މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ނައިބު ރައީސަކަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އިންތިހާބުކޮށްފިއެވެ.

އެ މަގާމަށް ސަލީމް އާއި ވާދަކުރެއްވީ، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ.

މަޖިލީހުގެ މެންބަރުންގެ މެދުގައި މިއަދު ނެގި ވޯޓުގައި ސަލީމަށް 62 ވޯޓު ލިބިވަޑައިގެންއިރު، ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނާޒިމަށް އިތުބާރު ނެތް ކަމަށް ނިންމައި، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި ގަރާރުގައި ތުހުމަތުކޮށްފައިވަނީ، ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި ބޮޑެތި ތުހުމަތުތައް ކުރީ ކީއްވެގެން ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކުރަށްވައި ނާޒިމް ނެރުއްވި ބަޔާނުގައި، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ވަނީ ހަރުކަށި އިބާރާތުން ދޮގުކުރަށްވާފައެވެ. ނާޒިމް ވިދާޅުވީ، އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައިވާ ތުހުމަތުތައް ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދާ ޚިލާފުވެފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް މީގެ ކުރިން އެއްވެސް މެންބަރަކު ނުވަތަ މުއައްސަސާއަކުން އުފުލާފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ނާޒިމް ވިދާޅުވީ، ނައިބު ރައީސްކަމުގެ މަގާމުގެ ވާޖިބުތައް އަދާކުރަށްވާފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއެކުގައި ކަމަށާއި، ވަކި ސިޔާސީ ފިކުރަކަށް ތަބާވެ މެންބަރުންގެ މެދުގައި ތަފާތުކުރުމެއް ގެންގުޅުއްވާފައި ނުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު