ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތަރައްޤީގެ މަޝްރޫޢުތައް ކަނޑައަޅާފައިވާ ސުންގަޑިތަކަށް ނިންމުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މި ނިންމެވުންތައް ނިންމަވާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި ޖަލްސާގައި ނިންމެވި އެންމެ މުހިންމު އެއް ކަމަކީ، ސަރުކާރުގެ މަޝްރޫޢުތައް މޮނިޓަރ ކުރުމަށް ބޭނުންކުރާ "ދުވެލި" ޕޯޓަލް އާއި، ފިނޭންސް މިނިސްޓްރީގެ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް (ޕީއައިއެމްއެސް) މި ހަފުތާގެ ނިޔަލަށް އަދާހަމަކުރުމެވެ. އަދި މީގެ ފަހުން ހުރިހާ މަޝްރޫޢުތަކެއްގެ މަޢުލޫމާތު ވަގުތުން ވަގުތަށް މި ޕޯޓަލްތަކަށް އަދާހަމަކުރަމުން ގެންދިއުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

މަޝްރޫޢުތައް ހިންގުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި ޚާއްޞަ ޓީމެއް ގާއިމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މި ޓީމުގެ މަސްއޫލިއްޔަތަކީ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް އަވަސް ޙައްލެއް ހޯދައިދިނުމެވެ. މީގެ އިތުރުން، ކޮންމެ ވުޒާރާއެއްގައިވެސް މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރާނެ ޚާއްޞަ ޔުނިޓެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާއިރު، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި، މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއެކު ގާތުން މަސައްކަތްކުރުމަށް ވަނީ ނިންމަވާފައެވެ.

ދަތުރުފަތުރުގެ ދާއިރާއިން ނިންމެވި މުހިންމު ނިންމުމެއްގެ ގޮތުން، 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ގާއިމުކޮށް ނިންމުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ. މިކަމަށް ބޭނުންވާ އެންމެހާ ތައްޔާރީތައް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ވަނީ އަންގަވާފައެވެ.

އާންމު ރައްކާތެރިކަމާ ގުޅޭގޮތުން ނިންމެވި ނިންމެވުމެއްގައި، ކެމިކަލް ގުދަންތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށްޓަކައި، އަތޮޅުތެރޭގެ ރަށްރަށުގައި ކެމިކަލް ގުދަން ކުރަން ހުއްދަ ދޭނީ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ތަންތަނުގައި އެކަނި ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު