭ ބުނެ، ޒޭބާ ފޯނު ކަނޑާލުމަށްފަހު، އެ ނަމްބަރު އޭނާގެ ފޯނަށް [ސޭވް] ކޮށްލިއެވެ.

[އަހަރެންގެ ނަމްބަރު ހޯދީދޯ...ރީއްޗަށް ބުނިނަމަވެސް، ނަމްބަރު ދޭނަމޭ.] ރީޙާން ހިނިތުންވެލިއެވެ.

އަޞްލުވެސް ދޭނަންތަ؟] ޒޭބާ ވަރަށް އުފާވިއެވެ.

ޙަޤީޤަތުގައި ޒޭބާ ރީޙާނަށް ފާރަލާތާ ކިތަންމެ ދުވަހެކެވެ. އޭނާ ރީޙާންގެ ނަމްބަރު ހޯދަންވެސް ވަރަށް މަސައްކަތްކޮށްފިއެވެ. އޭނާއަށް އެންމެ ފުރަތަމަ ރީޙާން ފެނުނީ، ގައުކަނޑި ސަރަޙައްދަށް ދަތުރުގޮސްގެން އުޅުނު ދުވަހެއްގައެވެ.

އެދުވަހުގެ ފުރަތަމަ ފެނިލުމާއެކުވެސް އޭނާ އައީ ރީޙާނަށް ފާރަލަމުންނެވެ. ނަމަވެސް، ރީޙާނަށް ނޭނގިއެވެ. ރީޙާން އޭނާގެ މިހާރުގެ ލޯބިވެރިޔާ ފިޔަވައި ވިސްނާފައި ވަނީ އެންމެ އަންހެން ކުއްޖަކާ ދޭތެރޭގައެވެ. އެއީ ނަޝްވާއެވެ. އޭނާ އެންމެ ފުރަތަމަ ލޯބިވީވެސް ނަޝްވާ ދެކެއެވެ. ނަމަވެސް، އޭނާގެ ހިތުގައި އަށަގަތް ނަޝްވާގެ ލޯބި ފަނޑުކޮށް، އެލޯބީގެ މައްޗަށް އަތްގަދަކުރީ ޝަބާބެވެ. ޝަބާބް އޭނާގެ ލޯބި ހޯދީ ކުޑަ ދުވަސްކޮޅެއްގެ މަސައްކަތުންނެވެ. ވުމާއެކު، ޒޭބާއަށްވެސް މަސައްކަތް ކުރެވިއްޖެނަމަ ލޯބި ހޯދިދާނެއެވެ. އެކަމަކު ޔަޤީނެވެ. ޝަބާބް ހުންނަނީ ވަރަށް ހުޝިޔާރުވެގެނެވެ. އިތުރު އެއްވެސް އަންހެން ކުއްޖަކަށް އޭނާ ފުރްޞަތެއް ނުދޭނެއެވެ. އެހެން ފަރާތެއް ކައިރިނުކުރެވޭ ވަރަށް އޭނާ ރީޙާނަށް ލޯބިދޭނެއެވެ. އޭނާ ޔަޤީންކުރެއެވެ. އޭނާ ނޫން އެހެން އެއްވެސް އަންހެން ކުއްޖަކަށް ރީޙާނެއް ކާމިޔާބެއް ނުކުރެވޭނެއެވެ.

[އަހަރެން ރީޙާން ކާމިޔާބު ކުރާނަން.] ރީޙާންގެ ނަމްބަރު ލިބުމުން، ހިތްހަމަޖެހިފައި ހުރި ޒޭބާ ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ރޯޒީންއާއެވެ. އެދެރަޙްމަތްތެރިން ވާހަކަ ދައްކަން ތިބީ ޒޭބާމެންގެ ގެޔާދިމާ މަގުމަތީގައެވެ.

[ފޯނު ނަމްބަރެއް ލިބުނަކަސް، ތިވަރަށް ޔަޤީންކުރާކަށް ނުވާނެ. ކިހިނެއް އެނގެނީ، އޭނަގެ ބިޓެއް ނެތްކަމެއް. ފުރަތަމަ ބަލަންވީނު، އޭނަގެ ބިޓެއް ހުރޭތޯ...] ރޯޒީން ބުންޏެވެ.

[އޭނަގެ އަދި ބިޓެއް ނުހުންނާނެ...އޭނަ އެހުންނަނީ އަހަރެންގެ އިންތިޒާރުގައި...] އެއީ ޒޭބާގެ އުންމީދެވެ. ޒޭބާ ޔަޤީންކުރެއެވެ. އޭނާޔަށް ރީޙާންގެ ލޯބި ލިބޭނެއެވެ. އޭނާ އެ ލޯބި ހޯދާނެވެސްމެއެވެ.

ޒޭބާއަކީވެސް ރީތި ސިފަތަކެއް ޤުދްރަތުން ލިބިފައިވާ ރީތި އަންހެން ކުއްޖެކެވެ. އޭނާގެ ރީތިކަން ޤަބޫލުކުރާ ހިތަދޫ ވަރަށްގިނަ ފިރިހެން ކުދިން، އެ ރީތިކަމުގެ ޖާދޫގައި ޖެހިފައިވެއެވެ. އެތައް ކުދިންނެއް އޭނާގެ ލޯތްބަށް ފެންބޮވައިގެން ކަރުހިއްކުން ފިލުވަން މަސައްކަތް ކުރެއެވެ. ނަމަވެސް، އެއިން އެއްވެސް ކުއްޖަކާމެދު ޒޭބާގެ ޝައުޤެއް ނެތެވެ. އޭނާ ޝައުޤުވެރިވަނީ އެކަނި ރީޙާނަށެވެ.

[އެއްކަލަ ބާދަލް އަދިވެސް ޒޭބާޔާހެދި އުޅޭތަ...އަޞްލު ރީޙާނަށްވުރެ ބާދަލް މާ ރީތިކަންނޭނގެ...] ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ރޯޒީން ބުންޏެވެ.

[އާނ...އޭނަ އަދިވެސް ވަރަށް އުޅޭ...އިއްޔެގައިވެސް ގުޅި. ފާޅުގައި މިހާރު އަހަރެން ބުނެފިން، ހިތެއް ނުކިޔައޭ...އަހަރެންވެސް ޤަބޫލުކުރަން، އޭނަ ރީޙާނަށްވުރެން ރީތިކަން...] ޒޭބާ ބުންޏެވެ.

[ހަމަގައިމުވެސް އަހަރެން ބަލާނީ ރީއްޗަށް.] ރޯޒީން ބުންޏެވެ.

[ރޯޒީން ތިހެން ތިބުނަނީ ލޯބި ނޭނގޭތީ. [ލަވް އިޒް ބްލައިންޑް]އޭ ބުނާ އަޑެއްވެސް ނާހަންތަ؟] ޒޭބާ ބުންޏެވެ. އެދުވަހު މި ދެރަޙްމަތްތެރިން ވަރަށް ގިނައިރު ވަންދެން ވާހަކަ ދައްކަން ތިއްބެވެ.

ޝަބާބް ރީޙާންމެންގެޔަށް އައި ފުރަތަމަ ދުވަހުވެސް އޭނާ އުޅެމުން އައީ އެގޭ ހުރިހާ މީހުނާވެސް ވަރަށް ރައްޓެހި ފަރިތަކަމާ އެކުގައެވެ. އެގެޔަށް ވަންނަ އެއްވެސް މީހަކަށް ޝަބާބަކީ އެގެޔަށް އައިސް ހުރި ބީރައްޓެއްސެއް ކަމަކަށް ސިފަނުކުރެވޭނެއެވެ.

[ވަރަށް ގެވެހި އަންހެން ކުއްޖެއް...އަނެއްކާ އެއީ މަދްރަސީ ދައުރު ފުރިހަމަކޮށްފައިވާ ކުއްޖެއްތަ؟] މަޖީދާއި ޤިސާމާ ވާހަކަ ދައްކަން ތިބީ އެގޭ ކޮޓަރިތެރޭގައެވެ.

[ލައްބަ...އަޅުގަނޑު ކިޔަވާ ނިމުނުތާ ދެއަހަރު ވެއްޖެ. އޮފީސް މެނޭޖްމަންޓް ކޯސްވެސް ހަދައިފިން...] ކުއްލިއަކަށް ވާހަކަ ދައްކަމުން އައިސް ޝަބާބް ކާކޮޓަރިއަށް ވަނެވެ. ޤިސާމާ ހިސާބަކަށް ޙައިރާންވިއެވެ. ޙައިރާން ނުވާންވީ ސަބަބެއް ނެތެވެ. ޝަބާބަށް އެ އަޑު އިވުނީ، މަޖީދު ނިކަން މަޑުން ދެއްކި ވާހަކައެކެވެ.

[ޤަޞްދެއް ނުކުރަންތަ، މިކޮޅުގެ ވަޒީފާއަކަށްދާކަށް...] މަޖީދު އެއްސެވެ.

[ވަޒީފާއެއް ހަމަޖެހިއްޖެއްޔާ ދާނަން....] ޝަބާބް ބުންޏެވެ. ޝަބާބް މިހެން ބުނެފައި ހިނގައިގަތީ އެތަނުން ނިކުންނާށެވެ. މަޖީދު ހިނިތުންވެލިއެވެ.

[ޢަޖައިބެއްކަހަލަ ކުއްޖެއް...ކަންފަތްވެސް ހާދަ ތޫނު ކުއްޖެކޭ.] ޝަބާބް އެތަނުން ދިޔައިމާ ޤިސާމާ ބުންޏެވެ.

ޝަބާބް އެގޭގައި އުޅޭތާ ހަފްތާއެއް ފާއިތުވެދިޔައިރުވެސް އޭނާގެ ކިބައިގައިވާ ތަފާތެއް، އެގޭ އެއްވެސް މީހަކަށް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް، އޭނާ ކޮންމެ ރެއެއްގެވެސް އިރިފުސްމެ ވަގުތު ގެއިން ބޭރުގައި ހޭދަކުރާކަން ރީޙާން ފާހަގަކުރެއެވެ. އޭނާ އެވަގުތު ހޭދަކުރަނީ ރީޙާނާ އެކުގައެވެ. ނަމަވެސް، އޭނާ ކޮންމެ ރެއެއްގެވެސް އިރާކޮޅުގެ ވަގުތު ނިމެންދެން ބޭރުގައި އުޅެނީ ކީއްވެބާއޭ ރީޙާންގެ ހިތަކަށްނާރައެވެ. ނަމަވެސް، ބައެއް ރޭރޭ ތަންކޮޅެއް އަވަހަށް ރީޙާން ގެޔަށްދާން ބޭނުންވެގެން އުޅޭވެސްމެއެވެ. މިކަހަލަ ރެއެކެވެ.

އިރިފުސްމެ ވަގުތު ފެށިގެން އައިއިރު، މިރޭވެސް ރީޙާނާއި ޝަބާބް އެތިބީ، އެދެލޯބިވެރިންގެ ޢާންމު މަންޒިލްގައެވެ.

[ކޮންމެ ރެޔަކު އަހަރެމެން ދެމީހުން އެކުގައި ގެއްލުނީމާ، މަންމަމެންގެ ހިތުގައި ޝައްކު އުފެދޭނެކަންނޭނގެ...މިރޭ ތަންކޮޅެއް ކުރިން ގެޔަށްދަމާ...] ރީޙާން ވާހަކަ ދައްކަމުން ޝަބާބްގެ އަތުގައި ހިފައި ގާތަށް ލަފާލިއެވެ.

[ރީޙާން...އަހަރެމެން އަބަދު މަންމަމެނަށް ސިއްރުން މިގުޅުން ކުރިޔަށް ގެންދާނީތަ. އަހަރެން ބޭނުން، ދާއިމީކޮށް ރީޙާންގެ މީހަކަށްވާން.] ޝަބާބް ރީޙާންގެ ކޮނޑުގައި ދެއަތް އަޅުވާލިއެވެ.

[އަހަރެންވެސް ބޭނުން، އަހަރެމެންގެ ގުޅުން މިއަށްވުރެން ގާތްކޮށް ބަދަހިކުރަން...އެހެން ނޫނީ، އަތްނުދޮވެ ކާން ޖެހިދާނެ. ކައިވެނީގެ އިމުން ބޭރުގައި އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ޙުރްމަތް ކެނޑޭފަދަ އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން...އެކަމަކު ޝަބާ.....އަދި އަހަރެން މިހުރީ ސްކޫލް ނިމުނުގޮތަށް. ވަޒީފާއަކަށް ދެވި، އަމިއްލަ ފައިމައްޗަށް ތެދުވެވިގެންތާ، ކައިވެންޏެއްގެ ވާހަކަ ދެއްކޭނީވެސް.] ރީޙާން ބުންޏެވެ.

[ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރަންވީނު...] ޝަބާބް ބުންޏެވެ.

[މާދަމާ މަސައްކަތް ކުރާނަން. އަހަރެން ބޮޑަށް ވަޒީފާ އަދާކުރާހިތްވަނީ އެއަރޕޯޓްގައި.] ރީޙާން ބުންޏެވެ.

[އަހަންނަށްވެސް ވަރަށް އުނދަގޫ މިގޮތަށް އުޅެން.] މިހެން ބުނެފައި، ޝަބާބް ރީޙާނާ ގާތްވެލިއެވެ.

[ހިނގާ ދަމާ...ގެޔަށް ދާން...] ރީޙާން ހިނގައިގަތެވެ.

[ރީޙާންދޭ....އަހަރެން އިރުކޮޅަކުން ދާނަން.] ޝަބާބް ބޭނުންވަނީ، އިރިފުސްމެ ވަގުތު ފާއިތުވެދަންދެން، ގެއިން ބޭރުގައި ހުންނާށެވެ. ގައިމެވެ. އޭގެ ކޮންމެވެސް ސިއްރެއްވާނެއެވެ.

[ނޫނޭ ލޯބީ...އެކަނި ހުންނާކަށް ނުވާނެ...ހިނގާ އަހަންނާއެކު ގެޔަށް ދާން...] ރީޙާން ހުއްޓި ފަސްއެނބުރި ޝަބާބަށް ބަލައިލިއެވެ. ނަމަވެސް، ޝަބާބް އަދި ގެޔަށްދާކަށް ބޭނުމެއް ނޫނެވެ.

[ނޫނޭ ރީޙާން...ދެމީހުން އެކުއެކީގައި ގޮސް ގެޔަށް ވަނީމާ، މަންމަމެނަށް ޝައްކުވެދާނެ. ކުރިން ރީޙާން ގޮސް ގެޔަށް ވަދޭ...އިރުކޮޅަކުން އަހަރެން އެބަދަން.] ޝަބާބް މިހެން ބުނީމާ، ބޯޖަހާލަމުން ރީޙާން ހިނގައިގަތެވެ. ރީޙާންގެ ޖީބުގައި އޮތް މޯބައިލް ފޯން ރިންގްވާން ފެށީ އެވަގުތެވެ.

ފުރަތަމަ ރީޙާން ފޯނު ނަގާފައި ނަމްބަރަށް ބަލައިލިއެވެ. އެއީ އޭނާ ދަންނަ ނަމްބަރެއް ނޫނެވެ. އެހެން ނަމަވެސް، އޭނާ ފޯނު ނަގައިފިއެވެ.

[އައްސަލާމް ޢަލައިކުމް....] އެކޮޅުން އިވުނީ އަންހެން ކުއްޖެއްގެ އަޑެވެ.

[ވަޢަލައިކުމުއް ސަލާމް...] ރީޙާން ކުޑަކޮށް މަޑުޖެހިލިއެވެ.

[ރީޙާންތަ؟ ނޭނގުނުދޯ މީ ކާކުކަމެއް؟] އެކޮޅުން ވާހަކަ ދެއްކި އަންހެން ކުއްޖާ ބުންޏެވެ.

[އާނ...ނޭނގެ ކާކުތަތީ!؟] ރީޙާން އަނެއްކާވެސް ހިނގައިގެންފިއެވެ.

[ޒޭބާ.....ކުރީ ދުވަހު މަގުމަތިން ދިމާވެގެން ގޮވީމެއްނު. ކިހިނެއްތަ ރީޙާން....؟] ޒޭބާގެ ވާހަކަ ދެއްކުމުގައި އެއްވެސްކަހަލަ ނުރައްޓެހިކަމެއް ނެތެވެ. އޭނާ ހީވަނީ ގާތް ރައްޓެއްސަކާ ވާހަކަ ދައްކާހެންނެވެ.

[ވަރަށް ރަނގަޅު....ޒޭބާ ކިހިނެއް؟ ކީއްކުރަންތަ ތިގުޅީ ކަމަކުތަ؟] ހިތުގައި އެއްޗެއް ނެތަސް ރީޙާން ވާހަކަ ދެއްކިއެވެ.

[ދެން ހަމަ ގުޅާލީ....ރީޙާނާ ވާހަކަ ދައްކާލާހިތުން...އެންމެ ރަނގަޅު ދޯ އަހަރެން ގުޅިޔަސް...] ޒޭބާ މަޑުމަޑުން މަޥްޟޫޢު ބަދަލުކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް، ރީޙާންގެ ވާހަކަ ހުރީ، އެ ފުރްޞަތުދޭފަދަ ގޮތަކަށް ނޫނެވެ.

[ނޫނޭ...އެއްވެސް މަޤްބޫލު ބޭނުމެއްނެތި ގުޅައިގެން ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއް. ފޯނު ބިލް ބޮޑުވެ، ބޭކާރު ފައިސާތަކެއް ޚަރަދުވެގެންދާނީ....] ރީޙާން ވާހަކަ ދެއްކީ، މާ ޝައުޤުވެރި ފާޑަކަށް ނޫނެވެ. ވުމާއެކު، ޒޭބާ ހިސާބަކަށް މާޔޫސްވިވެސްމެއެވެ.

[ބޭނުމެއްގައޭ ގުޅާނީ....ވަރަށް މަޤްބޫލު ބޭނުމެއްގައި...އަހަރެން ގުޅާނަން. އަހަންނާ ވާހަކަ ދައްކާތި.] ޒޭބާ އަދިވެސް ފޯނު ބާއްވާކަށް ބޭނުމެއް ނޫނެވެ.

[މިވަގުތު ބާއްވަނީ...ފޫހިފިލުވަން އަންހެން ކުދިންނާ ވާހަކަ ދެއްކުމަކީ އަހަރެންގެ ޝައުޤެއް ނޫން.] ރީޙާން ފޯނު ކަނޑާލިއެވެ.

[ވަރިހަމަ...އަހަރެން ގުޅާނަން. އަދިވެސް ގުޅާނަން...] ޒޭބާގެ ހިތަށް ނިކަން އަސަރުކޮށްފިއެވެ.

ޖެހިގެން އައި ދުވަހުވެސް ޒޭބާ ރީޙާނަށް ގުޅިއެވެ. ރީޙާންގެ ޝައުޤުވެރިކަން ނެތްކަން އެނގޭ ޙާލުގައި ހުރެމެއެވެ.

[ރީޙާން ފޯނު ނުބާއްވައްޗޭ....އަހަރެން ވަރަށް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން މިއުޅެނީ. ޕްލީޒް ނުބާއްވައްޗޭ....] ޒޭބާ ވާހަކަ ދެއްކީ، ނިކަން މަޑުމަޑުންނެވެ.

[ދައްކަބަލަ...އަވަސްކުރައްޗޭ...ވަރަށް ވަގުތު ދަތިކޮށް މިއުޅެނީ. ވަޒީފާއެއް ހޯދަން ނިކުންނަން މިއުޅެނީ.] ރީޙާން މިހެން ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ. އޭރު އެމަންޒަރު ބަލަން ޝަބާބް އިނެވެ.

[ރީޙާން....ކުއްޖަކާ ރައްޓެހިވެގެންތަ އުޅެނީ؟] ވަރަށް ހިތްވަރުކޮށްފައި ޒޭބާ އަހާލިއެވެ.

[އާނ...ވަޒީފާއެއް ހަމަޖެހޭއިރަށް، ކައިވެނީގެ ކަންތައްވެސް ހަމަޖެހޭނެ....އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާ މިހާރުވެސް މިގޭގައި އެބައުޅޭ...] ރީޙާންގެ އެ ޖުމްލަތައް ވެގެންދިޔައީ، ޒޭބާގެ މެޔަށް ހެރިގެންދިޔަ ވިހަ ތީރުތަކަކަށެވެ.

[ރީޙާން...ތިހެން ނުބުނޭ....] ޒޭބާ ކޮށިއެރިއެވެ.

[ކިހިނެއްވީ؟ އަހަންނަކީ ކަންތައްތައް ފޮރުވާ މީހެއް ނޫން...] ރީޙާން ބުންޏެވެ.

[ރީޙާން...ރީޙާނަކަށް ނުވިސްނޭތަ، އަހަރެން މި ގުޅާ ސަބަބު...އަހަރެން ރީޙާންދެކެ ވަރަށް ލޯބިވޭ...ވަރަށް ލޯބިވޭ...] ޒޭބާގެ މި ޖުމްލަޔާއެކު ރީޙާނަށް ހުއްޓުން ގެނުވި ކަހަލައެވެ.

[ކުރާނެ ކަމެއްނެތް ޒޭބާ...މިހާރު ވަގުތު ފާއިތުވެއްޖެ. މިހާރު އަހަންނަކަށް ޝަބާބް ނޫން މީހަކަށް ފުރްޞަތު ދެވޭކަށް ނެތް...] މިހެން ބުނެފައި، ރީޙާން ފޯނު ކަނޑާލައިފިއެވެ.

ޒޭބާޔަށް ރޮވުނެވެ. ނަމަވެސް، އޭނާ އުންމީދު ކަނޑައެއްނުލައެވެ. އޭނާ ބޭނުންވަނީ، ހުރިހާ ހަރުފަތެއް ގިރާކޮށްގެންވެސް ރީޙާންގެ ލޯބި ކާމިޔާބު ކުރާށެވެ. އެބުނާ ޝަބާބެއްގެ ހަނދާންތައް، ރީޙާންގެ ހިތުން ފިލުވަން ކުރެވެންހުރި ހުރިހާ މަސައްކަތެއްވެސް އޭނާ ކުރާނެއެވެ.

[ކާކު ގުޅީ؟] ރީޙާން ފޯނު ކަނޑާލި ވަގުތު، އެތަނަށް އައިސް ހުއްޓުނު ޝަބާބް އެއްސެވެ.

[ނޭނގެ، ކޮންމެވެސް އަންހެން ކުއްޖަކު ގުޅީ...] ރީޙާން ފޯނު ޖީބަށްލިއެވެ.

[ކީއްކުރަންށޯ ގުޅީ؟ އޭނަޔަށް ނޭނގެނީތަ، ރީޙާނަކީ އަހަރެންގެ ޙައްޤެއްކަން. ރީޙާން އޭނަ ގާތު ނުބުނަންތަ؟] ޝަބާބްގެ ސުވާލުތައް ވަރަށް ގިނައެވެ. ހުއްޓުމެއްނެތި ޝަބާބް މާގިނަ ސުވާލުތައް ކުރަން ފެށުމުން، ރީޙާން ހިސާބަކަށް ނުރުހުންވެސްވިއެވެ.

[ޝަބާ...މާ ސުވާލުތައް ގިނަނުކޮށްބަލަ. މީހަކު ގުޅިއެކޭ ކިޔާފައި، އަހަންނަކާ ކޮންކަމެއް....ކިތަންމެ އަންހެން ކުދިން ގުޅިޔަސް، އަހަރެންގެ ހިތަކާ ނުކުޅެވޭނެ.] ރީޙާން ބުންޏެވެ. އެވަގުތު އަނެއްކާވެސް ޒޭބާ ގުޅައިފިއެވެ.

[ޒޭބާ...ޒޭބާ ގާތު އަހަރެން ބުނެފީމެއްނު، އަހަރެން މީހަކާ ރައްޓެހިވެގެން އުޅޭ ވާހަކަައާއި، ކައިވެނިވެސް ވަރަށް އަވަހަށް ކުރާނެ ވާހަކަ. ދެން ކީއްވެތަ ތި ގުޅަނީ...] ރީޙާން އަނެއްކާވެސް ފޯނު ކަނޑާލިއެވެ. ޒޭބާއަށް ބާރަށް ރޮވިއްޖެއެވެ. އެއީ އޭނާގެ ރަޙްމަތްތެރިޔާ ރޯޒީން އައިސް އެތަނަށް ވަން ވަގުތެވެ.

[ޒޭބާ....ކިހިނެއްވީ؟ ބުނެބަލަ...ކިހިނެއްތަވީ...] ރޯޒީން ޒޭބާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ޒޭބާ އަދިވެސް ރޮނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން