ބޯޑަރު އަލުން ހުޅުވާލިފަހުން ފާއިތުވި 3 މަސްދުވަސްތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 27217 ފަތުރުވެރިންކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލި ޖުލައިމަހު ޒިޔާރަތްކޮށްފައިވަނީ 1752 ފަތުރުވެރިންނެވެ. އަދި ޖެހިގެން އައި އޮގަސްޓްމަހު 7628 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސެޕްޓެމްބަރުމަހު ޒިޔާރަތްކޮށްފައިވަނީ 9538 ފަތުރުވެރިންނެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތްކޮށްފައިވަނީ 8350 ފަތުރުވެރިންނެވެ. ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް މިމަހު 2308 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ޖުމްލަ 1025 ފަތުރުވެރިން އައިސްފައިވެއެވެ.

މިދިޔަ ޖުލައިމަހުގެ 15ވަނަ ދުވަހު ރާއްޖެއަށް ފަތުރުވެރިން އަލުން އަންނަން ފަށާފައިވާއިރު، ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކި ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން