ފުލުހުން އަތުލައިގެންފައިފާ ސިނގިރޭޓް
ފުލުހުން އަތުލައިގެންފައިފާ ސިނގިރޭޓް
ސިނގިރޭޓުން ނަގާ ޑިއުޓީގެ އަގު ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި އިސްލާހު ފާސްކުރީ ކޮމިޓީގައި ވޯޓުދެއްވި 69 މެންބަރުންގެ އިއްތިފާގުން، ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ހުށަހެޅި ގޮތަށެވެ. ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހީމް މި ބިލު ހުށަހެޅުއްވީ މިޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

މި ބިލުގެ ދަށުން، މިހާރު ސިނގިރޭޓަކުން ނަގަމުންދާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން (ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް) ނަގާ ޑިއުޓީ ވެސް 4 ރުފިޔާއަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތައަށް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށް އިގްތިސޯދީ ގޮތުން މަގުފަހިކޮށްދިނުމެވެ. އެގޮތުން، ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށް ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.

ނޮވެންބަރު 2024 އިން ފެށިގެން ދުންފަތުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން، ކުރިން 110 ރުފިޔާއަށް ލިބުނު ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 ރުފިޔާއަށް އުފުލިފައެވެ. މީގެ ސަބަބުން ސިނގިރޭޓް ވިޔަފާރި ދަށްވެ، އަމިއްލައަށް ސިނގިރޭޓް އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި، ވަގަށް ސިނގިރޭޓް އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

މި ބަދަލާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ، ޑިއުޓީ ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ވިސްނަމުންދާ ކަމަށެވެ. އިޙްސާން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ލަފާގެ މަތިން، ސިނގިރޭޓުން ނަގާ ޑިއުޓީ ކޮންމެ ސިނގިރޭޓަކަށް 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ "ދުންފަތުން ނަގާ ޑިއުޓީގެ ކަންކަމުގައި ސަރުކާރުން ޔޫ ޓާނެއް ނުނަގާ" ކަމަށާއި، ގެންނަނީ ކޮންމެހެން ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް ކަމަށެވެ.

ސިނގިރޭޓުން ނަގާ ޓެކްސް ދެގުނަ ކުރުމުގެ އިތުރުން، ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ވޭޕާއި އީސިނގިރޭޓް މަނާކޮށް، 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ސިޔާސަތެއް ތަޢާރަފުކޮށްފައެވެ. މި ބިލު ދެން ހުށަހެޅޭނީ މަޖިލީހުގެ ތަޅުމަށް އެންމެ ފަހުގެ ވޯޓަށެވެ.



ކިޔުންތެރިންގެ ހިޔާލު