މަގާމުގެ ވާޖިބު އަދާކުރެއްވުމަށް، ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް ނިޔާވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަޙްމަދު ޢާޞިފް ނިޔާވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވައި، އެ ޢާއިލާއަށާއި ދިވެހި ފުލުހުންނަށް ރައީސް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

"މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް އަޙްމަދު ޢާޞިފް ލަހައްޓަވާށި. އާމީން،" ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ "ޕޮލިސް ލޯންޗް 57" ގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަނިކޮށެވެ. އޮޕަރޭޝަންގެ ތެރެއިން އޮފިސަރަކު ގެއްލިފައިވާކަން ފާހަގަކުރެވުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަގުތުން ވަނީ ފަށާފައެވެ.

ގެއްލުނު ފުލުސް އޮފިސަރު ފެނިފައިވަނީ އޭނާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން މޫދު އަޑިންނެވެ. އޭނާ ފެނުމާއެކު، ކުއްލި ފަރުވާއަށްޓަކައި އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ނަމަވެސް، ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް އެ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު