ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ދިވެހިރާއްޖޭގައި ޢުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިޢުލާނު ކުރަށްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ މިއަދު ނޫސްވެރިންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި، ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އަޚުލާޤާއި އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ، އެކަކު އަނެކަކާ ގުޅުން ބަދަހި ކުޑަ މުޖުތަމަޢެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، މުޖުތަމަޢުގައި ފާހަގަކުރެވޭ ބޮޑެތި މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ޙައްލު ހޯދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައިވެސް މިފަދަ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް ރިޢާޔަތްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ނިންމެވުމަކީ ޒުވާން ޖީލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މިއީ އަބަދުވެސް ބެލެނިވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެއްގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގައިވެސް މިއަދު އޮތް ބޮޑު ގޮންޖެހުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާރަކަށް އައިސް ކުދިން ސޯޝަލް މީޑިއާގެ އެކިކަހަލަ ނުރައްކާތަކަށް ހުށަހެޅޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

ޚާއްޞަކޮށް އިންޓަރނެޓްގެ ޒަރީޢާއިން ކުރިމަތިވާ ފުރައްސާރަ ނުވަތަ 'ސައިބަރ ބުލީންގ' އަކީ ކުދިންގެ މުސްތަޤުބަލަށް އޮތް ބޮޑު ހުރަހެއްކަން ފާހަގަކުރައްވައި، އެފަދަ ނުރައްކާތަކުން ކުޑަކުދިން ރައްކާތެރިކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސް މިއަދު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު