ޑްރޯންގެ އެހީގައި އަތުލައިގަތް މަސްދޯނިތައް، ފޮޓޯ: އެމްއެންޑީއެފް
ޑްރޯންގެ އެހީގައި އަތުލައިގަތް މަސްދޯނިތައް، ފޮޓޯ: އެމްއެންޑީއެފް
ގދ. އަތޮޅާއި ފުވައްމުލަކު ސިޓީއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓުތަކެއް ހަރަކާތްތެރިވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް އިމް ހަރަކާތްތެރިވާން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، ބޭރުގެ ދެ މަސްބޯޓެއް ދަތުރުކުރަމުންދާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. މި ބޯޓުތައް ފާހަގަކުރެވިފައިވަނީ ގދ. އަތޮޅާއި ފުވައްމުލަކާ ދެމެދު އޮންނަ އިކްއެޓޯރިއަލް ޗެނަލް (ހުވަދޫ ކަނޑު) ތެރެއިން އިރުން ހުޅަނގަށް ދަތުރުކުރަނިކޮށެވެ.

މި މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ގޮސް ބޯޓުތައް ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް، މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް އަދި އެ އިދާރާއިން ހާމައެއް ނުކުރެއެވެ.

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ހުއްދަނެތި ވަދެ، މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުތައް ހޯދައި ހުއްޓުވުމަކީ ކޯސްޓްގާޑުން އަބަދުވެސް ކުރަމުންދާ މަސައްކަތެކެވެ. މިފަދަ އުޅަނދުތައް އަތުލައިގަތުމަށްފަހު، ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އެމްއެންޑީއެފުން އާންމު އުސޫލުން އެ ތަކެތި ހަވާލުކުރަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންގެ ހިދުމަތްވެސް މިހާރު ދަނީ ބޭނުންކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު