މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް
މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް
ނަރުސް މޭރީގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

މޭރީ އެންމެ ފަހުން ދިރިހުއްޓާ ފެނުނީ މާވިންއާއެކު އެ ގޭގައި ހުއްޓާ ކަމާއި، މާވިންގެ ފޯނުން މީހަކު ހާސްކޮށްލާނެ ގޮތުގެ ފޮޓޯތަކެއް ފެނިފައިވާކަން ޙުކުމްގައިއެވެ. އެހެންކަމުން، މާވިން ދެއްކި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، ގުޅުވާލެވޭ ހެކިތަކުގެ މައްޗަށް ބިނާކޮށް މޭރީ މަރާލީ މާވިންކަން ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި، އެކަން މޭރީއަށް އެނގުނު ހިސާބުން ލަމްހާއާ މޭރީއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށެވެ. ހަމައެއާއެކު މޭރީގެ ހަށިގަނޑުން ސަކްސިނަލްކޮލިން ކްލޮރައިޑް ޑްރަގް ފެނިފައިވާ ކަމަށާއި، ހޭނައްތާލުމަށް ބޭނުންކުރާ އެ ޑްރަގަކީ ހަމައެކަނި ހޮސްޕިޓަލްތަކަށް ދޫކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ ކޮންޓްރޯލްޑް ޑްރަގެއް ކަމަށް ޙުކުމްގައިވެއެވެ. އަދި އެ ޑްރަގް ބޭނުންކޮށްފައިވާ ފުޅިއަކާއި ސިރިންޖުތަކެއް ލަމްހާގެ ގެއިން ވަނީ ފެނިފައިވާތީ، ކުށުގެ އަމަލުގައި ލަމްހާގެ ބައިވެރިވުން އޮތްކަން ސާބިތުވާ ކަމަށް ހުކުމުގައިވެއެވެ.

ހުކުމުގައި ބުނެފައި ވަނީ މޭރީ މަރާލުމަށްފަހު މާވިންއާއި ލަމްހާ މަސައްކަތް ކޮށްފައި ވަނީ ދަންޖެހުނު ކަމަށް ހެދުމަށެވެ. ނަމަވެސް މޭރީ މަރުވެފައި ވަނީ ބޮލަށާއި ކަރަށް ލިބުނު އަނިޔާތަކުން ކަމަށް މެޑިކަލް ރިޕޯޓުތަކުން ސާބިތުވާ ކަމަށް ހުކުމުގައިވެއެވެ. މި މައްސަލަ ލަމްހާގެ މައްޗަށް ސާބިތުވާ ކަމަށް މިއަދު ނިންމި ނަމަވެސް، އަދަބު ކަނޑައެޅުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީ ދަންޖެހިގެން މަރުވެފައިވާކަމަށް ބުނެ އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ފިރިމީހާ މާވިންއެވެ. ފުރަތަމަ މާވިން ބުނީ މޭރީ ދަންޖެހިގެން މަރުވީ ކަމަށެވެ. މޭރީގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާ އަށް ފޮނުވައި އޭގެ ފަހުން ފިލިޕީންސްގައި ހުންނަ އާއިލާއާ ހަވާލުކުރީ 7 ނޮވެމްބަރު 2021 ގައެވެ. އޮޓޮޕްސީ ރިޕޯޓުގައި މޭރީ މަރުވީ ކަރާއި ބޮލަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުން ކަމަށް ދައްކައެވެ. އަދި މޭރީގެ ލޭގައި ސަކްސިނައިލްކޮލީން ހުރި ކަމަށް ފާހަގަކުރެވިފައިވެއެވެ.

މޭރީގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރުކުރީ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުއެެވެ.



ކިޔުންތެރިންގެ ހިޔާލު