ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު، ފާތިމަތު ޒަހިއްޔާ (ޒާޔާ)
ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު، ފާތިމަތު ޒަހިއްޔާ (ޒާޔާ)
ރޭ ކުރި ބޯ ވިއްސާރައިގައި ހުޅުމާލެ ފޭސް ދޭއްގައި ހުރި ފަހިދިރިއުޅުން ފުލެޓްތަކަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ، އެ ތަންތަނުގެ މަސައްކަތްތައް އަލުން ހަރުދަނާކޮށް ރަނގަޅު ކުރުމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ގޮވާލައްވައިފިއެވެ.

ޒާޔާ މިއަދު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރޭ ކުރި ވިއްސާރައިގައި ފުލެޓްތަކުގެ ވައިގޮޅިތަކުންނާއި އެޕާޓްމެންޓްތަކުގެ ކުޑަދޮރުތަކުން ހުއްޓުމެއްނެތި ފެން ވަދެފައިވާ ކަމަށެވެ. މީގެ ސަބަބުން އެތައް އާއިލާއަކަށް ވަނީ ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލެޓްތަކުގެ ބައެއް އިންފްރާސްޓްރަކްޗާ މައްސަލަތަކަށް އަލިއަޅުވާލައްވަމުން ޒާޔާ ވިދާޅުވީ، "ދޯދި" 16 ވަނަ ޓަވަރުގައި ހުރި ލިފްޓެއް ހަލާކުވެފައި ހުންނަތާ މިހާރު ތިން މަސް ދުވަސް ވެފައިވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން މި ފުލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމާފައިވަނީ ވަރަށް އާދައިގެ ފެންވަރެއްގައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އެގޮތުން، ބައެއް އެޕާޓްމެންޓްތަކުގައި ޖަހާފައި ހުރި މުށިތައް މައްޗަށް އަރާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވަމުން ޒާޔާ ވިދާޅުވީ، މި ފުލެޓްތަކުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މި މައްސަލަތައް ހައްލުކޮށްދޭން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ރޭ ގަދަވަޔާއެކު ކުރި ވިއްސާރައިގައި ހުޅުމާލެ ފޭސްދޭއްގެ ޝަހީދު އަލީ ސްކޫލުގެ ބައެއް ޕެނަލް ބޯޑުތަކާއި އޭސީއެއްގެ އައުޓްޑޯ ޔުނިޓު ނެއްޓި ބޮލަށް ވެއްޓެން ކައިރިވެފައިވާތީ އެކަން ޙައްލުކޮށް ދިނުމަށްވެސް ޒާޔާ ގޮވާލާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ފުލެޓްތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި މިފަދަ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު