ޞާދިރު ޢަލީދީދީ   21 އޮކްޓޯބަރު 2020 - 11:39
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 09

................

ރީޙާން ވަޒީފާ ލިބޭތޯ ސަރުކާރުގެ ދެތިން ތަނަކަށާއި، އަމިއްލަ ބައެއް ތަންތަނަށް މިހާރު ސިޓީ ލައިފިއެވެ. ކޮންމެ ތަނަކުން ވަޒީފާ ހަމަޖެހުނަސް، އޭނާ ބޭނުންވަނީ އެވަޒީފާއަކަށް ދާށެވެ.

އެހެން ނަމަވެސް، އޭނާ ބޮޑަށް ބޭނުންވަނީ ސަރުކާރުގެ ވަޒީފާއަކަށްދާށެވެ. އެއީ ދާއިމީ ވަޒީފާއަކަށްވެ، ވަޒީފާގެ ޔަޤީންކަންވެސް ބޮޑުވާނެތީއެވެ.

[މިރަށުގައި އަލަށް ހަދާ މަސް ފެކްޓަރީގެ ސުޕަވައިޒަރެއްގެ ވަޒީފާ ހަމަޖެހިދާނެހެން ހީވޭ.] ޝަބާބާއި ރީޙާން ވާހަކަ ދައްކަން ތިބީ ރީޙާންގެ ކޮޓަރިތެެރޭގައެވެ.

[ތިބުނީވެސް ރަނގަޅު ވަޒީފާއެކޭ...ކޮންމެކަހަލަ ވަޒީފާއެއްވިޔަސް ދާންވާނެ. އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް ރީޙާނާ ކައިވެނިކުރަން.] ޝަބާބް ބުންޏެވެ.

[އަހަރެންވެސް މިހާރު މިހުންނަނީ ކެތްމަދުވެފައި.] ރީޙާން ޝަބާބްގެ އަތުގައި ހިފަހައްޓާލިއެވެ. އެވަގުތު ކުއްލިއަކަށް ކޮޓަރި ދޮރު ހުޅުވާފައި އެވަނީ ރިޔާއެވެ. ރިޔާ ފެނުމާއެކު، ރީޙާން ޝަބާބްގެ އަތުން ދޫކޮށްލިއެވެ.

[ބޭބޭ...މަންމަ އެބަގޮވާ ބަތްކާން. ޝަބާ ދައްތަވެސް އަވަހަށް އަންނާށޯ....] މިހެން ބުނެފައި، ރިޔާ ކޮޓަރިން ނިކުތެވެ.

[ޝަބާބް... ފެށޭމަހު އަހަންނަށް ވަޒީފާ ހަމަޖެހުނަސް ކައިވެނި ކުރާނަން. ވަލީގެ ކަންތައް ހަމަޖައްސާނީ ކިހިނެއް. ކައިވެންޏަށް ޝަބާބްގެ މަންމައާއި ބައްޕަ ގެންނާނީއޭދޯ.] ރީޙާން މިހެން ބުނީމާ، ޝަބާބް ދިޔައީ ސިއްސައިގެނެވެ. އޭނާ ވިސްނާލިއެވެ.

[ނޫނޭ...މަންމައާއި ބައްޕަ ގެންނާނެ ކަމެއްނެތް. އަހަރެން ވަލީގެ ކަންތައް ހަމަޖައްސުވާނަން.] ޝަބާބް ބުންޏެވެ.

[އެމީހުންވެސް ބޭނުންވާނެއެއްނު، ފުރަތަމަ ދަރިފުޅުގެ ކައިވެނި ޙަފްލާގައި ބައިވެރިވާން.] ރީޙާން މިހެން ބުނެފައި ތެދުވިއެވެ.

[މަންމަމެން ބޭނުމިއްޔާ ގެނެވިދާނެތާ...ދެން ތިވާހަކަ ހުއްޓާލާފައި އަވަހަށްދޭ ކާން. އަހަރެންވެސް އެބަދަން.] ޝަބާބްވެސް ނިކުންނަން ހިނގައިގަތެވެ. ރީޙާން ކޮޓަރިން ނިކުތެވެ. ޝަބާބް ގޮސްވަނީ އޭނާގެ ކޮޓަރިޔަށެވެ. ރީޙާނަށް ކާގެޔާ ހަމައަށް ދެވުނުތަނާހެން ޝަބާބް ނިކަން ބާރަށް ރޮއިގަތް އަޑު އިވިއްޖެއެވެ. އެޔާއެކު، ރީޙާން އެދިމާއަށް ދުއްވައިގެންފިއެވެ. ރީޙާންގެ ފަހަތުން އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ކޮއްކޮވެސް ދިޔައެވެ.

އެމީހުންނަށް ޝަބާބް އުޅޭ ކޮޓަރިޔަށް ދެވުނުއިރު، ޝަބާބް ބާރުބާރަށް ރޮމުންދަނީއެވެ. މަންމައާއި ބައްޕައަށް ގޮވަމުންނެވެ.

[ކިހިނެއްވީ ޝަބާބް....؟] ރީޙާންގެ މަންމަ ޝަބާބާ ސުވާލު ކުރިއެވެ. ޝަބާބް ހަމަ ރޮނީއެވެ. ޖަވާބޭދޭނޭ ހިތްވަރެއްވެސް އޭނާގެ ކިބައިގައި ނެތްކަހަލައެވެ.

[ޝަބާބް ނުރޮއި ބުނެބަލަ...ކިހިނެއްވީތަ؟] މިފަހަރު ޝަބާބާ ސުވާލުކުރީ ރީޙާނެވެ.

[އަހަރެންގެ މަންމައާއި ބައްޕަ....] ޝަބާބްގެ އަޑު ބެދުނެވެ.

[ބުނެބަލަ، މަންމައާއި ބައްޕަ ކިހިނެއްވީއޭތަ؟] ރީޙާން އަނެއްކާވެސް އެއްސެވެ.

[މަންމައާއި ބައްޕަ ދަތުރުކުރި ދޯންޏެއް ބަންޑުންވެ، މަންމައާއި ބައްޕަވެސް މަރުވެއްޖެޔޯ....] ޝަބާބް ކުރިޔަށްވުރެންވެސް ބޮޑަށް ރޯންފެށިއެވެ. އެންމެންގެ ލޯތައް ބޮޑުވިއެވެ. އެވަގުތު އެންމެ ބޮޑަށް އަސަރުކުރީ ރީޙާނަށެވެ. ޝަބާބްގެ މަންމައާއި ބައްޕަ ދުނިޔެ ދޫކޮށް ދިޔުމުން، ޝަބާބަށް އަސަރުކުރާނެވަރު އޭނާއަށް އިޙްސާސް ކުރެވޭތީ، އޭނާއަށްވެސް ފުން އަސަރުތަކެއް ކޮށްފިއެވެ.

[ހިތްވަރުކުރޭ...ޝަބާބް...މަންމައާއި ބައްޕައަށް ހެޔޮދުޢާކުރޭ.] ރީޙާންގެ މަންމަ ޤިސާމާ ޝަބާބްގެ ބޮލުގައި ފިރުމަމުން ހިތްވަރުދެމުން ދިޔައެވެ.

[ޝަބާބް ރަށަށްދާން ބޭނުންވަނީތަ؟ ރަށަށް ދެވޭނެގޮތެއް ހަމަޖައްސަންތަ؟] ރީޙާންގެ ބައްޕަ މަޖީދު އެއްސެވެ. ޝަބާބް ރޮމުން ބޯޖަހާލިއެވެ.

ނަމަވެސް، މަޖީދާއި ރީޙާން ކުރި މަސައްކަތުން އެދުވަހު ޝަބާބަށް ރަށަށް ދެވޭނެގޮތެއް ހަމައެއްނުޖެހުނެވެ. ވުމާއެކު، މަންމައާއި ބައްޕަގެ މޫނުވެސް ނުފެނުމާއެކު، އިތުަށް ރަށަށްދާކަށް ޝަބާބް ބޭނުމެއްނުވިއެވެ. ޝަބާބް ބުނީ އޭނާ ދެން ރަށަށް ދިޔުމުގެ ބޭނުމެއް ނެތް ކަމަށާއި، ރަށަށްދިޔަސް ކުރަންޖެހޭނޭ ކަމަކީ މަންމަމެންގެ ފާތިޙާ ކިޔެވުން ކަމަށާއި، އެއީ މިރަށުގައިވެސް ކުރެވިދާނޭ ކަމެއް ކަމަށެވެ.

[ޝަބާ....ދެން ހިތްވަރުކުރޭ...އަހަރެމެންނަށް ޝަބާބްގެ ބައްޕަމެންގެ ވާހަކަ، އެދެއްކުނީ ކަމެއް މެދުވެރިވާން ވެގެންތާ....ޝަބާ ހީނުކުރާތި، ޝަބާގެ މަންމައާއި ބައްޕަ ދުނިޔޭގައި ނެތުމުގެ ސަބަބުން ޝަބާ އެކަނިވެރިވެއްޖޭ....އަބަދުވެސް އަހަރެން ޝަބާޔާއެކުވާނަން...] ރީޙާން ޝަބާބްގެ ނިތްކުރީގައި ބޮސްދިނެވެ.

[އަހަންނަށް އެނގޭ، ރީޙާން އަހަރެން އެނަކިކޮށްނުލާނެކަންވެސް. މިހާރު އަހަރެން ބޭނުންވަނީ، ވީހާވެސް އަވަހަކަށް ރީޙާނާ ކައިވެނިކުރަން....] ޝަބާ ރީޙާންގެ މޭގައި ބޯޖައްސާލިއެވެ.

[ވަޒީފާގެ ކަންތައް ދެން މާގިނަ ދުވަސްތަކެއްނުވެ ހަމަޖެހިދާނެކަންނޭނގެ...] ރީޙާންގެ ދެއަތް ޝަބާބް ވަށާލިއެވެ. ޝަބާބް ގަދަކަމުން ހިނިތުންވާފަދަ ގޮތަކަށް ހިނިތުންވިއެވެ.

[ހިތްވަރުކޮށްފައި ކާންދޭ...އަހަރެން ދާނަން ވަޒީފާގެ ކަންތައް، ގޮސްފައިވާ ހިސާބު އޮޅުންފިލުވަން. ރަނގަޅަށް ކައްޗޭ....] ރީޙާން އޭނާޔާ ދޭތެރޭ އަޅާލައި ވިސްނާތީ ޝަބާބް ހުންނަނީ ވަރަށް އުފާވެފައެވެ. މިހާރު ޝަބާބް ޔަޤީން ކުރެއެވެ. ރީޙާނަށް ދެން އޭނާގެ ލޯތްބާ ނުލައި އުޅެން ފަސޭހައެއް ނުވާނެއެވެ. ނުވެސް އުޅެވޭނެއެވެ. އޭނާއަށް ދިރިހުރުމަށްޓަކައި ފެން ބޭނުންވާ ފަދައިން، ދިރިއުޅުމުގެ މައިދާނުގައި ކުރިޔަށް ދިޔުމަށް ޝަބާބްގެ ލޯބި ބޭނުންވާނެއެވެ. އެ އުޞޫލުން ރީޙާންގެ ލޯތްބާނުލައި، އޭނާގެ ދިރިއުޅުމަކީ ނެތް އެއްޗެއް ކަމަށް އޭނާ ދެކެއެވެ. އެހާވެސް އޭނާ ރީޙާންދެކެ ލޯބިވެއެވެ. އިންތިހާއަށް ލޯބިވެއެވެ. އެއްވެސް އިންސާނަކަށް އޭނާ ރީޙާންދެކެ ލޯބިވާވަރަށް ލޯބިނުވެވޭނެ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

[ދެންވެސް ދޭބަލަ ކާން....އެއްވެސް އެއްޗެއް ނުކައި ތިގޮތަށް ހުންނާކަށް ނުވާނެ.] ރީޙާން ޝަބާބް އެނދުން ތެދުކުރުވިއެވެ.

[މާދަމާއަކީ މަންމައާއި ބައްޕަގެ ފާތިޙާ ދުވަސް. ކޮންމެވެސް ގޮތަކަށް އެކަން ހަމަޖައްސަންވެއްޖެ. މާދަމާ ޢަޞްރު ނަމާދަށް މިސްކިތަށް ގޮސް އެތަނުން މީހުން ގެނެސް ފާތިޙާ ކިޔުއްވާނީ. އަހަރެން ސައި ތައްޔާރުކުރާނަން.] ޝަބާބް ބުންޏެވެ.

[ސައިހަދަން ހެދިކާވެސް ހޯދަންވާނެއެއްނު. އަހަރެން މަންމަގެ އަތުން ރުފިޔާ ހޯދައިދެންތަ؟] ރީޙާން ބުންޏެވެ.

[ނޫނޭ...އަހަރެން ރަށުން އައިއިރު ގެނައި ފައިސާ އަދިވެސް އެބަހުއްޓޭ. އަހަރެން ހުރިހާ އެއްޗެއް ހޯދައި ސައި ތައްޔާރު ކުރާނަން.] ޝަބާބް ބުނެލިއެވެ.

[އެންމެ ރަނގަޅު....ދެންވެސް ދޭބަލަ ޝަބާ ކޮންމެވެސް އެއްޗެއް ކާން.] މިހެން ބުނެފައި ރީޙާން ނިކުމެއްޖެއެވެ.

ރީޙާން ދިޔައީ އޭނާ ވަޒީފާއަށް އެޕްލައި ކޮށްފައިވާ ތަނުގެ ޚަބަރެއް ބަލައިލުމަށެވެ. ޝަބާބް ދިޔައީ ބަދިގެ ފަރާތަށެވެ.

ދުވަސްތައް އާދަޔާއެކު ފާއިތުވަމުންދެއެވެ. މިހާރު ޝަބާބްގެ މައިންބަފައިން ނިޔާވިތާވެސް ހަފްތާއެއްހާ ދުވަސްވީއެވެ. މިހާރު ޝަބާބްވެސް މުޅިންހެން ހަމަޔަކަށް އެޅިއްޖެއެވެ. އޭނާގެ ކިބައިން އެއްވެސްވަރަކަށް ހިތާމައިގެ އަސަރެއް ފެންނަމުންނެއް ނުދެއެވެ. އޭނާ ހީވަނީ ކަމަކާ ހިތްހަމަޖެހި އުފާވެފައިވާހެންނެވެ.

[ހާދަ އުފާވެފައި، އަނެއްކާ ކިހިނެއްވީ؟] ހައިޝަމް ރީޙާނާ ވާހަކަ ދެއްކީ، ރީޙާން ހައިޝަމްގެ ގެޔަށް ވަނީމައެވެ.

[އުފާވާނެއެއްނު...ޖޮބް ހަމަޖެހިއްޖޭ....އެކަމަކު ހީވަނީ ވަރަށް ވަރަށް ބުރަވާނެހެން.] ރީޙާން ބުންޏެވެ.

[އަޞްލުވެސްތަ؟ ކޮންތާކުން ހަމަޖެހުނީ؟] ހައިޝަމް އެއްސެވެ.

[އެމް.ޓީ.ސީ.ސީ އިން...މާދަމާ ޖޮބަށް ނިކުންނާނަން. އެއަށްފަހު ދެން އޮތީ އަހަންނާ ޝަބާގެ ކައިވެނި އަވަސްކުރުން.] ރީޙާން ހުރީ ވަރަށް އުފާވެފައެވެ.

[މިހާރު ދެން ނަޝްވާގެ ހަނދާނެއްވެސް ސިކުނޑިޔަކު ނެތްދޯ؟ އާނ ދެން އެހެންތާވާނީ، މާ ރީތި ކުއްޖަކު ލިބުނީމާ.] ހައިޝަމް ރީޙާންގެ ކޮނޑުގައި ޖެހިގަތެވެ.

[އާނ އޭނަގެ ހަނދާނެއް ނެތް. އެކަމަކު މިހާރު ޒޭބާގެ އުނދަގޫ ވަރަށްބޮޑު. ހަމަ އަބަދު ގުޅަނީ. ހީވަނީ މޮޔަ ދީވާނާއެއްހެން...އަހަރެން އެތައްފަހަރަކު ބުނެފިން ނުގުޅާށޭވެސް....އަދި މިއަދަކު ނުގުޅާ.] ރީޙާން ބުންޏެވެ.

[ތިގޮތަށް ނިކަން އަންހެން ކުއްޖަކު އަހަންނަށް ގުޅާބަލަ. ކުޅިވަރު ދައްކާލާނަން. ފުރްޞަތު ލިބޭއިރަށް ފޮނިކޮޅު ބޯލާނަން.] ހައިޝަމް ހީގަތެވެ.

[ބަލަ، މާތައް މާބުރުދެކެ ބިރުގަންނާނެއޭ. މާބުރަކީ މާމެލާމެލީގެ އެއްވެސް އިޝާރާތަކާނުލާ، އެހުމެއް ކެހުމެއްނެތި މާމެލާމެލީގެ ފޮނިކޮޅު ބޯލާ އެއްޗެއް...] ރީޙާންވެސް ހީގަތެވެ.

[ތިބުނީ ރަނގަޅަށް. އެކަމަކު އަހަންނަކަށްވެސް ނުކެރޭނެ، މަލަކަށް އިހާނެތިކޮށްހިތާކަށް...] ހައިޝަމް ބުންޏެވެ.

[އަހަރެން ދަނީ.....] ރީޙާން ސައިކަލަށް އަރާ ދުއްވާލައިފިއެވެ.

އެދުވަހު ޒޭބާ ގުޅީ ރީޙާން ގެޔަށް ވަންތަނާހެންނެވެ.

[ބުނީމެއްނުދޯ، އަހަންނަށް ގުޅުމަކުން ޒޭބާޔަށް ކުރާނެ އެއްވެސް ފައިދާއެއް ނެތޭ. ތިކުރެވެނީ ބޮޑު އިސްރާފެއް.] ފޯނު ނަގަމުން ރީޙާން ބުންޏެވެ. އޭރު ރީޙާނާ ދާދި ގާތުގައި ޝަބާބްވެސް ހުއްޓެވެ. ރީޙާނަށް ގުޅައިގެން އުޅެނީ ޒޭބާކަން އެނގުމުން، ޝަބާބްގެ ގާތަށް އައީކީ އަމަށަކު ރުޅިއެއް ނޫނެވެ.

[ރީޙާން ތިހެން ނުބުނެބަލަ. އަހަރެންގެ ލޯތްބަށްޓަކައި ކުރެވޭ ހޭދައަކީ އެއްވެސް ޙާލެއްގައި އިސްރާފެއް ނޫން. ރީޙާންގެ އަޑުން އަހަންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ...އާދޭސްކުރަން ރީޙާން....އަހަންނަށް ތިޔަހެން ނަހަދާ.] ޒޭބާގެ އަޑު ބެދުނެވެ.

[ޒޭބާ....ތިގޮތަށް ޒޭބާ ގުޅުމުން، އަހަންނަށް ވަރަށް އުނދަގޫވޭ. ޒޭބާގެ ހިތްހަމަޖައްސާލުމަށްޓަކައި ގުޅާނެ އެހެން ނަމްބަރެއް އަހަރެން ދެންތަ؟] ގާތުގައި ޝަބާބްވެސް ހުރުމާއެކު، ރީޙާން ޒޭބާ ދައްކާ ވާހަކަތަކަށް މާބޮޑު ޝައުޤެއް ނުބަހައްޓައެވެ.

[ރީޙާން...އެއްވެސް މީހަކުދެކެ ލޯތްބެއް ނުވަންތަ؟] ޒޭބާއަށް ރޮވޭގޮތްވިއެވެ.

[ނޫނޭ، ޝަބާބްދެކެ ވަރަށް ލޯބިވޭ...ވަރަށް ލޯބިވޭ...] ރީޙާން އެހެން ބުނީމާ، ޒޭބާއަށް އަސަރު ކުރާނޭވަރު އޭނާއަށް އިޙްސާސް ނުކުރެވެނީކަންނޭނގެއެވެ.

[ނޫން. ރީޙާނަކަށް ލޯބިވާކަށްނޭނގެ. ލޯތްބަކީ ކޯއްޗެއް ކަމެއްވެސް ނޭނގެ. އެނގޭނަމަ، ލޯބީގެ މަންޒިލް ހޯދުމަށް ދަތުރުކުރަމުންދާ ކިޝްތީއަކަށް ބޮޑެތި ބިޔަ ރާޅުތަކެއް ބިންދައެއްނުލީސް....] ޒޭބާ ކޮށިއެރިއެވެ. ރީޙާންގެ އަތުން ފޯނު އަތުލުމަށްފަހު، ޝަބާބް ފޯނު އޮފްކޮށްލައިފިއެވެ.

[ތީ ދެން ކިހާ ދެރަކަމެއް. ތި އަންހެނަކަށް ރީޙާން ނޫން މީހަކު، މި ބޮޑު އަތޮޅުންވެސް ލައިނުގަތީތަ؟ އޭނާގެ ކަންތައް މިދަނީ މާމައްޗަށް. އަހަރެން ތިކަންތައް ޙައްލު ކުރަން ވެއްޖެއްޔާ، މާ ރީއްޗެއް ނުވާނެ.] ޝަބާބް ހިތާހިތާ ކިޔާލިއެވެ.

[އެކަންތަކާ ޝަބާ މާބޮޑަށް ނުވިސްނައްޗޭ. އަހަރެން މިހާރު މި ވިސްނަނީ، ކައިވެނީގެ ވާހަކަ ބައްޕަމެން ގާތު ބުނަން ކަމަށް...] ރީޙާން ޝަބާބްގެ ކޮލުގައި ހިފާލިއެވެ. ރީޙާންގެ އެ ޖުމްލައިން ޝަބާބަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަހަލައެވެ. އޭނާ ހިނިތުންވެލައިފިއެވެ.

[އަޞްލުވެސްތަ؟ އަޅެ އަވަސްކުރައްޗޭ. އަހަރެން ބޭނުންވަނީ، އެހެން އެއްވެސް ފަރާތެއްގެ ނުފޫޒު މިދޭތެރެޔަށް ވަނުމުގެ ކުރިން، ރީޙާންގެ މީހަކަށްވާން.] ޝަބާބް ބުންޏެވެ.

ޖެހިގެން އައި ދުވަހު ރީޙާން، އޭނާއަށް ލިބުނު ވަޒީފާއަށް ނިކުތެވެ. ވަރަށް ފޮނި އުންމީދާ އެކުގައެވެ. ވަޒީފާއަށް ނިކުތް ފުރަތަމަ ދުވަހު ހިސާބަކަށް މަސައްކަތަށް އާވެ، ބުރަވިޔަސް، ފަހުން ފަރިތަވެދާނޭ ކަމަށް ރީޙާންގެ ބައްޕަ އޭނާ ގާތު ބުނެ ހިތްވަރުދިނެވެ.

އެދުވަހުވެސް ޒޭބާ ގުޅިއެވެ. މަސައްކަތުގައި ނުހަނު ބުރަކޮށް އުޅެނިކޮށެވެ.

[ޒޭބާ، ކިތައްފަހަރުތަ އަހަރެން ބުނަންވީ އަހަންނަށް ނުގުޅާށޭ. ޒޭބާ ތިކުރާ ކޯލްތަކުން ޒޭބާއަށް އެއްވެސް ފައިދާއެއް ނުކުރެއެއްނު. ބާއްވަނީ...މިއީ ވަރަށް ބުރަ ވަގުތެއް.] ރީޙާން ފޯނު ބޭއްވިއެވެ. އެވަގުތު އަނެއްކާވެސް އެ ފޯނު ރިންގްވާން ފަށައިފިއެވެ. ނަމަވެސް، މިފަހަރު ގުޅީ ޒޭބާއެއް ނޫނެވެ. އެއީ ޝަބާބެވެ.

[ކިހިނެއްވީ ޝަބާބް؟] ރީޙާން އެއްސެވެ.

[އަނެއްކާވެސް ޒޭބާ ގުޅީދޯ؟ މީގެކުރިން އަހަރެން ގުޅިއިރު އެންގޭޖްވެފައި ހުރީ.] ޝަބާބް ބުންޏެވެ.

[އާނ...ދެންމެވެސް ގުޅި...އަހަރެން ފޯނު ބޭއްވީ. ކީއްކުރަން ޝަބާ ތިގުޅީ؟] މަސައްކަތުގައި އުޅެނިކޮށް ލޯބިވެރިޔާ ގުޅުމުން، ރީޙާންގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އައިކަހަލައެވެ.

[ރީޙާން ހަނދާންވާތީ...ރީޙާން މިރޭ ގެޔަށް އައިސް، ކައިވެނީގެ ވާހަކަ، ރީޙާންގެ މަންމަމެން ގާތު ދައްކަންވީނު.] ޝަބާބް އެދުނެވެ.

[މައްސަލައެއް ނެތް. މިވަގުތު ބާއްވާ...ކައިވެނި ދެން މާލަސްކުރާނެ ކަމެއް ނެތް...] ރީޙާން ފޯނު ބޭއްވިއެވެ. އެވަގުތު ޝަބާބް ދެން ގުޅީ ޒޭބާއަށެވެ.

[ޒޭބާ....ކަލޭ ކީއްކުރާނަމޭ ހިތާތަ، އަހަރެންގެ ލޯބި ފޭރިގަންނަން ތިއުޅެނީ...އަހަންނަކީ ކާކުކަން އެނގޭނަމަ، ކަލޭ އަހަރެންގެ ލޯބި ފޭރިގަންނާކަށް މަސައްކަތެއް ނުކުރީސް.] ޝަބާބް ނިކަން ބާރަށް ހީގަތެވެ. މަލާމާތުގެ ރާގަކަށެވެ. ޒޭބާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

[އަހަރެން ހޯދަން މިއުޅެނީ ކަލޭގެ ލޯތްބެއް ނޫން...ކަލޭ ނިކަން ހޭއަރާބަލަ. ބީރައްޓެއްސަކު ރަށަށް އަރައި ގަދަ ދައްކަން އެބަ އުޅެއެއްނު. ކަލޭ ތިއުޅެނީ އަހަރެންގެ ލަފާކަމާއި ނުލަފާކަން ނޭނގޭތީ....އަހަރެން ތަކުރާރުކޮށް މިބުނަނީ، އަހަރެން ރީޙާންގެ ލޯބި ކާމިޔާބުކުރާނަން.] ޝަބާބަށްވުރެން ހަރުކަށި ރާގަކަށް ޒޭބާ ބުންޏެވެ. ޒޭބާގެ ކެރޭކަމާއި ހުޝިޔާރުކަމުން ޝަބާބަށް ހިސާބެއްގެ ޙައިރާންކަމެއް ލިބުނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން