ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް އުސޫލުތަކާ ހިލާފަށް ކުއްޔަށް ދޫކުރަމުންދާ މައްސަލާގައި ފިޔަވަޅު އަޅަން ފަށައިފިއެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، މިދިޔަ މަހުގެ ތެރޭގައި އެއްބަސްވުމާ ހިލާފުވި އެކަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް ވަނީ ލިޔުމުން އިންޒާރު ދީފައެވެ.

އެފްޑީސީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އުސޫލާ ހިލާފަށް ފްލެޓް ކުއްޔަށް ދޫކުރާ އިތުރު ދެ މައްސަލައެއް މިހާރު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، ޖޫރިމަނާކުރި މީހާ އަތުން ނެގި ފައިސާގެ ސީދާ އަދަދެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4،000 ހައުސިން ޔުނިޓަކީ އާއިލާތަކުގެ ދިރިއުޅުމަށް ހާއްސަކޮށް ދޫކޮށްފައިވާ ތަންތަނެވެ. އެހެންކަމުން، ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި އެ ތަންތަން އެހެން ފަރާތްތަކަށް

ކުއްޔަށް ދޫކުރުމަކީ އެ ކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެކެވެ.

މިފަދަ ފްލެޓުތައް ކުއްޔަށް ދޫކުރުމަށް ސޯޝަލް މީޑިއާގެ އެކި ޕޭޖުތަކުގައި އިޝްތިހާރު ކުރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން، މިދިޔަ ފެބްރުއަރީ މަހު "އަމާން އުދަރެސް" ފްލެޓެއްގައި ބިދޭސީން ދިރިއުޅޭ ލޭބަ ކުއާޓާއެއް ހަދައިގެން އުޅުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން އެ ތަނުން ބިދޭސީން ނެރެ، މިހާރު އެ ފްލެޓުގައި ދިރިއުޅެނީ ފްލެޓު ލިބުނު އާއިލާ ކަމަށެވެ.

ހަމްދާން އިތުރަށް ވިދާޅުވީ، އަމިއްލަ ފަރުދުން ރިއަލް އެސްޓޭޓް ވިޔަފާރި ކުރުމަށް މި ފްލެޓުތައް ބޭނުންކުރުމަކީ ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެފައިވާ މީހުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އެހެންކަމުން، ގަވާއިދާ ހިލާފަށް ކުއްޔަށްދޭ ތަންތަން ބަލައި ފާސްކޮށް، އެފްޑީސީން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ފްލެޓް ލިބުނު ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ތަންތަން އެހެން ބަޔަކަށް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އަދި މިފަދަ އަމަލެއް ހިންގައިފި ނަމަ، އެއީ ފްލެޓް އަތުލެވިދާނެ ހާލަތެއް ކަމަށް ވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު