މަރްޔަމް ނަހްދާ ވަޙީދު   17 ޖޫން 2026 - 9:22
އަހަރުގެ މިހާތަނަށް 20 މީހަކަށް ހިމަބިހި (މީސަލްސް) ޖެހިފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، މިދިޔަ ހަފްތާގައި އެކަނިވެސް ހިމަބިހީގެ އިތުރު ފަސް ކޭސް ވަނީ ފެނިފައެވެ. މި ވަގުތު އެ ފަސް ކޭސްގެ އިންވެސްޓިގޭޝަން ކުރިއަށްދާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންނެވެ. ބަލި ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި 489 މީހުން ދެނެގަނެވިފައިވާ ކަމަށާއި، އޭގެ ތެރެއިން އެކްޓިވް 88 ކޮންޓެކްޓުން މިހާރުވެސް މޮނިޓާ ކުރަމުންދާ ކަމަށް އެ އެޖެންސީން ހާމަކުރެއެވެ.

ހިމަބިހީގެ އަލާމާތްތަކަށް ބަލާއިރު، ހުން އައުމާއެކު، ރޯގާޖެހުން، ކެއްސުން، ލޯ ރަތްވުން އަދި ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. އާންމުކޮށް ބިހިތައް ފުރަތަމަ ފާޅުވާން ފަށަނީ މޫނާއި ކަރުގައެވެ. އޭގެ ފަހުން މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ނަގައެވެ. ބަލި ޖެހޭތާ ހަތަރުވަނަ ދުވަހު ހަށިގަނޑުން ފެންބިހި ނުވަތަ ތުނި ބިހިތަކެއް ފާޅުވާން ފަށާއިރު، މި ބިހިތައް ގާތްގަނޑަކަށް ފަސް ދުވަހު ހަށިގަނޑުގައި ހުރެއެވެ.

މި ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުގެ ތެރެއިން ވައިގެ ތެރެއަށް ވައިރަސް ފެތުރިގެންނެވެ. ބަންދު ތަނެއްގައި ނަމަ މި ވައިރަސް ދެ ގަޑިއިރު ވަންދެން ވައިގެ ތެރޭގައި ހުރެއެވެ. މީގެ އިތުރުން ވައިރަސް ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތް ނުވަތަ އަނގައިގައި އަތްލުމުންވެސް ބަލި ޖެހެއެވެ. ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރެނީ ބިހި ނެގުމުގެ ހަތަރު ދުވަސް ކުރިންނާއި ހަތަރު ދުވަސް ފަހުންނެވެ.

އެޗްޕީއޭއިން ބުނީ މި ބަލީގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ ވެކްސިން ފުރިހަމަނުކުރާ 5 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ. މި ބަލީގެ ސަބަބުން ނިއުމޯނިއާ އާއި ސިކުނޑި ދުޅަވުން ފަދަ ނުރައްކާތެރި ހާލަތްތައް ކުރިމަތިވެދާނެއެވެ. އެހެންކަމުން، ކުޑަކުދިންނަށް 9 މަހުގައި ދޭ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަކީ ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ފިޔަވަޅެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ބަލި ޖެހުމުގެ ފުރުސަތު 97 އިންސައްތަ ކުޑަކޮށްދެއެވެ

ބަލިން ރައްކާތެރިވުމަށްޓަކައި، ހުން އައިސް ބިހި ނަގާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބައްޔަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ އަންގާފައެވެ.

ހިމަބިހީގެ އަލާމާތެއް ފެނިގެން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިހާރު ވަނީ ހާއްސަ މޭޒެއް ގާއިމުކޮށްފައެވެ. އެޗްޕީއޭއިން އަންނަނީ މީސްމީޑިއާ މެދުވެރިކޮށް ބައްޔާ ގުޅޭ މައުލޫމާތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އާންމުންނަށް ހިއްސާކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު