އެމްއެމްއޭ
އެމްއެމްއޭ
ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ރާއްޖޭގެ ބާޒާރުގައި ބޭރު ފައިސާގެ ތާށިކަން ކުޑަކުރުމަށްޓަކައި، ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު 25 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ނިންމައިފިއެވެ.

މަރުކަޒީ ބޭންކުން ބުނީ، މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ނިޔަލަށް، ކޮންމެ ހަފްތާއަކު ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މިހާރަށްވުރެ ޖުމްލަކޮށް 25 އިންސައްތަ އިތުރުވާނެ ކަމަށެވެ. މިއީ ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު މަދުވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ވަގުތީ ފިޔަވަޅެކެވެ.

އެމް.އެމް.އޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ވިޔަފާރިތަކަށާއި އާންމުންގެ އެކި ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް ވިއްކާފައިވާ ބޭރު ފައިސާގެ މިންވަރު ވަނީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 72 އިންސައްތަ އިތުރުވެފައެވެ. ވަކިން ހާއްސަކޮށް، ބޭސްފަރުވާއަށާއި ތައުލީމަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު 78 އިންސައްތަ އިތުރުވެފައިވެއެވެ.

މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމް.އެމް.އޭ އިން ވިއްކި ބޭރު ފައިސާގެ އަދަދު ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވެފައެވެ.

މަރުކަޒީ ބޭންކުން ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރު ކުރުމުގެ މައިގަނޑު މަގުސަދަކީ، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، ބޭންކިންގ ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުން ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު