އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، އެ ސިޓީގައި ބެހެއްޓި ވޯޓު ފޮށިތަކުން ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ، ޕީއެންސީގެ ކެނޑިޑޭޓް އަޙްމަދު ސަޢީދަށް ވޯޓު ދެއްވި ހިތަދޫ އުތުރު ދާއިރާގެ ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި އިންތިޚާބުގައި ކެނޑިޑޭޓް ދެއްކެވި ހިތްވަރަށް ސާބަސް ދެއްވައި، ކެމްޕެއިންގައި ހަރަކާތްތެރިވި ޓީމުގެ ބުރަ މަސައްކަތަށް އެމަނިކުފާނު ވަނީ ތަޢުރީފު ކުރައްވާފައެވެ.

އިންތިޚާބުގެ ނަތީޖާއަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މުޅި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ހާމަވާ ކަމެއް ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ތިއްބެވީ ސާބިތު އަމާޒެއްގައި، ވަރުގަދަ އަޒުމަކާއެކު ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ ށޯދިގް (ސޯބެ) އެވެ. އޭނާ އިންތިޚާބު ކާމިޔާބު ކުރެއްވީ 1375 ވޯޓާއެކުގައެވެ. އެއީ ވޯޓުލީ މީހުންގެ 51 އިންސައްތައެވެ. ޕީއެންސީގެ ކެނޑިޑޭޓް އަޙްމަދު ސަޢީދަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. އެއީ 48 އިންސައްތަ ވޯޓެވެ.

މުޅި އިންތިޚާބުގެ ނަތީޖާއިން ސޯބެ 62 ވޯޓުގެ ތަފާތުން ކުރި ހޯއްދެވި ނަމަވެސް، އައްޑޫ ސިޓީގައި ބެހެއްޓި ބައެއް ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދަވާފައިވެއެވެ. މިއީ މީގެ ކުރިން އިދިކޮޅު ފަރާތްތަކަށް ބޮޑު ތާއީދެއް އޮންނަ ދާއިރާއަކުން ސަރުކާރު ހިންގާ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ޕާޓީގެ އިސްވެރިން އަންނަނީ ފާހަގަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު