ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދާ މީހަކު ހޯދުމަށް އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ފ. ނިލަންދޫ، ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހޯދަން ރެޑް ނޯޓިސް ނެރެން ޖެހުނީ، މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީއެވެ. އިޒްޔާން ހޯދުމަށް ފުލުހުން މީގެ ކުރިން ފޮޓޯއާ އެކު އާންމުކޮށް އިއުލާން ކުރި ނަމަވެސް، އޭނާ މިހާރު އުޅޭ ތަނެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އިޒްޔާންގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު އަމަލުކުރާ ހާއްސަ ގާނޫނުގައިވާ ގޮތުން، "އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހާ" ގެ ގޮތުގައި ބެލެވެނީ ކުއްޖާގެ އާއިލާގެ މެންބަރުންނާއި، މުދައްރިސުންނާއި، ކޯޗުން އަދި ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ ފަރާތްތަކެވެ. މިފަދަ ކުށެއް ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އިންޓަޕޯލް ރެޑް ނޯޓިހަކީ ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް ހޯދައި، ގާނޫނީ އިޖުރާއާތުތަކުގެ ތެރެއިން ހައްޔަރުކުރުމަށް، އިންޓަޕޯލްގެ 196 މެންބަރު ގައުމުގެ ފުލުހުންގެ އެހީތެރިކަމަށް އެދި ނެރޭ ނޯޓިހެކެވެ. ރެޑް ނޯޓިސް ނެރުމާ އެކު، ބައިނަލްއަޤުވާމީ ފުލުހުންގެ އެހީތެރިކަމާ އެކު އިޒްޔާން ހޯދައި ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު