ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިތުރަށް ހަރުދަނާކޮށް، ލާމަރުކަޒީ ނިޒާމުގެ ކަންކަން ވިލަރެސްކުރުމަށްޓަކައި އެ އޮތޯރިޓީގެ ރައީސްކަމުގެ މަޤާމަށް މިނިސްޓަރ އޮފް ފައިނޭންސް ޙަސަން ޒަރީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.

މި މަޤާމުގައި ކުރިން ހުންނެވީ ކުރީގެ މާލީ ވަޒީރު މޫސާ ޒަމީރުއެވެ. ނަމަވެސް، މިމަހު 8 ވަނަ ދުވަހު ޒަމީރު މާލީ ވަޒީރުގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސް ވަނީ މާލީ ވަޒީރުކަމުގެ މަޤާމަށް ޙަސަން ޒަރީރު އައްޔަންކުރައްވައި، އެލްޖީއޭގެ އެންމެ އިސްވެރިޔާގެ ޒިންމާވެސް ހަވާލުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ރައީސުލްޖުމްހޫރިއްޔާ އެ އޮތޯރިޓީގެ ރައީސްކަމަށް އައްޔަންކުރައްވާ ވަޒީރެކެވެ. އެހެންކަމުން، މީގެ ފަހުން އެލްޖީއޭގެ އެންމެހައި ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާނީ ވަޒީރު ޙަސަން ޒަރީރުއެވެ.

މާލީ ވަޒީރު ޙަސަން ޒަރީރަކީ މާލީ އަދި އިޤްތިޞާދީ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ މަތީ ތަޢުލީމެއް ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ބެޗްލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް ފިނޭންސް ފުރިހަމަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު