ކަސްޓްމަސް އިން އަތުލައިގަތް ސިނގިރޭޓް
ކަސްޓްމަސް އިން އަތުލައިގަތް ސިނގިރޭޓް
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތަށް އެއްވެސް ބަދަލެއް ނާަންނަ ކަމަށާއި، ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެންނަން އުޅެނީ ކޮންމެހެން ކުރަންޖެހޭ "ޒަރޫރީ" ބަދަލެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދުންފަތާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުން ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން. މިއީ އެއްވެސް ހާލެއްގައި ޔޫ-ޓާާންއެއް ނޫން. އަދި އަޅުގަނޑުމެންގެ ސިޔާސަތަކަށް ވެސް ބަދަލެއް ނާދޭ." ރައީސް ވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރު ތަޢާރަފުކުރި ވަކި ޖީލަކަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ސިޔާސަތަކީ ދުނިޔޭގައި ވެސް މިފަދަ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ މަޝްވަރާތައް ބިނާވެފައިވަނީ ތަޖުރިބާކާރުންނާއި، ބައިނަލްއަޤުވާމީ ކަމާބެހޭ ޖަމްޢިއްޔާތަކުގެ ލަފާގެ މަތިން އެ ފަރާތްތަކުގެ ލަފަޔާއި ދިރާސާތަކަށް ބަލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެނައުމާ މެދު ގޮތެއް ނިންމަވާނީ ހުރިހާ ކަމަކަށް ވަރަށް ފުންކޮށް ވިސްނެވުމަށްފަހު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ވޭޕް މަނާކުރުމާއި ސިނގިރޭޓުން ނަގާ ޑިއުޓީ ދެގުނަ ކުރުމުގެ ސަބަބުން، ވޭޕާއި އަގުހެޔޮ ބްރޭންޑްތަކުގެ ސިނގިރޭޓް ވަގަށް އެތެރެކޮށް ވިއްކުމުގެ ކަޅު ބާޒާރެއް ވަނީ އުފެދިފައެވެ. މީގެ ސަބަބުން ދައުލަތަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ގެއްލެމުންދާކަން ވެސް ފާހަގަކުރެވެއެވެ.

2024 ވަނަ އަހަރު، މިސަރުކާރުން ވަނީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ކޮންމެ ސިނގިރޭޓަކަށް 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކޮށް، އެޑްވަލޮރަމް ޓެކްސް 50 އިންސައްތައިން 100 އިންސައްތައަށް ބޮޑުކޮށްފައެވެ.

ނަމަވެސް، އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ލަފާގެ މަތިން، ސިނގިރޭޓުން ނަގާ ޑިއުޓީ ކޮންމެ ސިނގިރޭޓަކަށް 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ސިނގިރޭޓުން ނަގާ ޓެކްސް ދެގުނަ ކުރުމުގެ އިތުރުން، ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ވޭޕާއި އީ-ސިނގިރޭޓް މަނާކޮށް، 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ސިޔާސަތެއް ތަޢާރަފުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު