އެމްޑީޕީގެ ލީޑަރޝިޕުން 'އަލްޙަމްދު' ކިޔަން ބުންޏަސް، އެކަމާ ޕީއެންސީން ދެކޮޅު ހަދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު އިއްބެ) ވިދާޅުވި ވާހަކަތަކަކީ އިސްލާމީ މި ގައުމުގައި ފިތުނައިގެ އަލިފާންގަނޑެއް ރޯކުރުން ފަދަ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ، މެންބަރު ޖަނާބު ދެއްކެވި ވާހަކަތަކަކީ ދީނީ ގޮތުން ބުނެވޭނެ ބަސްތަކެއް ނޫން ކަމަށާއި، އެއީ ކިނބުރުވެރިކަމާއި ބޮޑާކަމުގެ ބަސްތަކެއް ކަމަށެވެ. އަދި މިފަދަ ވާހަކަތަކުގެ ސަބަބުން ދީނީ އިލްމުވެރިންނާއި ދީނާމެދު ޒުވާނުން ދެކޭގޮތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ދެއްވިއެވެ.

"މީހަކު ބޮޑާވެ ކިބުރުވެރިކަން އިންތިހާޔަށް ދިޔައިމަ ކުފުރުގެ ބަސްތައް ބޭނުން ކުރެވޭއިރުވެސް ނޭނގޭނެ،" ޖަމީލް ވިދާޅުވިއެވެ.



މީހެއްގެ އަޅުކަން ގަބޫލުވޭތޯ ނިންމުމަކީ އިންސާނުންނަށް އޮތް ކަމެއް ނޫންކަން ފާހަގަކުރައްވައި، ޖަމީލް ވިދާޅުވީ ނިޔަތް ކަނޑައެޅުމަކީ ހަމައެކަނި ﷲ ތަޢާލާއަށް އެކަނި ލިބިވޮޑިގެންވާ ސިފަފުޅެއް ކަމަށެވެ.

މިކަމަށް ބާރުދެއްވުމުގެ ގޮތުން ޖަމީލް ވަނީ ސޫރަތް ލުޤުމާނުގެ 18 ވަނަ އާޔަތާއި، އުސާމާ ބިން ޒައިދު رضّي الله عنه ގެ ހާދިސާ ހިމެނޭ ބުޚާރީގެ ސައްހަ ހަދީޘުން ދަލީލު ދައްކަވާފައެވެ. އެ ހަދީޘްގައިވާ ގޮތުން މީހެއްގެ ހިތުގެ ނިޔަތް ދެނެގަތުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު