މަރްޔަމް ނަހްދާ ވަޙީދު   28 ޖޫން 2026 - 10:34
ސްމާޓްފޯނަކީ މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ވަގުތަކާ ގުޅިފައިވާ އެއްޗެކެވެ. މަސައްކަތުގެ އީމެއިލްތައް ބެލުމާއި، ކަލަންޑަރު ބެލެހެއްޓުމާއި، ފައިސާގެ މުއާމަލާތްތައް ކުރުން ފަދަ ކަންކަމުގައި ފޯނާ ނުލައި އުޅުމަކީ ދަތި ކަމަކަށް ވަނީ ވެފައެވެ. ފޯނުގެ ބޭނުންތެރިކަން ބޮޑުކަމުން، ގިނަ ވަގުތު ފޯނު އޮންނަނީ އަޅުގަނޑުމެންގެ ހަށިގަނޑާ ވަރަށް ކައިރީގައެވެ. އެގޮތުން ޖީބަށް ލައިގެން ނުވަތަ އަތަށްލައިގެން އުޅުމުގެ އިތުރުން، ނިދާއިރުވެސް ގިނަ ބަޔަކު ފޯނު ބާއްވަނީ ބޯލާކައިރީގައެވެ. މި އާދަތަކާއެކު، ފޯނުން ބޭރުވާ ރޭޑިއޭޝަންގެ ސަބަބުން ކެންސަރު ޖެހުމުގެ ނުރައްކާ އޮތްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

މި ސުވާލުތަކަށް ސައިންޓިފިކް ނަޒަރަކުން ޖަވާބު ދެއްވަމުން، އެސް.އެސް.އޯ ކެންސަރު ހޮސްޕިޓަލުގެ އޮންކޮލޮޖިސްޓް ޑރ. އަމިތު ޗަކްރަބޯޓީ ވިދާޅުވީ، ފޯނުން ރޭޑިއޭޝަން ބޭރުވާ ކަމީ ތެދެއް ނަމަވެސް، އޭގެ ބާވަތް ދެނެގަތުން މުހިންމު ކަމަށެވެ. ފޯނުން ބޭރުވަނީ 'ރޭޑިއޯ ފްރީކުއެންސީ' އެނާޖީއެވެ. މިއީ 'ނޮން-އަޔޮނައިޒިންގ' ރޭޑިއޭޝަންގެ ބާވަތެކެވެ. މިއީ އިންސާނާގެ ޑީ.އެން.އޭ އަށް ގެއްލުންދީ ކެންސަރު އުފެއްދުމުގެ ބާރު ހުންނަ އެކްސް-ރޭ ނުވަތަ ގާމާ-ރޭ ފަދަ 'އަޔޮނައިޒިންގ' ރޭޑިއޭޝަނާ މުޅިން ތަފާތު އެއްޗެކެވެ. ޑރ. އަމިތު ވިދާޅުވި ގޮތުގައި، ފޯނުން ބޭރުވާ ރޭޑިއޭޝަނަކީ ސީދާގޮތުން ޑީ.އެން.އޭ އަށް ބަދަލު ގެނައުމުގެ ގާބިލުކަން ހުރި އެއްޗެއް ނޫނެވެ.

ދުނިޔޭގެ ސިއްހީ އިދާރާތަކުން ކޮށްފައިވާ ދިރާސާތަކަށް އަލިއަޅުއްވާލައްވަމުން ޑރ. އަމިތު ފާހަގަކުރެއްވީ، އެތައް ހާސް ބަޔަކު ބައިވެރިކޮށްގެން ހިންގި ބޮޑެތި ތަހުގީގުތަކުން، ފޯނު ބޭނުންކުރުމާއި ކެންސަރާ ސީދާ ގުޅުމެއް އޮތްކަން ސާބިތުވެފައި ނުވާ ކަމަށެވެ. ސިކުނޑީގެ ކެންސަރު ނުވަތަ އެނޫންވެސް އާންމު ބާވަތްތަކުގެ ކެންސަރު ޖެހުމަށް ފޯނުގެ ސަބަބުން ބާރުލިބޭކަމުގެ އެއްވެސް އެކަށީގެންވާ ހެއްކެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. ނަމަވެސް، ޓެކްނޮލޮޖީއަށް އަންނަ ހަލުވި ބަދަލުތަކާއެކު، ޚާއްޞަކޮށް ޖީ5 ފަދަ އާ ވަސީލަތްތަކުގެ ދިގު މުއްދަތުގެ އަސަރުތައް ދެނެގަތުމަށް ދިރާސާތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފޯނުގެ ރޭޑިއޭޝަނާ މެދު ކަންބޮޑުވާ ފަރާތްތަކަށް ޑރ. އަމިތު ދެއްވާ އިރުޝާދަކީ، ހިތްހަމަޖެހުމަށްޓަކައި ބައެއް ފަސޭހަ ފިޔަވަޅުތައް އެޅުމެވެ. އޭގެ ތެރޭގައި ފޯނުން ވާހަކަދައްކާއިރު ސްޕީކަރު ނުވަތަ ހެޑްފޯން ބޭނުންކުރުމާއި، ބޭނުންނެތް ގޮތުގައި ފޯނުގެ ސްކްރީނަށް ބަލަން ހޭދަކުރާ ވަގުތު މަދުކުރުން ހިމެނެއެވެ. މިކަންކަމުގެ ސަބަބުން ހަށިގަނޑާ ފޯނާ އޮންނަ ދުރުމިން އިތުރުވެ، ރޭޑިއޭޝަނަށް ހުށަހެޅޭ މިންވަރު ކުޑަވެގެންދާނެއެވެ.

މީގެ އިތުރުން، ޑރ. އަމިތު ވަނީ ގިނަ މީހުން ކެންސަރުގެ ނުރައްކާ ކުޑަ ކަންކަމާ މެދު ކަންބޮޑުވާއިރު، ސައިންޓިފިކަލީ ސާބިތުވެފައިވާ އަސްލު ނުރައްކާތަކަށް ފަރުވާކުޑަކުރާކަން ފާހަގަކުރައްވާފައެވެ. ކެންސަރު ޖެހުމަށް ސީދާ މަގުފަހިވާ ކަންކަމުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ހަށިގަނޑު މާބޮޑަށް ފަލަވުމާއި، ކަސްރަތު ނުކުރުމާއި، ބަނގުރާ ބުއިން އަދި ގަވާއިދުން ބަލިތަކަށް ސްކްރީން ނުކުރުން ހިމެނެއެވެ. އެހެންކަމުން، ފޯނާ މެދު މާބޮޑަށް ބިރުގަތުމުގެ ބަދަލުގައި، ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮކުރުމަށް އިސްކަންދިނުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

މަސްދަރު: ހިންދުސްތާން ޓައިމްސް



ކިޔުންތެރިންގެ ހިޔާލު