ހަ އަހަރުގެ ކުޑަކުއްޖަކު މަރާލުމަށްފަހު، އެއީ އަމިއްލައަށް މަރުވި ކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކުރި
ހަ އަހަރުގެ ކުޑަކުއްޖަކު މަރާލުމަށްފަހު، އެއީ އަމިއްލައަށް މަރުވި ކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކުރި
އިންޑިއާގެ ބިހާރު ސްޓޭޓްގެ މަދޭޕޫރާ ޑިސްޓްރިކްޓުގައި، ކުޑަކުއްޖަކު މަރާލުމަށްފަހު، އެއީ އަމިއްލައަށް ވި މަރެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކުރި ބިރުވެރި މައްސަލައެއް ފުލުހުން ފަޅާއަރުވާލައިފިއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އަމިއްލަ ސްކޫލެއްގެ ހޮސްޓެލްގައި ދިރިއުޅެމުންދިޔަ ޔޫ.ކޭ.ޖީ ގައި ކިޔަވަމުންއައި އުމުރުން ހަ އަހަރުގެ ދަރިވަރެކެވެ. މި ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ޖޫން މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު ހޮސްޓެލްގެ ތެރެއިންނެވެ.

ފުލުހުން މި ހާދިސާ ތަހުގީގު ކުރަން ފެށީ ކުއްޖާ މަރުވެފައި އޮތް ގޮތުން ޝައްކުތަކެއް އުފެދުމާ ގުޅިގެންނެވެ. ފޮރެންސިކް ޓީމުތަކުން ހެކި އެއްކޮށް، ކުއްޖާގެ މަންމަ ގުންޖަން ދޭވީ ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގުގައި، ހޮސްޓެލްއާ ގުޅުންހުރި ބައެއް މީހުންނާ ސުވާލުކުރެވުނެވެ.

ތަހުގީގުގައި އަންކިތު ކުމާރު ނަމަކަށް ކިޔާ މީހަކު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާ ބުނިގޮތުގައި، އޭނާ އާއި ހޮސްޓެލް ހިންގާ ސުނިލް ކުމާރުގެ އަންހެނުން އަންޖަލީ ކުމާރީއާ ދެމެދު އޮތް ސިއްރު ގުޅުން މި ކުއްޖާއަށް ވަނީ ފެނިފައެވެ. ޖޫން 6 ވަނަ ދުވަހުގެ ރޭ މި މަންޒަރު ފެނުމުން ކުއްޖާ ބިރުން ހަޅޭއްލަވަން ފެށުމުން، އަންޖަލީގެ އެދުމުގެ މަތިން އަންކިތު ވަނީ ކުއްޖާގެ އަނގަޔާއި ނޭފަތް ފޮރުވައި ނޭވާ ހާސްކޮށްލާފައެވެ. މީގެ ސަބަބުން ކުއްޖާ ހޭނެތި، މާގިނަ އިރެއްނުވެ މަރުވީއެވެ.

ކުއްޖާ މަރުވުމުން، ހޮސްޓެލް ހިންގާ ސުނިލްގެ އެހީތެރިކަމާއެކު މިކަން ފޮރުވުމަށް މަސައްކަތްކުރިއެވެ. ފުރަތަމަ ހަށިގަނޑު ފޮރުވަން އުޅުމަށްފަހު، އެކަން ކާމިޔާބު ނުވުމުން ވާގަނޑެއް ބޭނުންކޮށްގެން ކުއްޖާ އަމިއްލައަށް މަރުވިކަމަށް ދެއްކުމަށް ހަށިގަނޑު އެލުވައި ބޭއްވިއެވެ.

ކުއްޖާގެ އާއިލާއިން ފުރަތަމަވެސް އެއީ އަމިއްލައަށް މަރުވުމެއް ނޫންކަމަށް ބުނެ، އެއީ ގަސްތުގައި ދީފައިވާ އަނިޔާއެއްކަމަށް ތުހުމަތުކުރިއެވެ. ތަހުގީގަށް ފަހު ފުލުހުން މިހާރު ވަނީ އަންކިތު ކުމާރުގެ އިތުރުން ހޮސްޓެލް ހިންގާ ސުނިލް ކުމާރު ހައްޔަރުކޮށް، ޝަރުއީ ބަންދަށް ފޮނުވާފައެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ އާންމުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާއިރު، ކުޑަކުދިން ބައިތިއްބާ ހޮސްޓެލްތަކުގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ފުލުހުން ބުނާގޮތުގައި މި މަރުގެ މައްސަލައިގައި އިތުރު ބަޔަކު ބައިވެރިވެފައިވޭތޯ ބެލުމަށް އިތުރު ތަހުގީގުތައް ދަނީ ކުރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު