ރައީސް މުއިއްޒު
ރައީސް މުއިއްޒު
ދިވެހިރާއްޖޭގެ ކުޅިވަރު ކުޅޭ ބޮޑެތި މައިދާންތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިންނަކީ އިސްލާމްދީނުގެ ހަމަތަކާއި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލީ ގޮތުން ކަންކަން ބައްޓަންކުރަންޖެހޭ ބަޔަކަށް ވާއިރު، ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް އެކަން ދައްކަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ، ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ވަގުތުތަކުގައި ވެސް ނަމާދަށް އިސްކަންދީ، ފަރުވާތެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ.

ނަމަވެސް މާލޭގެ ކުޅިވަރު އެކުވެނި އަދި މާފަންނު ސްޓޭޑިއަމް ފަދަ ބައެއް ބޮޑެތި ސަރަހައްދުތަކުގައި މިވަގުތު ނަމާދު ކުރެވޭނެ އެކަށީގެންވާ އިންތިޒާމެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިހާރު ސަރުކާރުން އަޅަމުންދާ އިމާރާތްތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތަކުގައި ނަމާދުކުރެވޭނެ ފެސިލިޓީތައް ހިމެނުމުގެ މަސައްކަތް މިހާރު އޮތީ ތަންފީޒީ މަރުހަލާގައި ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުޅިވަރު ކުޅެން އުޅޭ ވަގުތުތަކުގައި ނަމާދު ވަގުތު ގެއްލިގެން ނުދާނެ ފަދަ އުސޫލުތަކެއް ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ބަންގި ގޮވާ ވަގުތުން ފެށިގެން ގާތްގަނޑަކަށް 20 މިނެޓުގެ ވަގުތުކޮޅަކަށް ހުރިހާ ކުޅިވަރު ހަރަކާތްތަކެއް މެދުކަނޑާލުމަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިހާރު ސްޕޯޓްސް މިނިސްޓްރީން އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ދަށުން ބިނާކުރާ ކުޅިވަރު ބިނާތަކުގައި ވެސް، ނަމާދު ވަގުތު ޖެހުމުން ބޭނުންކުރެވޭނެ ނަމާދުކުރާ ކޮޓަރި ނުވަތަ ފެސިލިޓީތައް ހުންނާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު