ޞާދިރު ޢަލީދީދީ   20 އޮކްޓޯބަރު 2020 - 13:55
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 08

................

[ޒޭބާ....ކިހިނެއްވީ؟ ބުނެބަލަ...ކިހިނެއްތަވީ...] ރޯޒީން ޒޭބާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ޒޭބާ އަދިވެސް ރޮނީއެވެ.

[ރޯޒީ....އަހަރެންގެ އުންމީދުތައް ފެނަށްވެއްޖެ. ރީޙާނަކީ އެހެން މީހެއްގެ މިލްކެއް. ރީޙާން ބުނީ، އެ ބުނާ މީހާޔާ ވަރަށް އަވަހަށް ކައިވެނިވެސް ކުރަން އުޅޭ ވާހަކަ. ރޯޒީއަށް އެނގޭނެ...އަހަރެން އޭނަދެކެ ލޯބިވާ މިންވަރު....] ޒޭބާ ރޯޒީންގެ ކޮނޑުގައި ބޯއަޅާލިއެވެ.

[ޒޭބާ....ފިރިހެނަކާ ހެދި ތިވަރަށް އުޅޭކަށްނުވާނެ...ބާދަލް މިހާރުވެސް ޒޭބާދެކެ ނުލާހިކު ލޯބިވޭ. ބާދަލްއާ ގުޅެންވީނު. ހުރިހާ ގޮތަކުންވެސް ޒޭބާއަށް ރަނގަޅުވާނީ، ބާދަލްއާ ގުޅުނިއްޔާ.] ރޯޒީން ޒޭބާޔަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

[ބޭނުމެއް ނޫން...އާދޭސްކޮށްގެންވެސް އަހަރެން ބޭނުން، ރީޙާންގެ ލޯބި ހޯދަން.] ޒޭބާ އެހާ ފަސޭހައިން ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ.

[ރޯޒީއަށް އެނގޭތަ، އަބަދު ގުޅާފައި އަހަރެން ލޯބިވާ ވާހަކަ ބުނަންޏާ، އޭނަޔަށް މަޖުބޫރުވާނެ، އަހަންނާ ދޭތެރޭ ވިސްނަން. އެއީ ޔަޤީން ކަމެއް...އަހަރެން އޭނަ އަނބުރާލާނަން.] އެއީ ޒޭބާ އުންމީދުކުރާ ގޮތެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. އިރިފުސްމެ ވަގުތު ފެށެން އުޅޭތީ، ޝަބާބް ތައްޔާރުވަމުން އެދަނީ، ގެއިން ނިކުތުމަށެވެ. އުޑު ހާމަ ތަނަކަށް ދިޔުމަށެވެ. ނަމަވެސް، މިއަދު ރީޙާން ބޭނުންވަނީ، ގޭގައި މަޑުކޮށްލާށެވެ. މަންމައާއި ބައްޕަވެސް ގޭގައި ނެތުމާއެކު، އުފާވެރި ވަގުތުކޮޅެއް ބަންދު ތަނެއްގައި ހޭދަކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް، ޝަބާބް ބޭނުންވަނީ ގެއިން ނިކުންނާށެވެ.

[ޝަބާބް...އިހަށް މަޑުކޮށްބަލަ...މަންމަވެސް ބައްޕަވެސް ގެޔަކު ނެތެއްނު. އައިސްބަލަ ކޮޓަރިތެރެޔަށް.] ރީޙާން ޝަބާބްގެ އަތުގައި ހިފެހެއްޓިއެވެ. އެއީ އިރު އޮއްސެމުންދިޔަ ވަގުތެވެ. ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ޝަބާބް ބަލައިލިއެވެ. ހަމައެޔާއެކު، އޭނާޔަށް ތެޅިގަނެވުނެވެ.

[ނޫން...ރީޙާން...އަންހެނަކާއި ފިރިހެނަކު އެކަހެރި ތަނެއްގައި ބަންދުވެގެން ތިބެން ވެއްޖެނަމަ، ރަނގަޅު ކަމެއް ނުކުރެވޭނެ. އެކަނިވާނީ ކައިވެންޏަށްފަހު. އެހެން ނޫނީ، އާ ކައިވެނީގެ ރެޔާ ކުރިމަތިލާއިރު، މުޅިން ބާވެދާނެ. އެރޭގެ ޙަޤީޤީ ހިތްހަމަޖެހުމެއްވެސް ނުލިބޭނެ.] ޢިޝްގީ އަސަރުގައި ބަލަންހުރި ރީޙާންގެ މޫނަށް ބަލައިލުމަށްފަހު، ޝަބާބް ބުންޏެވެ. ރީޙާން ބޯޖަހާލިއެވެ. އެ ފުރްޞަތުގައި ޝަބާބް ބޭރަށް ނިކުމެއްޖެއެވެ. ރީޙާންވެސް ޝަބާބްގެ ފަހަތުން ނިކުތެވެ.

[ޝަބާ ތިބުނީ ރަނގަޅު ވާހަކައެއް. އާ ކައިވެނީގެ ރޭގެ ހިތްހަމަޖެހުން ހޯދަން އަހަރެން ކިތަންމެހާވެސް ބޭނުން.] ރީޙާން ޝަބާބާ އަރާހަމަވިއެވެ.

[ކޮންތާކަށް ދާނީ؟] ޝަބާބާ އަރާހަމަކޮށް، ރީޙާން އެއްސެވެ.

[އަބަދުވެސް ދާ ތަނަށް. މިއަދު ދިޔަވަރު ހިކިފައި އޮތިއްޔާ ބޯޓަށް އަރާނީދޯ؟] ޝަބާބް ބުންޏެވެ.

[އެންމެ ރަނގަޅު...ޝަބާ މިހާރު އަހަރެން ވަރަށް ބޮޑަށް ބޭނުންވޭ، އަބަދުވެސް ޝަބާގެ ކައިރީގައި އުޅެން. ރޭގައިވެސް ހިތަށްއެރި، ދަންވަރު ތިކޮޓަރިއަށް ވަދެފާނަމޭވެސް. އަބަދު މިގޮތަށް އުޅުމަކީ މާ ފަސޭހަ ކަމެއް ނޫން.] ރީޙާން ޝަބާބްގެ އަތުގައި ހިފަހައްޓާލިއެވެ.

އެވަގުތަކީ މޫސުމުގެ ގޮތުން ދިޔަވަރުވެސް ހިކިފައިވާ ވަގުތެކެވެ. ރީޙާން ޝަބާބްގެ އަތުގައި ހިފައިގެން ގޮސް އެރީ، އަރިއަޅާފައި އޮތް ބޯޓްގަނޑަށެވެ. އެއީ ހިސާބަކަށް ފޫގޮސް ހަލާކުވެފައިވާ ބޯޓެކެވެ. ބޯޓްގެ ގެގަނޑުގެ ހިޔާގަނޑު ނެތަސް، ގެގަނޑު ތެރެއަށް ވަނީމާ، ވަށައިގެން ހުންނަނީ ބަންދުވެފައެވެ. ރީޙާނާއި ޝަބާބް ވަނީ އެގެގަނޑު ތެރެޔަށެވެ.

[ޝަބާ އައިސްބަލަ ގާތަށް...އަދިވެސް...އަދިވެސް.] މަސްތީ އިޙްސާސްތަކަކާއެކު، ރީޙާން ޝަބާބްގެ އަތުގައި ހިފައި އޭނާޔާ ގާތަށް ލަފާލިއެވެ. އެހިނދު އެދެލޯބިވެރިންގެ ވިސްނުންވެސް ބަދަލުވެގެންދިޔަ ކަހަލައެވެ. އާއެކެވެ. މިހާރު ޝަބާބްވެސް އެއޮތީ ފޮޅިފައިވާ ފިނިފެންމަލެއް ފަދައިން މާބުރަށް ފުރްޞަތުދީގެންނެވެ.

ބަގީޗާގައި ފޮޅިފައި އިން ހިތްގައިމު މަލަށް ތިރިކޮށް، ކަރުގަނޑަށް މާބުރުގެ ކަށި ވަދެގެންދިޔައިރު، ޒޭބާހުރީ ގަނޑުވެފައި އެދިމާއަށް ބަލަހައްޓައިގެންނެވެ. ޒޭބާގެ ގޭގެ ގޯތިތެރެޔަކީ ހިތްގައިމު މާމެލާމެލީގެ ބަގީޗާތަކުން ފުރިފައިވާ ސަރަޙައްދެކެވެ. އެހެންވުމާއެކު، ޒޭބާ އިރުއަރައިގެން އަންނަ ވަގުތާއި، އޮއްސޭ އިރާއެކު ބަގީޗާތެރޭގައި ވަގުތު ހޭދަކުރެއެވެ. އެގޮތުން، މިއަދުވެސް ޒޭބާ އެހުރީ މާބުރުގެ ކުޅިވަރު ބަލާށެވެ. މާބުރު މާމެލާމެލިން ފޮނި ބޮނީއެވެ.

މާބުރުގެ ބައެއް ޙާލަތްތަކުގައި އިންސާނުންވެސް ސިފަކުރެއެވެ. މާބުރުގެ ކުޅިވަރު ބަލަން ހުއްޓަސް، އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ، ރީޙާންގެ ޚިޔާލުތަކެވެ.

އެވަގުތު ކީކޭ ހިތަށްއެރީ ކަމެއް ނޭނގެއެވެ. އޭނާ ރީޙާނަށް ގުޅައިފިއެވެ. ރީޙާން ތެޅިގެންފައި ފޯނު ނެގިއެވެ. އޭރު އޭނާއާ ދާދި ގާތުގައި ޝަބާބްވެސް އިނެވެ.

[ރީޙާން...އާދޭސްކޮށްފައި ބުނަން...އަހަންނާ ބައްދަލުކޮށްފާނަންތަ؟] ގިލަންވެރި އަޑަކުން ޒޭބާ ވާހަކަ ދެއްކިއެވެ.

[މިވަގުތު ވަރަށް ބިޒީ...ބާއްވަނީ...] ރީޙާން ފޯނު ބޭއްވިއެވެ.

[އަނެއްކާވެސް އެ އަންހެނަކު ގުޅީދޯ...ކީއްވެތަ ނުގުޅާށޭ ނުބުނީ. ދެން ގުޅާ ފަހަރަކުން ދީބަލަ މަގޭ އަތަށް. ކުޅިވަރު ދައްކާލާނަން.] ޝަބާބް ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.

[ކުރީ ދުވަހެއްގައިވެސް އަހަރެން ބުނިން، ގުޅައިގެން ނުވާނެޔޭ. އެކަމަކު އެގުޅަނީނު...އަހަރެން ނުގުޅާށޭ ބުންޏަސް، އޭނަގެ އަތުގައި އޮތް ފޯނަކުން އޭނަ ގުޅާނެއެއްނު.] ރީޙާން ހިނިތުންވެލަމުން ބުންޏެވެ.

[އަހަންނާ ޖެހިއްޖެއްޔާ، އޭނައަށް ޖެހޭނީ ހުއްޓާލަން. އަހަރެން ކުރިމަތިލާނީ އެންމެ ފަހަރަކު...] ޝަބާބް ބުންޏެވެ.

އެރޭގެ ދަންވަރެވެ. ނިދާފައި އޮތް ޒޭބާއަށް ހޭލެވުނީ ކޮޓަރީގެ ކުޑަދޮރުތައް ވަޔާއެކު ތެޅޭ އަޑަށެވެ. ޒޭބާ ތެދުވެ ބޮކި ދިއްލިއެވެ. އެޔާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ކޮޓަރީގެ ހުރިހާ ކުޑަދޮރުތަކެއްވެސް ހުރީ ހުޅުވާފައެވެ. ވަޔާއެކު އެ ދޮރުތައް ލެއްޕެމުންދާއިރު، ހީވަނީ ޠޫފާނެއް ކުރިމަތިވެގެން އުޅޭހެންނެވެ. ޒޭބާ ތެދުވެ ކުޑަދޮރުތަކާ ދިމާޔަށް ހިނގައިގެންފިއެވެ. އެޔާއެކު، ފެނުނު މަންޒަރުން އޭނާގެ އަނގަ ހުޅުވުނެވެ. ވެހެމުންދިޔަ ވާރޭގެތެރޭގައި އެ ދިމާއަށް ބަލަހައްޓައިގެން އެހުރީ ރީޙާނެވެ. ރީޙާން އޭނާއަށް ހަނާއަޅަނީއެވެ. އަންނާށޭ ބުނާފަދަ ގޮތަކަށެވެ. ބޭއިޚްތިޔާރުގައި ޒޭބާ ކޮޓަރިން ނިކުތެވެ. ބޮޑު ކޮޓަރިން ހުރަސްކޮށް، ވެހެމުންދިޔަ ވާރޭގެތެރެއަށް ނިކުމެއްޖެއެވެ.

[ރީޙާން...ވާރެޔާ ތެމިފޯވެގެން މިތާ ކީއްތިކުރަނީ؟] ނުހަނު އުފާވެފައި ހުރެމެ ޒޭބާ ވާހަކަ ދެއްކިއެވެ.

[މެންދަމުގެ ވަގުތު، ވެހެމުންމިދާ ބޯވާރޭގެ ތެރޭގައިވެސް ޒޭބާޔާ ބައްދަލުކުރާހިތްވީމާ ނިކުތީ...އަވަހަށް ހިނގާ އެކަހެރި ތަނަކަށްދަމާ.] ރީޙާން މިހެން ބުނެފައި ކުރިޔަށް ހިނގައިގެންފިއެވެ.

[އަޅެ އަޞްލުވެސްތަ....އަހަރެން ހާދަ އުފާވެއްޖޭ. އެކަމަކު އަހަރެންގެ ކޮޓަރިޔަކީވެސް އެކަހެރި ތަނެކޭ. ހިނގާ ވާހަކަ ދައްކަން ކޮޓަރިއަށް. މިވަގުތު ގޭގެ ހުރިހާ މީހުންވެސް އެތިބީ ނިދާފައި....] ޒޭބާ ހީވަނީ އުފަލުން މޮޔަވެދާނެހެންނެވެ. ޒޭބާ އޭނާ ލައިގެން ހުރި ތުނި ނައިޓީ ރަނގަޅުކޮށްލިއެވެ.

[ނޫނޭ ކަމަކުނުދާނެ. އަހަރެންގެ އެންމެ އުފާވެރި ވަގުތު ގޭގެ މީހުން ހޭލަފާނެ. އާދޭ...ސައިކަލް ފަހަތަށްއަރާ....] ރީޙާން އެރީ އެގޭ ދޮރުމަތީގައި ހުރި ސައިކަލަށެވެ. ޒޭބާ ފަހަތަށް އެރުމާއެކު، ރީޙާން ސައިކަލް ދުއްވާލައިފިއެވެ.

ބާރު ދުވެލީގައި ސައިކަލް ދުއްވަމުން ގޮސް ރީޙާން ސައިކަލް މަޑުކުރީ ހިތަދޫ އާރު.އޭ.އެފް. ސަރަޙައްދަށެވެ. އެ ސަރަޙައްދަކީވެސް އައްޑުއަތޮޅުގައި އިނގިރޭސިން އުޅުނު ދުވަސްވަރު ރޯޔަލް އެއަރފޯސް އުޅުނު ސަރަޙައްދެއް ކަމަށްވެއެވެ. އެ ސަރަޙައްދަށް އާރު.އޭ.އެފް ކިޔުނީވެސް އެ ސަބަބާހުރެ ކަމަށް ޤަބޫލު ކުރެވެއެވެ.

[ރީޙާން...ގެޔާ މިހާދުރަށް ފަޅު ސަރަޙައްދަކަށް ތިޔައީ ކީއްކުރަން؟ މިގަޑީގައި މިތަން ވަރަށް ނާމާންވެސްވާނެ....އަޅެ ރަށުތެރޭގެ ކޮންމެވެސް ހިސާބަކަށް މަޑުކުރިނަމަ.] ސައިކަލުން ފޭބުމަށްފަހު، ރީޙާންގެ ފަހަތުން ވަލުތެރެޔަށް ވަދެގެން ހިނގައިގަންނަމުން، ޒޭބާ ވާހަކަ ދެއްކިއެވެ.

[ކޮންމެ ހިސާބެއްވެސް ނާމާންކުރީމާ ނާމާންވާނެ. އަހަންނާއެކު އާދޭ...މިދަތުރުގެ ނާމާން ކަމަކީވެސް އަހަރެން. ރައްކާތެރި ކަމަކީވެސް އަހަރެން.] އަނދިރީގެ ތެރޭގައި ރީޙާން ވަނީ އެންމެ ގިނައިން ރުއްގަސްހުރި ސަރަޙައްދަށެވެ. އޭރު ކުރިޔަށްވުރެންވެސް ބޯކޮށް ވާރޭވެހެން ފަށައިފިއެވެ. މިހާރު ޒޭބާ ލައިގެންހުރި ތުނިތުނި ނައިޓީ ހަށިގަނޑުގައި ވަނީ ރަނގަޅަށް ތަތްލާފައެވެ. އެހެންވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ވަނާ ހާމަވަމުންދިޔައެވެ.

[ރީޙާން...މިހާދުރަށް އަންނާނެކަން އެނގުނުނަމަ، އަހަރެން އައީހީ ހެދުން ބަދަލުކޮށްގެން...] ޒޭބާ ލަދުގަންނަން ފެށިއެވެ.

[ލަދުނުގަނެބަލަ...މިއީ އުފާކުރަންވީ ވަގުތު. އަހަރެންގެ ދެއަތުގެ ތެރެއަށް އާދޭ. ތިހުރީ ވަރަށް ބޮޑަށް ހީކަރުވައިގެންފައެއްނު....] ރީޙާން ޒޭބާއާ ދިމާއަށް ދެއަތް ދިއްކޮށްލިއެވެ. އެ ދެއަތުގެ ތެރެޔަށް ވަނުމަށްޓަކައި ބޭއިޚްތިޔާރުގައި ޒޭބާ ކުރިޔަށް ޖެހެން ފެށިއެވެ. ޒޭބާ ކުރިޔަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު، ރީޙާން ދިޔައީ ފަހަތަށް ޖެހެމުންނެވެ. ހިނިއައިސްފައި ހުރެއެވެ. ދެން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ކުއްލިއަކަށް ރީޙާން އަނެއް ފަރާތަށް އެނބުރި ނިކަން ބާރަށް ހޭންފަށައިފިއެވެ.

[އަޅެ...ކިހިނެއްވީ ރީޙާން...މަޑުކޮށްބަލަ.] ޒޭބާ ހުއްޓުނެވެ. ނަމަވެސް، ރީޙާން ހުނުން ހުއްޓައެއްނުލައެވެ. ނަމަވެސް، މިހާރު ރީޙާންގެ ހުނުމުގެ އަޑާއި ރާގު ބަދަލުވެއްޖެއެވެ.

[ރީޙާން...ކިހިނެއްތަ ތިވަަނީ...އަޅެ އަހަރެން ބިރުގަންނަން ފަށައިފި.] ޒޭބާ ބިރުގަންނަން ފެށިއެވެ. އެވަގުތު ރީޙާން ޒޭބާއާ ދިމާއަށް އެނބުރުނެވެ. އެޔާއެކު ފެނުނު ބިރުވެރި ނާމާން ސޫރަޔަކުން ޒޭބާގެ ދެލޯ ބޮޑުވެ، ބާރަށް ރޮއިގަނެވިއްޖެއެވެ.

މިހާރު ޒޭބާގެ ކުރިމަތީގައި އެހުރީ އޭނާ އެންމެ ލޯބިވާ ރީޙާނެއް ނޫނެވެ. އެއީ ބިރުވެރި ނާމާން ސިފައެއްގައި ހުރި ރޫޙާނީ ބާރެކެވެ. އޭތީގެ ކަޅިއެއް ނުފެނެއެވެ. ލޮލުގެ ތެރެއިން ފެންނަމުންދަނީ ސާފު ހުދުކުލައެވެ. އަނގައިގެ ދަތްތައް އާދަޔާ ޚިލާފަށް ގިނަވުމުގެ އިތުރުން، އަނގައިގެ ދެފަރާތުގައި ދިގު ދެދަތެއް ނިކުމެފައި ހުއްޓެވެ.

ޒޭބާ ސަލާމަތަށް އެދި ގޮވަމުން ދުއްވައިގަތެވެ. ނަމަވެސް، މާބޮޑަށް ބިރުގެންފައި ވުމުގެ ސަބަބުން އޭނާއަށް ދުވެފައި ދެވުނީ ހައްތާ ވަލުތެރެޔަށެވެ.

[ލޯބި ލޯބި ޒޭބާ...މަޑުކުރޭ...އަހަރެންދެކެ ލޯބިވަންޏާ މަޑުކުރޭ.] ބިރުވެރި ސިފައިގައި ހުރި އެތި ނާމާން އަޑަކުން ޒޭބާއަށް ގޮވިއެވެ.

[ނޫން...ތީ ރީޙާނެއް ނޫން...ރީޙާނެއް ނޫން. އަހަރެން ސަލާމަތްކުރޭ ...މީހެކޭ....މީހެކޭ...އަހަރެން ސަލާމަތްކުރޭ.] ޒޭބާ އަދިވެސް ދުވަނީއެވެ. އޭނާ ކިތަންމެ ދުވިޔަސް، އޭނާޔަކަށް ކުރިޔަކަށް ނުދެވެއެވެ.

[އާނ...އަހަންނަކީ ރީޙާނެއް ނޫން...އަހަންނަކީ އިންސާނެއްވެސް ނޫން...އަހަންނަނީ ޖިންނިއެއް...ޒޭބާއަށް ދެން އަހަރެންގެ ކިބައިން ސަލާމަތެއް ނުވެވޭނެ. އަހަރެންގެ މިދެއަތުގެ ތެރެޔަށް އާދޭ...] ކުރިޔަށްވުރެންވެސް ބިރުވެރި އަޑަކުން ޖިންނި ވާހަކަ ދެއްކިއެވެ. ދެންވެސް ޒޭބާ އުޅުނީ އޭތީގެ ކިބައިން ސަލާމަތްވޭތޯ ދުއްވައިގަންނާށެވެ. މިފަހަރު އޭނާއަށް ގޮސް ވަދެވުނީ ނާމާން ސިފައިގައި ހުރި ޖިންނީގެ ވަކި ފަޅާފައިވާ ދެއަތުގެ ތެރެޔަށެވެ.

ފެނުނު ނާމާން އެހާމެ ބިރުވެރި ހުވަފެނާއެކު، ޒޭބާއަށް ހޭލެވުނީ ކުއްލިއަކަށެވެ. އޭނާ ބޮކި ދިއްލުމަށްފަހު، ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ކުޑަދޮރުތައް ހުރީ ރީއްޗަށެވެ. ވިއްސާރައިގެ އަސަރެއްވެސް ނެތެވެ.

ނަމަވެސް، އެރޭ ޒޭބާއަކަށް ނިދޭގޮތެއް ނުވިއެވެ. ފެނުނު ނާމާން ހުވަފެނުގެ ސަބަބުން ލޯމަރާލަންވެސް ނުކެރިފައި އޭނާ އޮތީއެވެ. އޭނާ އެހެންއޮވެ، އެ ފެނުނު ހުވަފެން ތަޢުބީރުވެސް ކުރިއެވެ. އޭނާ އުންމީދު ކުރަނީ، އެ ހުވަފެނަކީ އޭނާގެ ލޯބި ކާމިޔާބުވުމުގެ އަލި ސިގްނަލެއް ކަމަށެވެ.

[ޔަޤީން...ތިޔަ ފެނުނީ ކާމިޔާބުވުމުގެ ފެހި ސިގްނަލެއް. ވެދާނެ މިހާރު ރީޙާން ޒޭބާޔާމެދު މާބޮޑަށް ވިސްނަނީ ކަމަށްވެސް.] ޖެހިގެން އައި ދުވަހު ހެނދުނު ޒޭބާގެ އެކުވެރި ރޯޒީން، އެ ހުވަފެނާ ބެހޭގޮތުން ޚިޔާލުފާޅުކުރިއެވެ.

[އަޅެ ވަރަށް ބިރުގަތްތަ...އަހަރެންނަމަ، ހިތް ހުއްޓުނީސްކަންނޭނގެ...] ރޯޒީން ހީގަތެވެ.

[އޭތީގެ ކިބައިން ސަލާމަތްވުމަށް ދުއްވައިގަތީމާ ގޮސް ވަދެވުނީ އޭތީގެ އަތުގެތެރެއަށް. ބިރުން ކިރިޔާ ހަލާކުނުވީ. މިއަދު ރީޙާނަށް ގުޅާނަން. ގުޅާފައި ހުވަފެނުގެ އެއްބައި ކިޔައިދޭނީ.] ޒޭބާ ބުންޏެވެ.

މިހާރު ރީޙާން ވަޒީފާ ލިބޭތޯ ސަރުކާރުގެ ދެތިން ތަނަކަށާއި، އަމިއްލަ ބައެއް ތަންތަނަށް ސިޓީ ލައިފިއެވެ. ކޮންމެ ތަނަކުން ވަޒީފާ ހަމަޖެހުނަސް، އޭނާ ބޭނުންވަނީ އެވަޒީފާއަކަށްދާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން