ޕީއެންސީ ޕީޖީ ގުރޫޕުގެ ލީޑަރު ފަލާހް-
ޕީއެންސީ ޕީޖީ ގުރޫޕުގެ ލީޑަރު ފަލާހް-
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ޝައުގުވެރިކަން ހުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، އެ މަގާމަށް ވާދަނުކުރައްވާނެ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭނާ ވާދަކުރައްވާ ކަމަށް ބުނެ މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާއި، އެ މަގާމަށް ކުރިމަތިލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާ އެ މަގާމުން ވަކިކުރުމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

ނާޒިމް ވަކިކުރަން ހުށަހެޅުމާ އެކު، ވެރިކަން ކުރާ ޕީއެންސީގެ ތެރޭގައި އެ މަގާމަށް ދެން ގެންނާނެ ބޭފުޅަކާ މެދު ވަނީ ބަހުސްތަކެއް އުފެދިފައެވެ. ބައެއް މެންބަރުން ވިދާޅުވަމުން ދިޔައީ އެ މަގާމަށް ފަލާހު ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް، ފަލާހު ވަނީ އެކަން ސާފުކޮށްދެއްވައި، މަގާމަށް ވާދަނުކުރައްވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.

މަޖިލީހުގެ ނައިބު ރައީސަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ އެންމެ ފުރަތަމަ ތާވަލުކުރީ މިއަދު މެންދުރުފަހު 1:00 އަށެވެ. ނަމަވެސް، މަޖިލީހުގެ އިދާރާއިން ފަހުން ވަނީ އެ ޖަލްސާ މާދަމައަށް ފަސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު