ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ފޭބި އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހިންގި ނުރައްކާތެރި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒަންކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި، އެ އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީގެ އިތުރުން ސިފައިންނާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ފަހުގެ ތާރީޚެއްގައި ހިނގި ޑައިވިންއާ ގުޅުންހުރި އެންމެ ހިތާމަވެރި މި ހާދިސާގައި އިޓަލީގެ ފަސް މީހަކު ވަނީ ފުން ކަނޑުގެ ހޮހަޅައެއްގެ ތެރޭގައި ތާށިވެ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ފެޑެރިކޯ ގުއަލްޓިއޭރީއާއި، ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯންއާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލްގެ އިތުރުން މިއުރިއަލް އޮޑެނީނޯ އަދި ޖިއަންލޫކާ ބެނެޑެޓީއެވެ.

މި ހާދިސާގައި މަރުވި މީހުން ހޯދުމަށް ހިންގި އޮޕަރޭޝަނަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު އުނދަގޫ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ ނިޔާވެފައެވެ. މަހުދީ ނިޔާވުމާ ގުޅިގެން ދިވެހި ޑައިވަރުންގެ އޮޕަރޭޝަން މެދުކަނޑާލައި، ފަހުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ އެހީތެރިކަމާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ފަރާތްތަކުގެ އަގުވަޒަންކުރައްވާފައިވަނީ، ފުރާނައަށް ނުރައްކާވާ ފަދަ ދަނޑިވަޅެއްގައި ގައުމީ ވާޖިބު އަދާކުރުމުގައި އެ ފަރާތްތަކުން ދެއްކެވި ހިތްވަރާއި ސާބިތުކަމަށްޓަކައެވެ.



ކިޔުންތެރިންގެ ހިޔާލު