ރައީސް ނަޝީދު
ރައީސް ނަޝީދު
ރާއްޖޭގެ ރަށްތަކުން އެމްޑީޕީގެ ޖޯޝާއި ފޯރި އަލުން ފެންނަން ފަށާފައިވާ ކަމަށާއި، ޕާޓީގެ އަމާޒު މިހާރު ހުރީ 2028 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައީސް ނަޝީދު މިހެން ވިދާޅުވީ، އެ އިންތިހާބުގެ ކެމްޕެއިނަށް ގދ. ގައްދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ މައިގަނޑު އަމާޒަކީ ރައްޔިތުންގެ ފުދުންތެރިކަމާއި ތަނަވަސްކަން އިތުރުކުރުން ކަމަށް ވިދާޅުވިއެވެ. ގައުމީ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް އަންނަ ހެޔޮ ބަދަލުތަކަކީ އަބަދުވެސް އެމްޑީޕީގެ ފިކުރާ ގުޅިފައިވާ ކަންކަން ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުން އެދޭ ފަދަ އުފާވެރި ބަދަލުތަކެއް ގެނެސްދޭނީ ހަމައެކަނި އެމްޑީޕީން ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މިހާރު ކުރިއަށްދާ ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޗެއާޕާސަން ކަމަށް ވާދަކުރައްވާތީ ތާއީދު ހޯއްދެވުމަށް ގައްދޫ ރައްޔިތުންގެ ކިބައިން އެމަނިކުފާނު ވަނީ ވޯޓަށް އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް އިތުބާރުކޮށް، ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ދެއްވުމަށް ގައްދޫގެ ހުރިހާ ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު