އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ، އިމާމް އައްނަބަވީގެ 40 ހަދީޘް ހިތުދަސްކުރުމުގެ ޚާއްސަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅުތަކަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި ލޯބިޖެއްސުމަށާއި، ދީނީ އިލްމު އުގެނުމަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިނިސްޓްރީން ބުނިގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 6 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ވަނީ ހުޅުވާލެވިފައެވެ.

ޖުމްލަ ދެ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ، ބައިވެރިންނަށް ފަސޭހަކަމާއެކު ހަދީޘްތައް ދަސްކޮށް، އޭގެ މާނަ ދެނެގަތުމަށް މަގުފަހިވާނޭ ގޮތަށް ރޭވިފައިވާ ހަރަކާތެކެވެ.

މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ ޕޯސްޓަރުގައިވާ ކިއުއާރް ކޯޑު ސްކޭން ކޮށްގެން ނުވަތަ އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ހިމަނާފައިވާ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ މަހުގެ 30 ވާ އަންގާރަ ދުވަހެވެ.

ސަރުކާރުން އިސްލާމީ ހިދާޔަތާއި ދީނީ އިލްމު ފެތުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން ހިންގާ މިފަދަ މުހިންމު ޕްރޮގްރާމެއްގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ، މި ފުރުސަތުގެ ބޭނުން ހިފުމަކީ އިސްލާމިކް މިނިސްޓްރީގެ ބޮޑު އެދުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް