ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
އައްޑޫ ސިޓީ މީދޫގެ ތިމާވެށި ހިމާޔަތްކޮށް، ރަށް ސާފުތާހިރުކޮށް ބޭއްވުމަށް "ނަލަފެހި މީދޫ" ޖަމިއްޔާ އިން ކުރަމުންދާ ބުރަ އަދި އަގުހުރި މަސައްކަތްތައް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، މީދޫއަށް ކުރެއްވި ދަތުރުފުޅުގައި ނަލަފެހި މީދޫ ޖަމިއްޔާގެ މެމްބަރުންނާ ބައްދަލުކޮށް، އެބޭފުޅުން ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވާލެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓޭނީ ވެށީގެ ސާފުތާހިރުކަން ދަމަހައްޓައިގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ފައިސަލް ވަނީ މަންތާ ބީޗް އެންޑް ރީޓްރީޓްގައި މަސައްކަތްކުރާ ހީވާގި ޒުވާން ޓީމާ ބައްދަލުކުރައްވައި، އެތަނުގެ މެނޭޖްމަންޓްގައި ތިއްބެވި ޒުވާން ބޭފުޅުންގެ ހިތްވަރަށް ތައުރީފު ކުރައްވާފައެވެ.

ރަށުގައި ފަތުރުވެރިކަން ފުޅާކުރުމަށް އެ ޒުވާނުން ކުރަމުންދާ މަސައްކަތަކީ އެހެން ވިޔަފާރިތަކަށް ވެސް ނަމޫނާއެއް ކަމަށާއި، މިފަދަ ވިޔަފާރިތައް އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދޭން ޖެހޭކަމަށް ފައިސަލް ވިދާޅުވިއެވެ.

މީދޫއަކީ ފަތުރުވެރިކަމަށް ފައްކާވެފައި އޮތް، ސާފު އަދި ރީތި ރަށެއްކަން ފާހަގަކުރައްވަމުން، އެ ރަށުގެ ޒުވާނުންގެ ފޯރިއާއި ހިތްވަރަކީ ފަތުރުވެރިކަމުގެ ދާއިރާގައި މީދޫ އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު