އައްޑޫ ސިޓީ މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ކެފޭއެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެއް، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފިއެވެ.

ފުލުހުންގެ ރަސްމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މަރަދޫފޭދޫ ކޯޓުން ނެރުނު އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ އެ ރަށު "އުއްމީދުގެ" އެވެ. މި ތަން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ 90 ދުވަހުގެ މުއްދަތަށެވެ.

ފުލުހުން ބުނިގޮތުގައި އަމުރުގެ ދަށުން ބަންދުކޮށްފައިވާ މިފަދަ ތަންތަނަށް ހުއްދަނެތި ވަދެނުކުމެ އުޅުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އަދި އެފަދަ ތަންތަނަށް ވަންނަ މީހުންނާއި، އެ ތަންތަނުގެ ސީލް ކަނޑައި ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ އިންޒާރު ދީފައެވެ.

މިއީ އައްޑޫގައި މިފަދަ ގޮތަކަށް ކޯޓު އަމުރުގެ ދަށުން ޑްރަގް ކެފޭއެއްގެ ގޮތުގައި ބޭނުންކުރެވުނު ތަނެއް ބަންދު ކުރި ދެވަނަ ފަހަރެވެ. މި މަހުގެ 8 ވަނަ ދުވަހު ހިތަދޫ ކޯޓުން ވަނީ އެ އަވަށު "ލާމިޔާގެ" ވެސް ތިން މަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެ އަމުރާ ޚިލާފަށް އެ ގެއަށް ވަން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު