ރައީސް ނަޝީދު
ރައީސް ނަޝީދު
އެމްޑީޕީގެ ޗެއަރޕާސަން އިލެކްޓް ރައީސް މުޙައްމަދު ނަޝީދު ރާއްޖޭގެ ސިޓީތަކުގެ މޭޔަރުންނާއި މިއަދު ބައްދަލު ކުރަށްވައިފިއެވެ.

އެމްޑީޕީން މިއަދު ބުނީ، އެމްޑީޕީގެ ޗެއަރޕާސަން އިލެކްޓް ރައީސް މުޙައްމަދު ނަޝީދު ގދ. ތިނަދޫ ސިޓީގެ މޭޔަރާއި، މާލޭ ސީޓީގެ މޭޔަރާއި، ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރާއި މިއަދު ބައްދަލު ކުރަށްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް އެމްޑީޕީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސިޓީތަކުގެ ކުރިއެރުމަށް އެމްޑީޕީއަށް ފޯރުކޮށްދެވިދާނެ އެހީތެރިކާމާމެދު މޭޔަރުންނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.



ރައީސް ނަޝީދު ރާއްޖޭގެ ސިޓީތަކުގެ މޭޔަރުންނާއި ބައްދަލު ކުރަށްވާއިވާއިރު، އެމަނިކުފާނު މިއަދު ވަނީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދާއި، އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަލްއުސްތާޛް އަޙްމަދު މައުރޫފާއި ވެސް މިއަދު ބައްދަލު ކުރަށްވާފައެވެ.

އޭގެއިތުރުން ރައީސް ނަޝީދު މިއަދު ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް އަޙްމަދު ނަސީމާއި ވެސް މިއަދު ބައްދަލު ކުރަށްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޮޑު ތަފާތަކުން ރައީސް ނަޝީދު ކާމިޔާބުކުރެއްވީ މީކާއީލާއި ވާދަ ކުރެއްވުމަށް ފަހުގައެވެ. ހުކުރު ދުވަހު ބޭއްވި އިންތިހާބު ރައީސް ނަޝީދު ކާމިޔާބުކުރެއްވީ 68.9 ޕަސަންޓު ވޯޓުންނެވެ. އެއީ ވޯޓުލީ 30،895 މީހުންގެ ތެރެއިން 21،301 މީހުންގެ ވޯޓެވެ. އެމަނިކުފާނާ ވާދަކުރެއްވި މީކާއީލަށް ލިބިވަޑައިގަތީ 30 ޕަސަންޓު ވޯޓެވެ.

އިންތިހާބަށްފަހު މީކާއީލާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ޕާޓީގެ މަސައްކަތްތަކުގައި އެކުގައި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އިއްޔެ ވަނީ ޕާޓީގެ އިދާރީ މުވައްޒަފުންނާ ބައްދަލުކުރައްވައި ޕާޓީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް އޮޅުންފިލުއްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު