ޞާދިރު ޢަލީދީދީ   22 އޮކްޓޯބަރު 2020 - 11:33
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 10

................

[އަހަރެން ހޯދަން މިއުޅެނީ ކަލޭގެ ލޯތްބެއް ނޫން...ކަލޭ ނިކަން ހޭއަރާބަލަ. ބީރައްޓެއްސަކު ރަށަށް އަރައި ގަދަ ދައްކަން އެބަ އުޅެއެއްނު. ކަލޭ ތިއުޅެނީ އަހަރެންގެ ލަފާކަމާއި ނުލަފާކަން ނޭނގޭތީ....އަހަރެން ތަކުރާރުކޮށް މިބުނަނީ، އަހަރެން ރީޙާންގެ ލޯބި ކާމިޔާބުކުރާނަން.] ޝަބާބަށްވުރެން ހަރުކަށި ރާގަކަށް ޒޭބާ ބުންޏެވެ. ޒޭބާގެ ކެރޭކަމާއި ހުޝިޔާރުކަމުން ޝަބާބަށް ހިސާބެއްގެ ޙައިރާންކަމެއް ލިބުނެވެ.

[ނުކުރެވޭނެ. ނުވެސް ލިބޭނެ. އަހަރެން އެ ފުރްޞަތު ކަލެއަކަށް ނުދޭނަން. އެކަމަކު މިރޭ ކަލެޔާ ބައްދަލުކުރަން، ރީޙާން ތިގެޔަށް ފޮނުވާނަން. ކަލޭ އިންތިޒާރު ކުރާތި....] ޝަބާބް މިހެން ބުނެފައި ފޯނު ބާއްވާލިއެވެ.

އެދުވަހު ހަވީރު ރީޙާން އޮފީހުން އައިސް ވަނުމާއެކު، ޝަބާބް ޒޭބާގެ ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު، އެރޭ ޒޭބާއާ ބައްދަލުކުރުމަށް އެގެޔަށް ގޮސް ބަލާށޭވެސް ބުންޏެވެ.

[ނޫނޭ، އަހަންނަކަށް ނުދެވޭނެ. ނުވެސްދާނަން....] ރީޙާން ބުންޏެވެ. މިހެން ބުނެފައި ގޮސް އޭނާ ވަނީ ފެންވަރަން ގިފިއްޔަށެވެ. އެއީ އިރުފުސްމެ ވަގުތުކަމުން، ރީޙާން ގިފިއްޔަށް ވަން ވަގުތަކީ ޝަބާބް ބޭރަށް ނިކުތް ވަގުތެވެ. އެގެޔަށް އައިފަހުންވެސް އެއްވެސް ރެއެއްގެ އިރިފުސްމެ ވަގުތު އޭނާ ގޭތެރޭގައި ހޭދަކޮށްފައި ނުވެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ބަހަނާއެއް ދައްކާފައި އޭނާ ބޭރަށް ނިކުމެއެވެ.

ރީޙާން ފެންވަރައިގެން ނިކުތްއިރުވެސް ޝަބާބެއް ނެތެވެ. އެހެން ނަމަވެސް، ސިޓިންގރޫމްގައި އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ކޮއްކޮ ރިޔާ އިނެވެ. އެވަގުތަކީ ކައިވެނީގެ ވާހަކަ ދައްކަން ރަނގަޅު ފުރްޞަތެއް ކަމަށް އޭނާ ދުށްޓެވެ. ވުމާއެކު، ނަލަހެދިލައިގެން ނިކުމެ، ރީޙާން މަންމަމެންގެ ކުރިމަތީގައި އިށީނދެއްޖެއެވެ.

[މަންމާ...ބައްޕާ....އަހަރެން ވަރަށްބޮޑު ވާހަކައެއް ދައްކަން ބޭނުން...] ރީޙާން މިހެން ބުނެފައި އިސްއޮބާލައިފިއެވެ. ބޭބެ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން އެނގޭތީ، ރިޔާ ގާތަށްވެސް ހިނިއައެވެ. ނަމަވެސް، އޭނާ އިރުކޮޅަކުން ހިމޭންވެލިއެވެ.

[ބުނެބަލަ ކޮން ވާހަކައެއް. އަނެއްކާ ވަޒީފާއާމެދު ހިތްހަމަނުޖެހެނީތަ؟] މަޖީދު އެއްސެވެ.

[ނޫނޭ ބައްޕާ....ވަޒީފާ ވަރަށް ބަރާބަރު. އަހަރެން ބުނަން މިއުޅެނީ، ކައިވެނި ކުރަން ބޭނުންވާ ވާހަކަ....] ރީޙާން އިސްޖަހާލިއެވެ.

[އެހެންތަ؟ ކައިވެންޏަކާ ހަމަޔަށް ތި ދަތުރުކުރީ، ތި ކުއްޖަކު މަންމަމެނަށް ދައްކައިވެސްނުލާތަ؟] ޤިސާމާގެ މޫނުމަތި އުފާވެރިކަމުގެ އަސަރުން ވިދައިގަތެވެ.

[އެކުއްޖާ ނުލާހިކު ރަނގަޅަށް މަންމަމެން ދަންނާނެ. މަންމަމެން އޭނަ ދަސްވެސްކޮށްފި....އެކުއްޖަކީ ޝަބާބް...މަންމާ ޝަބާބް މިގެޔަށް ގެނައީވެސް އަހަރެން...ދޯ ކޮއްކޯ؟] ރީޙާން ބައްޕަމެނަށް އޮޅުންފިލުވައިދެމުން، ކޮއްކޮއަށް ދޯ އެއްލިއެވެ.

[ޝަބާއަކީ ރަނގަޅު އުޅުންތެރި ކުއްޖެއް...އެކަމަކު އެމަންޖެ، ކޮންމެ ރެޔަކު ގެއިން ބޭރަށް އެދަނީ ކޮންތާކަށް...] ޤިސާމާ ބުންޏެވެ. މަންމައާއި ބައްޕަގެ ރުހުން ލިބުންވީ، ރީޙާނާއި ޝަބާބަށް ލިބުނު ވަރަށްބޮޑު އުފަލަކަށެވެ.

[ކޮންމެ ރެޔަކުވެސް ބޭރަށްދަނީ އަހަންނާއެކު، މިރޭ އޭނާ ނިކުތީ އަހަރެން މިވާހަކަ ދައްކަން އުޅޭތީ ލަދުން...] ރީޙާން މިހެން ބުނެފައި ތެދުވިއެވެ.

އެރޭ ރީޙާނާއި އޭނާގެ މައިންބަފައިންނާއި ރައްޓެހިންގެ މަޝްވަރާގެ މަތިން، ފެށޭ މަހުގެ ސާދަވަނަ ދުވަހަކީ އެދެކުދިންގެ އަލަތު ކައިވެނީގެ ވަލީމާ އޮންނަ ރޭ ކަމުގައި ހަމަޖެހުނެވެ. ރީޙާންގެ އަތުގައި ފައިސާ ނެތުމުން، އޭނާ ޕާޓީ ބާއްވަން ބޭނުންނުވިޔަސް، އޭނާގެ ބައްޕަ މަޖީދު ބޭނުންވަނީ، ކުލަގަދަ ޕާޓީއެއްވެސް ބާއްވާށެވެ.

[އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ފުރަތަމަ ކައިވެނީގެ ވަލީމާ ފާހަގަނުކުރުމަކީ ޢާއިލާއަށްވެސް ލިބޭނެ ވަރަށްބޮޑު ނިކަމެތި ކަމެއް.] މަޖީދު ބުންޏެވެ.

[އަހަރެން ޕާޓީއެއް ނުބާއްވަން ޚިޔާލުކުރީ، ޚަރަދުކުޑަކުރަން ކަމަށް. އެކަމަކު ބައްޕައަށް ފެންނަ ގޮތެއް މައްސަލައެއް ނެތް.] ރީޙާން ބުންޏެވެ.

މިހާރު ޝަބާބްވެސް ހުންނަނީ ވަރަށް އުފާވެފައެވެ. އެރޭ އޭނާ ގެޔަށް އައިސް ވަނުމާއެކު، އެގޭ ހުރިހާ މީހުންވެސް އޭނަޔަށް ކިޔާފައިވަނީ ވަރަށް ހޫނު މަރްޙަބާއެކެވެ.

[ތިދެކުދިންގެ ގުޅުމަށް މަންމަމެންގެ އެއްވެސް މައްސަލައެއް ނެތް. މިހާރު ކައިވެންޏަށްވެސް މިވަނީ ތާރީޚް ކަނޑައެޅިފައި.] ޤިސާމާ ޝަބާބްގެ ބޮލުގައި ފިރުމާލިއެވެ. ޝަބާބް ހިނިތުންވެލަމުން ގޮސް އޭނާގެ ނިދާ ކޮޓަރިއަށް ވަނެވެ.

އެރޭގެ ދަންވަރެވެ. ޒޭބާއަށް ހޭލެވުނީ، މީހަކު އޭނާގެ ކަރުގައި ހިފާލިހެން ހީވެގެނެވެ. އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. އެއަށްފަހު، ލައިޓް ދިއްލުމަށްޓަކައި ސްވިޗް ޖައްސާލިއެވެ. ނަމަވެސް، އެއްވެސް އަލިކަމެއް ނެތެވެ. އޭރު ކޮންމެވެސް މީހަކު ކޮޓަރިތެރޭގައި ޙަރަކާތްތެރިވަމުންދާ ކަމުގެ އިޙްސާސްތަކެއް އޭނާއަށް ކުރެވެމުންދިޔައެވެ.

[ކާކު! މިތާ ލައިޓް ނުދިއްލިގެން މިއުޅެނީ ކީއްވެތަ؟] ޒޭބާ އެނދުން ތެދުވެއްޖެއެވެ. އެވަގުތު އަނދިރީގެ ތެރެއިން މީހަކު އޭނާގެ އަތުގައި ހިފަހައްޓާލިއެވެ. ނިކަން ބާރަށެވެ.

[އަޅެ ކާކުތަ ތީ؟ މަންމާ....ބައްޕާ...] ޒޭބާ ހަޅޭއްލަވައިގެންފިއެވެ. ނަމަވެސް، އެ އަޑު އިވިގެން އެއްވެސް މީހަކު އެތެރެއަކަށް ނާދެއެވެ.

[މީ އަހަރެން....ރީޙާން މިއައީ. އަހަރެންގެ ކައިވެނި ކުރެވޭތީ، ޒޭބާގެ ކިބައިން ހިތްހަމަޖެހުމުގެ ވަގުތުކޮޅެއް ލިބޭތޯ...] އަނދިރީގެ ތެރޭގައި އޭނާގެ ދެއަތުގައި ހިފަހައްޓާފައި ހުރި މީހަކު، އޭނާ އެނދުމައްޗަށް ވައްޓާލައިފިއެވެ. ދެން ފެނުނީ ހިޔަންޏެއްގެ ގޮތުގައި ފެންނަމުންދިޔަ ރީޙާން، ޒޭބާއާ ދިމާޔަށް ގުދުވެލިތަނެވެ. ޒޭބާ ފުންމައިގެން ތެދުވިއެވެ. ތިޔައީ ރީޙާނެއް ނޫނޭ ބުނަމުންނެވެ. ނަމަވެސް، އެމީހަކު އަނެއްކާވެސް އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

[ތީ ރީޙާން ވެއްޖެއްޔާ، މިތާނގެ ބޮކި ޖައްސަބަލަ. އަހަރެންގެ އަތުން ދޫކުރޭ...އައްދިއްޔޯއި...އަހަރެން ސަލާމަތްކުރޭ...] އެވަގުތު ޒޭބާގެ ކަނދުރާއަށް ވަރުގަދަ ކައްޓެއް ހެރިގެންދިޔައެވެ. ޒޭބާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް، އޭނާގެ އަޑުއިވިގެން އެއްވެސް މީހަކު އެތަނަކަށް ނާދެއެވެ. އިރުކޮޅެއްގެ ޙަރަކާތްތަކަކަށްފަހު ފެނިގެންދިޔައީ، އަނދިރީގެ ތެރޭގައި އެމީހަކު ޒޭބާ އުފުއްލައިގެން ނިކުތްތަނެވެ. ހީވާގޮތުން މިހާރު ޒޭބާގެ އެއްވެސް އާރެއް ބާރެއް ނެތެވެ.

ހެނދުނު ޒޭބާގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ، ހިތަދޫގެ ފުއްޓަރުފަރާތު ގޮނޑުދޮށުގެ ދިޔަރެސްގައި އޮއްވައެވެ. ފުރަތަމަ އެ މަސްގަނޑު ފެނުނީ، ހެނދުނު ހެނދުނާ އަތިރިޔަށް ފޭބި ކުދިންތަކަކަށެވެ. ބޭރުފުށަށް އަނިޔާތަކެއް ފެންނަން ނެތް ކަމުގައިވިޔަސް، ޒޭބާ މަރުވެފައިވަނީ ޤުދްރަތީ މަރަކުން ނޫން ކަމަށް، ގިނަބަޔަކު ޤަބޫލު ކުރެއެވެ.

[ޒޭބާ މަރުވެއްޖެ...] ޒޭބާގެ މަރުގެ ޚަބަރު ރީޙާނަށް ދިނީ ހައިޝަމެވެ.

[އޭނ...ޒޭބާ މަރުވެއްޖޭ! إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون] ރީޙާން ބޯހޫރާލިއެވެ.

[ފުއްޓަރުފަރާތު އަތިރިމަތީގައި އޮތީ...މަރުގެ ޙަޤީޤަތެއް އެއްވެސް މީހަކަށް ނޭނގެ...ބޭރުފުށަށް އަނިޔާތަކެއްވެސް ނެތް...އެކަމަކު ނޭނގެނީ، ރޭ ނިދަން އޮތް އަންހެން ކުއްޖަކު ފުއްޓަރު ފަރާތަށްދިޔަ ގޮތެއް.] ހައިޝަމް ބުންޏެވެ.

[ހިނގާ ދަމާ...މޫނުދެކެލަން ދާންވާނެ...] ރީޙާނާއި ހައިޝަމް ގެއިން ނިކުތްއިރު، އެމަންޒަރު ބަލަން ޝަބާބް ހުއްޓެވެ. އޭނާހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަހަލައެވެ.

ޒޭބާގެ މަރާ ގުޅޭގޮތުން އަތޮޅުތެރޭ އަޑު ފެތުރެމުންދިޔައީ އެކިގޮތްގޮތަށެވެ. ބައެއް ފަރާތްތަކުން ބުނަމުންދިޔައީ، ބަޔަކު އޭނާގެ ޢިއްފަތް ފޭރިގަތުމަށްފަހު މަރާލީ ކަމަށެވެ. އަނެއް ބަޔަކު ބުނަމުންދަނީ، އޭނާގެ މަރާ ގުޅިފައިވަނީ ޖިންނި ކަންތަކަކާ ކަމަށެވެ. މީގެއިތުރުން، އެއީ ޤުދްރަތީ މަރެއް ކަމަށް ޤަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ.

[އޭނަ މަރުވީ ރީޙާންގެ ލޯތްބާހެދި...މަރުގެ ޒިންމާ ރީޙާން އުފުލަންޖެހޭނެ...އުފުލަންޖެހޭނެ.] ރީޙާންމެން އެގެޔަށް ދިޔުމުން، ރޮއިރޮއި ހުރި ޒޭބާގެ ރަޙްމަތްތެރިޔާ ރޯޒީން ރީޙާނާ ދިމާއަށް ބުންޏެވެ. އޭނާގެ އަޑަށް އެންމެންގެ ސަމާލުކަންވެސް ރީޙާނަށް ލިބުނެވެ. ވުމާއެކު، ތަޙުޤީޤަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް އެދުވަހު ރީޙާން ޙާޟިރު ކުރެވުނެވެ. އެފަރާތުން ކުރި ސުވާލުތަކަށް ރީޙާން ޖަވާބުދާރީވުމުން، ޒޭބާގެ މަރުގެ ޒިންމާ ރީޙާންގެ ބޮލުގައި އެޅޭގޮތެއް ނުވިއެވެ.

ޒޭބާ މަރުވުމުން، އެއްބަޔަކު ހިތާމަކުރި ކަމުގައިވިޔަސް، ޝަބާބް ހުންނަނީ ވަރަށް އުފަލުންނެވެ. ޙަޤީޤަތުގައި އޭނާގެ ލޯތްބަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ބާރަކަށް ފުރްޞަތުދޭކަށް އޭނާ ބޭނުމެއް ނޫނެވެ.

[ޒޭބާ މަރުވީމަ، ބޮލަށް ތަންކޮޅެއް ފަސޭހަ ވެއްޖެއެއްނު. އަބަދު އޭނާ ގުޅާތީ ކިހާ އުނދަގޫވޭ....އަހަރެން ބޭނުމެއް ނޫން، އެގޮތަށް އުނދަގޫކުރާ އެއްވެސް މީހަކަށް ފުރްޞަތުދޭކަށް...] ޝަބާބް ރީޙާންގެ ކޮނޑުގައި ބޯއަޅާލައިގެން ހުރެ ބުންޏެވެ. ޝަބާބް އެހެން ބުނީމާ، ރީޙާން ސިހިފައި ޝަބާބާ ދުރަށް ޖެހިލިއެވެ.

[މާނައަކީ ޒޭބާ މަރާލީ ޝަބާއޭތަ!؟] ރީޙާން ބޭނުންވީ ޝަބާބާ ސަމާސާކޮށްލާށެވެ.

[އަހަންނަށް އެމީހެއްގެ ސަބަބުން އުނދަގޫވަންޏާ، އެމީހަކު މަރާލާކަށްވެސް ފަހެއް ނުޖެހޭނަން. އެކަމަކު ޝަބާބްގެ މަރާ އަހަރެންގެ ގުޅުމެއް ނެތް....އެކަމަކު އޭނަ މަރުވީ ރީޙާންގެ ލޯބީގެ ކަނޑުގައި ފެތިގެން.] ޝަބާބް ހީގަތެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް، މިހާރު ރީޙާނާއި ޝަބާބްގެ ކައިވެނީގެ ދުވަސް ބޯމަތިވެއްޖެއެވެ. ރީޙާންގެ ގެ އެދަނީ، ކައިވެނި ޕާޓީއަށްޓަކައި ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.

ޝަބާބްގެ ވަލީގެ ކަންތަކާއި، އޭނާގެ ޢާއިލާގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމަކާއި ލިޔެކިޔުންތައް އެއްކުރީ ޚުދު ޝަބާބް އަމިއްލައަށެވެ.

އޭނާގެ މަންމައާއި ބައްޕަ ދުނިޔެ ދޫކޮށްފައިވުމުގެ ސަބަބުން، އެކައިވެނި ޙަފްލާގައި ބައިވެރިވުމަށް އޭނާގެ ޢާއިލާގެ ފަރާތުން އެއްވެސް މީހަކު އަންނާކަށް ހަމަޖެހިފައެއް ނެތެވެ.

[ރޭގަނޑު ޕާޓީ ކުރިޔަށް ދިޔަޔަސް، ކައިވެނި ކުރަންވާނީ ދުވާލު....] ޝަބާބް އޭނާގެ ޚިޔާލުފާޅުކުރިއެވެ. އޭނާ ބޭނުންވާ ގޮތަށް އެކަން ހަމަވެސްޖެހުނެވެ. އިރިފުސްމެ ވަގުތު އުޑު ހާމަ ތަނެއްގައި ހުރުމަކީ، އޭނާ އެންމެ ބޭނުންވާ ގޮތެވެ. އެކަމަކު އެއީ ކީއްވެގެން ކަމެއް އެކަކަށްވެސް އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ. ވެދާނެއެވެ. އިރުފުސްމެ ވަގުތު ބަންދު ތަނެއްގައި ހުންނަން ޖެހިއްޖެނަމަ، އޭނާ ހާސްވަނީއެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރު ރީޙާނާއި ޝަބާބްގެ ކައިވެނި ކުރެވުނެވެ. ކައިވެނީގެ ރަސްމިއްޔާތު ނިމުމާއެކު، ޕާޓީގެ ޙަރަކާތްތައް ފެށުނެވެ.

އެއީ ޝަބާބް ބޭނުންވިގޮތެވެ. އެރޭ އެ ޙަފްލާއަށް އައި ގިނަބަޔަކު، ރީޙާންގެ ބައިވެރިޔާގެ ރީތިކަމުގެ ވާހަކަ ދައްކައި ހެދިއެވެ. ޚާއްޞަކޮށް، އޭނާގެ އޮފީސް ރައްޓެހިން އެވާހަކަ ދައްކައި، ކޮންތާކުންހޭ އެހާ ރީތި ކުއްޖަކު ހޯދީ، ހީވަނީ ޕަރީއެއްހެންނޭ ބުނެ ދިމާކުރިއެވެ.

[އަޞްލުވެސް...ރީޙާންގެ ވައިފް ވަރަށް ރީތި...] އޭނާގެ އޮފީސް އެކުވެރިއެއް ކަމުގައިވާ ރަފީޢު ބުންޏެވެ. ރަފީޢަކީވެސް އޭނާޔާއެކު އެމް.ޓީ.ސީ.ސީއާ ގުޅުނު މީހެކެވެ.

އެރޭ ވެގެންދިޔައީ ރީޙާންގެ ޙަޔާތަށް އައި އެންމެ އުފާވެރި ރެޔަށެވެ. މިހާރު ޝަބާބްވެސް އެހުންނަނީ ފިސާރި ހިތްހަމަޖެހިފައެވެ. އެއްވެސް ހުރަހެއްނެތި އޭނާއަށް އޭނާގެ ލޯބި ލިބުނީއެވެ. ދެން އޭނާ ވިސްނަންޖެހޭނީ ރީޙާނާއެކު އުފަލުގައި އުޅެވޭނެ ގޮތަކާ މެދުގައެވެ.

ކައިވެންޏަށްފަހު، ފާއިތުވެދާ ކޮންމެ ދުވަހަކުވެސް އާދައިގެ މަތިން ޝަބާބް އިރިފުސްމެ ވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. އެއީ ރީޙާން އޮފީހުގައި ހުއްޓަސްވެހެވެ.

[ދަރިފުޅާ...ކޮންމެ ރެޔަކު އިރިފުސްމެ ވަގުތު އެ މަންޖެ އެދަނީ ކޮންތާކަށްތަ؟ ވަރިހަމަނު، ރިޔާ ކޮއްކޮ ގާތު މަޑުކޮށްލިޔަސް. ރޭގައިވެސް ދަރިފުޅު އެ ގަޑީގައި އުޅުނީ އޮފީހުގައި. އެކަމަކު ޝަބާ އިރިފުސްމެ ނިކުތް މީހާ އައިސް ވަނީ ނުވައެއްޖަހާ ބޮޑުވިފަހުން. ދަރިފުޅު ބުނޭ، އެގޮތަށް ބޭރަށް ނުދާށޭ....] ޤިސާމާ ވާހަކަ ދެއްކީ ރީޙާނާއެވެ. އޭރު ޝަބާބް ހުރީ ކޮޓަރީގައެވެ.

[ޝަބާ ކޮންމެ ރެޔަކުވެސް ހުންނަނީ ލިންކް ރޯޑާ ދިމާ އަތިރިމަތީގައި....އަހަންނަށް އެނގޭ، ކޮންމެ ރެޔަކުވެސް އޭނަ އެތަނަށްދާކަން.] ރީޙާން ބުންޏެވެ. އެވަގުތު ޝަބާބްވެސް އެތަނަށް އަތުވެއްޖެއެވެ. ވުމާއެކު، އިތުރަށް އެވާހަކަ ނުދައްކައި ރީޙާން ގޮސް ކޮޓަރިއަށް ވަނެވެ. ފަހަތުން ޝަބާބް ކޮޓަރިއަށް ވަނެވެ.

[އަހަރެން ކޮންމެ ރެޔަކު ބޭރަށްދާތީ، މަންމަ ޝަކުވާކުރީދޯ؟ އިރުއޮއްސޭ މަންޒަރަކީ، އަހަރެން އަޞްލު ވަރަށް ޝައުޤުވެރިވާ މަންޒަރެކޭ...އެހެންވެ އަހަރެން ދަނީ...އެންމެ ރަނގަޅު، ރީޙާން އަހަރެންގެ އުފާތަކަށް ހުރަސްއަޅާނަންތަ؟] ޝަބާބް ދޮރުލައްޕާފައި އެތެރެއިން ތަންޑު އަޅުވައިފިއެވެ.

[ނޫނޭ...އަހަރެންގެ ލޯބިވާ ޝަބާބްގެ އެއްވެސް އުފަލަކަށް އަހަރެން ހުރަހެއްނާޅާނަން. ޝަބާބްދެކެ އެއަށްވުރެން ބޮޑަށް އަހަރެން ލޯބިވަން.] ރީޙާން ޝަބާބްގެ އަތުގައި ހިފައިގެން އައިސް އެނދުގައި އިށީނެވެ.

[މާނަޔަކީ ދުވަހަކުވެސް ރީޙާން އަހަންނަކާ ވަކިނުވާނަމޭތަ؟ އަހަރެން ނޭދެން، ދުވަހަކުވެސް ރީޙާނާ ވަކިވާކަށް. އެކަމަކު އަހަންނަށް ހީވާކަހަލަ، ކޮންމެވެސް ދުވަހަކުން ރީޙާން އަހަރެން ނިކަމެތިކޮށް އެއްލާލަފާނެޔޭ...] ޝަބާބްގެ ލޮލުން ކަރުނަ ވިދައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން