ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލަތަކެއްގައި ހައްޔަރުކުރި ބައެއް މީހުންނަކީ، ގުރުއަތަކުން ހޮވުނު ނަސީބުވެރިން ކަމަށް ބުނެ ބަޔަކު އޮޅުވާލައިގެން ރާއްޖެ ފޮނުވި ބައެއް ކަމަށް އެމީހުންގެ ވަކީލުން ކޯޓުގައި ވިދާޅުވެއްޖެއެވެ.

މިދިޔަ މާޗު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އިންޑިއާގެ ޒުވާނެއް ކަމަށްވާ ދަނޫޝްކާނދަން ބޯޕާލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ވަކީލު ވިދާޅުވީ، ބޯޕާލް އަކީ ބަޔަކު ރާވައިގެން ހިންގި އޮޅުވާލުމެއްގެ ތެރޭގައި ބޭނުންކުރި މައުސޫމް ކުއްޖެއް ކަމަށެވެ. ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރަމުންދާ މި ޒުވާނާއަށް ރާއްޖެ އައުމުގެ ފުރުސަތު ލިބުނީ ގުރުއަތަކުން ހޮވުނު "ނަސީބުވެރި" ފަރާތެއްގެ ގޮތުގައި ކަމަށް ބުނެފައިވާ ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.

ވަކީލު އިތުރަށް ވިދާޅުވި ގޮތުގައި، ބޯޕާލްއާ ހަވާލުކުރި ދަބަހުގައި ހުރީ ރާއްޖޭގެ ބާޒާރަށް ތައާރަފްކުރާ މުދަލެއްގެ ސާމްޕަލްތަކެއް ކަމަށް ބުނެ އޭނާއަށް ވަނީ އޮޅުވާލާފައެވެ.

ބޯޕާލްގެ ބަންދަށް ކޯޓުން މިހާރު ވަނީ އިތުރު 45 ދުވަސް ޖަހާފައެވެ. މި މައްސަލައާ ގުޅިގެން ޖުމްލަ ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތަރު މީހަކާއި ދިވެއްސެކެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މީގެ ތެރެއިން ތިން މީހެއްގެ އަތުން ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި، އެއް "ޕެޓާން" އަކަށް ނުވަތަ އެއްގޮތަކަށް ރާވައިގެން ހިންގާފައިވާ މިފަދަ ހަތަރު މައްސަލައެއް މިހާތަނަށް ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް، މޯބައިލް ފޮރެންސިކް ރިޕޯޓްތަކުން ދައްކާ ގޮތުގައި މި ކުށުގައި އެކި މީހުން ބައިވެރިވެފައިވާ މިންވަރު ތަފާތެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިންޑިއާގެ ރައްޔިތުން ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އިދާރާއިން ވަނީ ބޭރު ގައުމުތަކަށް ދަތުރުކުރާއިރު ގޮތް ނޭނގޭ މީހުން ދޭ ތަކެއްޗާ ހަވާލުނުވުމަށާއި، އަމިއްލަ ދަބަސްތަކަށް ފަރުވާތެރި ވުމަށް އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު