އުމުރުން އެންމެ 18 އަހަރުގެ ރިހާން (އަސްލު ނަމެއް ނޫން) އަކީ މީގެ ކުރިން ސިއްހީ އެއްވެސް މައްސަލައެއް ނެތް، ދުޅަހެޔޮ ޒުވާނެކެވެ. ނަމަވެސް، ކުއްލިއަކަށް ހަށިގަނޑުގެ ކަނާތްފަރާތުން ވާގިނެތި، ވާހަކަދެއްކުމަށް އުނދަގޫތަކެއް ކުރިމަތިވުމުން އޭނާގެ އާއިލާއިން ވަނީ އަވަސް ފަރުވާއަށް ކަލްކަތާގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. ޓެސްޓުތަކުން އެނގުނު ގޮތުގައި އޭނާއަށް ވަނީ ސިކުނޑީގެ ނާރެއް ބެދިގެން ސްޓްރޯކެއް ޖެހިފައެވެ.

ފުރަތަމަ ބެލިބެލުމަށް މިއީ އާދައިގެ ސްޓްރޯކެއް ކަމަށް ފެނުނު ނަމަވެސް، ޑޮކްޓަރުން އިތުރަށް ބެލި ބެލުމުން ފެނުނީ ހީވެސް ނުކުރާ ފަދަ ކަމެކެވެ. ރިހާންގެ ސިކުނޑިއަށް ލޭ ދައުރުވުން ހުއްޓުނީ ސިކުނޑީގެ މައްސަލައަކުން ނޫން ކަމާއި، އެއީ ހިތުގެ ތެރޭގައި އުފެދިފައިވާ ގަނޑުލޭ ނުވަތަ ޓިއުމަރެއްގެ ސަބަބުން ކަން ވަނީ ހާމަވެފައެވެ. ހިތުގެ ވައަތްފަރާތު މަތީ ކޮޓަރީގައި (ލެފްޓް އޭޓްރިއަމް) ގާތްގަނޑަކަށް 6 ސެންޓިމީޓަރުގެ ބޮޑު ޓިއުމަރެއް އުފެދިފައި ހުއްޓެވެ.

"ލެފްޓް އޭޓްރިއަލް މައިކްސޯމާ" ގެ ގޮތުގައި ދެނެގަނެވުނު މި ޓިއުމަރަކީ ކެންސަރު ބައްޔެއް ނޫން ނަމަވެސް، އޭގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މި ޓިއުމަރުން ކުދިކުދި އެތިކޮޅުތައް ނެއްޓިގެން ލޭގެ ތެރޭގައި ދައުރުވެ، ސިކުނޑިއަށް ވާސިލުވީއެވެ. ރިހާންގެ ސިކުނޑީގެ ނާރެއް ބެދި، ސްޓްރޯކް ޖެހެން މެދުވެރިވި ސީދާ ސަބަބަކީ މިއީއެވެ. ކަލްކަތާގެ ނާރާޔަނާ އާރް.އެން ޓޭގޯރް ހޮސްޕިޓަލުގެ ސީނިއާ ކާޑިއެކް ސާޖަން ޑރ. އަތަނޫ ސާހާ ވިދާޅުވި ގޮތުގައި، މިއީ ވަރަށް ނާޒުކު އޮޕަރޭޝަނެކެވެ. ޓިއުމަރު އޮތީ ހިތުގެ މައި ދޮރު ނުވަތަ 'މައިޓްރަލް ވޭލްވް' އާ ވަރަށް ކައިރީގައި ކަމުން، އެ އެތިކޮޅެއްގެ ގޮތުގައި ނެގުމަށް ފަސް ގަޑިއިރުގެ ކާމިޔާބު އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

އޮޕަރޭޝަނަށްފަހު ދެ ހަފްތާ ވަންދެން ހޮސްޕިޓަލުގައި ފަރުވާދީ، ފިޒިއޮތެރަޕީގެ އެހީގައި ރިހާން މިހާރު ވަނީ އަލުން ވާހަކަދައްކަން ފަށައި، ހަށިގަނޑުގެ ހަރަކާތްތައް އާންމު ހާލަތަކަށް ގެނެސްފައެވެ. ރިހާންގެ ބައްޕަ ބުނި ގޮތުގައި، އޭނާގެ ދަރިފުޅަކީ އަބަދުވެސް ޑޮކްޓަރަކަށް ވާން ބޭނުންވާ ކުއްޖެއް ކަމަށެވެ. އަދި މި ހިތްދަތި ތަޖުރިބާއަށްފަހު އެ ހުވަފެނުގައި ކުލަޖެއްސުމަށް އޮތް ޝައުގުވެރިކަން މިހާރު ވަނީ އިތުރުވެފައި ކަމަށްވެސް ފާހަގަކުރިއެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު، މިފަދަ ހިތުގެ ޓިއުމަރުތައް ފެންނަނީ ވަރަށް މަދުންނެވެ. އާންމުކޮށް މިއީ އުމުރުން 40 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ދިމާވާ ކަމެއް ނަމަވެސް، ރިހާން ފަދަ ޒުވާނަކަށް މިކަން ދިމާވުމަކީ ޑޮކްޓަރުންނަށް ލިބުނު ހައިރާންކަމެކެވެ. މީގެ އެންމެ ނުރައްކާތެރި ކަމަކީ ހިތުގެ އެއްވެސް ބަލިމަޑުކަމެއްގެ އަލާމާތެއް ކުރިން ނުފެނި، ކުއްލިއަކަށް ސްޓްރޯކަކާ ކުރިމަތިލާން ޖެހުމެވެ.

މި ކޭސްއިން އެނގިގެންދަނީ، ސްޓްރޯކަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެއް ނޫން ކަމެވެ. ޒުވާނުންގެ ކިބައިން ސްޓްރޯކްގެ އަލާމާތެއް ފެނިއްޖެނަމަ، އެއީ އާދައިގެ ކަމެއް ކަމަށް ބަލައި ދޫކޮށްނުލުމަށާއި، އަވަހަށް ޓެސްޓުތައް ހަދައި ބަލީގެ އަސްލު ދެނެގަތުމަކީ ފުރާނަ ސަލާމަތްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ.

މަސްދަރު: ނިއުސް18



ކިޔުންތެރިންގެ ހިޔާލު