ވިލިމާލޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: އެމްޓީސީސީ
ވިލިމާލޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: އެމްޓީސީސީ
ވިލިމާލޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ވިލިމާލޭގައި ޓެކްސީގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވައުދުފުޅެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ ބޭނުންތަކާއި ޑިމާންޑަށް ބަލައި، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ކާރާއެކު، މިދިޔަ އެޕްރީލް މަހު މާލެ އާއި ހުޅުމާލޭގައި ފެށި ޚިދުމަތެކެވެ. ވިލިމާލޭގެ ތިމާވެށީގެ ސިޔާސަތުތަކާ އެއްގޮތަށް، މި ރަށުގައިވެސް ބޭނުންކުރާނީ ކާބަން ނިއުޓްރަލް، ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، ވިލިމާލޭގައި މި ޚިދުމަތް ދިނުމަށް ދެ ސައިޒެއްގެ ކާރު ބޭނުންކުރާނެ ކަމަށެވެ. މީގެ ތެރޭގައި ބޮޑެތި ކާރުތަކުގެ އިތުރުން ކުދި ކާރުތައް ހިމެނެއެވެ. ކުދި ކާރުތައް ބޭނުންކުރަން ނިންމީ، ވިލިމާލޭގެ ހަނި ގޯޅިތަކަށް މިހާރު ދޭ ބަހުގެ ޚިދުމަތުގައި ބޭނުންކުރާ އުޅަނދުތަކަށް ނުވަދެވޭތީ، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

ވިލިމާލޭގައި ފެށި މި ޚިދުމަތަކީ މެދުނުކެނޑި 24 ގަޑިއިރު ލިބޭނެ ޚިދުމަތެކެވެ. ޓެކްސީ ބޭނުންވާ ފަރާތްތަކަށް ޚާއްސަ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޚިދުމަތަށް އެދެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.



ކިޔުންތެރިންގެ ހިޔާލު