ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް މުރާޖައާކޮށް، އެ ބޭފުޅުންގެ މަސައްކަތާ އެކަށޭނަ އުޖޫރައެއް ކަނޑައެޅުމާ މެދު މެންބަރުން ދެކޭގޮތް ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މީކާއިލް ހުށަހެޅުއްވި ގަރާރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، ރަށްރަށުގެ ތަރައްގީއާއި ރައްޔިތުންގެ ބޭނުންތައް ފުއްދުމުގައި ކައުންސިލަރުން އުފުލަންޖެހޭ ޒިންމާތައް ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށެވެ. މިގޮތުން، މަސައްކަތުގެ ބުރަދަން އިތުރުވެ، ރަށުގެ ކަންކަމުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭއިރު، އެ ބޭފުޅުންނަށް މިހާރު ލިބެމުންދާ އުޖޫރައަކީ ކުރާ މަސައްކަތާ އެކަށޭނަ މިންވަރެއް ނޫން ކަމަށް މީކާއިލް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ގާނޫނުއަސާސީގެ 37 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ހަމަހަމަކަމާއެކު އެކަށީގެންވާ އުޖޫރައެއް ލިބުމުގެ ހައްގު އޮތްކަން ހަނދާންކޮށްދެއްވަމުން، ކައުންސިލް އިދާރާތަކުގެ މުސާރައިގެ އޮނިގަނޑުގައި ހުރި ބޮޑެތި ފަރަގުތަކެއް އެ ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ކައުންސިލްގެ ރައީސަށްވުރެ އެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރަ ބޮޑުވުމާއި، ނައިބު ރައީސާއި މެންބަރުންނަށް ލިބޭ އުޖޫރަ ބައެއް އިދާރީ މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަވުމަކީ، އިންތިހާބީ މަގާމުތަކުގެ ގަދަރާއި ބާރު ކުޑަވާ ކަމެއްގެ ގޮތުގައި މީކާއިލް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މިފަދަ ތަފާތުތަކުގެ ސަބަބުން ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެ ދަށް ފަންތީގެ ބައެއްގެ ގޮތުގައި ބެލެވުމުގެ ފުރުސަތު އޮވެއެވެ.

ހަމައެހެންމެ، ރަށްރަށުގައި ދިމާވާ ކޮންމެ ކުއްލި ހާލަތެއްގައި ރައްޔިތުންނަށް އެހީތެރިވުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަނީ ކައުންސިލަރުން ކަމަށްވާއިރު، އެ ބޭފުޅުންނަށް އިތުރުގަޑީގެ ފައިސާ ނުލިބޭ މައްސަލައަކީވެސް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. ސަރުކާރުން އައްޔަންކުރާ ސިޔާސީ މުވައްޒަފުންނަށްވުރެ، ރައްޔިތުންގެ ވޯޓުން އިންތިހާބުވާ ބައެއްގެ މުސާރަ ކުޑަވުމަކީ މުޅި ނިޒާމުގެ ބާރުވެރިކަން ކުޑަވާ ކަމެއް ކަމަށް ވިދާޅުވެ، މިކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް މީކާއިލްގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު