މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-
ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި ފޭޝަލް ރިކޮގްނިޝަން ސިސްޓަމް ރަސްމީކޮށް ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކޯޕަރޭޓް ހޯލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި ސިސްޓަމް ދިވެހި ދައުލަތާ ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރުމީކޯއެވެ. ދިވެހި ސަރުކާރާއި މޯލްޑިވްސް އިމިގްރޭޝަނުގެ ފަރާތުން މި ސިސްޓަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ރިޓަޔަރޑް އަޙްމަދު ފަޞީޙްގެ އިތުރުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ޖަޕާނު ސަރުކާރުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.



މި ސިސްޓަމާ ގުޅޭގޮތުން ދާޚިލީ ވުޒާރާއިން ބުނީ، މިއީ ރާއްޖޭގެ އެއަރޕޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ މައުލޫމާތު މިހާރަށްވުރެ އަވަހަށް ސާފުކުރުމަށާއި، ބޯޑަރު ހުރަސްކުރާ މީހުންގެ އައިޑެންޓިޓީ (ވަނަވަރު) ކަށަވަރުކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ދާޚިލީ ސަލާމަތް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ޖަޕާނު ސަރުކާރުން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ވެދެއްވި މި އަގުހުރި އެހީތެރިކަމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެ ޤައުމުގެ ސަރުކާރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. ޖަޕާނަކީ ރާއްޖޭގެ ތަރައްޤީއާއި ސަލާމަތީ ކަންކަމުގައި ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ގާތް އެކުވެރި ޤައުމެކެވެ.



ކިޔުންތެރިންގެ ހިޔާލު