ޞާދިރު ޢަލީދީދީ   23 އޮކްޓޯބަރު 2020 - 13:8
އިރިފުސްމެ
އިރިފުސްމެ
އެޕިސޯޑް 11

................

[މާނަޔަކީ ދުވަހަކުވެސް ރީޙާން އަހަންނަކާ ވަކިނުވާނަމޭތަ؟ އަހަރެން ނޭދެން، ދުވަހަކުވެސް ރީޙާނާ ވަކިވާކަށް. އެކަމަކު އަހަންނަށް ހީވާކަހަލަ، ކޮންމެވެސް ދުވަހަކުން ރީޙާން އަހަރެން ނިކަމެތިކޮށް އެއްލާލަފާނެޔޭ...] ޝަބާބްގެ ލޮލުން ކަރުނަ ވިދައިގަތެވެ.

[އެކަމަކު ޝަބާބް، ތިހެން ހީކުރަން ހެޔޮވެސް ނުވާނެ. އަހަރެން ހަމަ ހޭގައި ހުރެގެން، ޝަބާޔާ ވަތްކެއްނުވާނަން. އެކަމަކު ޝަބާބް، ކޮންމެ ރެޔަކު ބޭރަށް ދިޔުމަކީ ރަނގަޅު ކަމެއް ނޫން...މަންމަމެނާމެދުވެސް ވިސްނަންވާނެ.] ރީޙާން ބުންޏެވެ. ރީޙާން ތަކުރާރުކޮށް ބުނި ކަމުގައިވިޔަސް، ޝަބާބަށް ކޮންމެ ރެޔަކު އެގަޑީގައި ބޭރަށް ނުގޮސް ފަރުޖެއްސޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެހެން ވެއްޖެނަމަ، ބޮޑު ގެއްލުމަކާވެސް ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ފަހަރުގައި އޭނާގެ ލޯބީގައި ނުވަތަ ޒަވާޖުގައި ނިމުމުގެ ސިއްކަވެސް ޖެހިދާނެއެވެ. ފަހަރެއްގައިވެސް އެކަން އެހެންވާކަށް އޭނާއެއް ނޭދޭނެއެވެ. އޭނާ އެކަންޏެއް ނޫނެވެ. ރީޙާންވެސް އޭނާގެ ލޯތްބާއި ޒަވާޖަކީ ކުޑަދުވަސްކޮޅަކަށްފަހު ބީވެގެންދާ އެއްޗަކަށްވާކަށް އޭނާވެސް ނޭދޭނެއެވެ.

ޖެހިގެން އައި ދުވަހުގެ އިރިފުސްމެ ވަގުތެވެ. ރީޙާން އޮފީސް ދަތުރެއްގައި ހުޅުމީދޫއަށް ގޮސްފައި ވުމާއެކު، ޝަބާބް ބޭރަށް ނުނިކުތުމަށް ރީޙާންވެސް އެދިފައިވާތީ، ޝަބާބް އެއޮތީ ކޮޓަރި ތަޅުލައިގެންނެވެ. އެހެން ނަމަވެސް، އޭނާ ހުރީ ކުޑަދޮރު ހުޅުވައިގެެން ބޭރަށް ނިކުމެ އުޑުހާމަ ތަނުގައެވެ.

އެރޭ ނުވައެއްޖަހާ ބޮޑުވަންދެން އޭނާ އެގޮތަށް ހުއްޓެވެ. އޭނާ ކޮޓަރިން ނިކުތީ ދޮރުގައި ރިޔާ ޓަކިޖަހަން ފެށުމުންނެވެ. ރިޔާ ޓަކިޖަހަން ފެށީ މަންމަ ޤިސާމާ ބުނެގެނެވެ.

[މި ހުޅުވަނީ ރިޔާ ކޮއްކޮ ކިހިނެއްވީ؟] ދޮރު ހުޅުވާފައި ބޭރަށް ނިކުންނަމުން ޝަބާބް ވާހަކަ ދެއްކިއެވެ.

[ހިނގާ ކާން. ބޭބެވެސް އިރުކޮޅަކުން އަންނާނެކަންނޭނގެ.] ރިޔާ ބުންޏެވެ.

[އަހަރެން ކާނީ ރީޙާން އައީމަ...ކޮއްކޮދޭ ކާން.] ރިޔާގެ ފަހަތުން ބޮޑުކޮޓަރިއަށް ނިކުންނަމުން ޝަބާބް ބުންޏެވެ. އެއީ އެތާ ކައިރީ ހުންނަ މިސްކިތުގެ މުދިމް ރެކިފުތާބެ އެގެޔަށް އައިސް ވަން ވަގުތެވެ. ރެކިފުތާބެ ފެނުމާއެކު، ޝަބާބް ފަހަތަށް ޖެހެން ފެށިއެވެ. ޝަބާބާ ހަތަރުކަޅި ހަމަވުމާއެކު، ރެކިފުތާބެ ހުއްޓުނެވެ. ދެލޯ ބޮޑުކޮށްގެން އޭނާ ޝަބާބްގެ ފައިގެ ބޮޑުވާ އިނގިލިން ފެށިގެން ބޮލާ ހަމަޔަށް ބަލައިލިއެވެ. އޭރު ރެކިފުތާބެ ހުރީ ހިސާބަކަށް ބިރުގެންފައެވެ. އޭރު ޝަބާބް ހުރީ ކަޅިވެސްޖަހާނުލާ ރެކިފުތާބެގެ ލޮލަށް ބަލާށެވެ.

[ރެކިފުތާބެ...އާދޭ ކާން.] ރެކިފުތާބެ ސިހުނީ ޤިސާމާގެ އަޑުންނެވެ. މިހާރު ވަގުތެއްނެތޭ، ފަހުން އަންނާނަމޭ ބުނެފައި ރެކިފުތާބެ އެގެއިން ނިކުތީ ނުހަނު ކަންބޮޑުވުމުގެ އަސަރާއެކު، ޝަބާބްގެ މޫނަށް ބަލަން ހުރެއެވެ. ރެކިފުތާބެ ނިކުތުމުން، ޝަބާބް ދެއަތަކަށް ބޯހޫރާލިއެވެ.

[މަންމާ...ރެކިފުތާބެ ހާދަ ފާޑަކަށް ޝަބާ ދައްތައަށް ބެލީ...ހީވީ އޭނަޔާ އެއްވަރުގެ މީހަކަށް ބަލަން ހުރިހެން...] ރެކިފުތާބެ ޝަބާބާ ދިމާއަށް އާދަޔާ ޚިލާފު ގޮތަކަށް ބަލަމުންދިޔަކަން ރިޔާއަށްވެސް ފާހަގަކުރެވުނެވެ.

[ތިބުނީ ރަނގަޅަށް...އޭނަ ބެލިގޮތުން އަހަރެންވެސް ލަދުގެން...އަޅާނުލާ...އެއީ އެ ޢުމުރަށް ދިޔައީމަ، ބައެއް ފިރިހެނުންގެ ފާޑޭ....] ޝަބާބް މިހެން ބުނެފައި، އޭނާގެ ލޯބިވާ ފިރިމީހާއަށް ކާންހަދަން ފެށިއެވެ.

ރީޙާން މަސައްކަތުން ގެޔަށް އަންނައިރު، ކާން ހަދައިގެން އިންތިޒާރު ކުރުމަކީ ޝަބާބްގެ އާދައެކެވެ. ޙަޤީޤަތުގައި ޝަބާބަކީ އަންބެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ސިފަތަކެއްވެސް ލިބިފައިވާ އަންހެނެކެވެ. އެއީ އޭނާގެ ކިބައިގައި ހުންނަ ރީޙާން އެންމެ އުފާވެ ހިތްހަމަޖެހޭ ސިފަތަކެވެ. ދުވަހަކުވެސް ބަނޑުހައިވެގެން ޝަބާބް ގާތު އޭނާ ބުނާކަށް ނުޖެހެއެވެ. ޝަބާބް ރީޙާން ބަނޑުހައިވާނޭކަމާއި، ހެދުން ބަދަލުކުރަންޖެހޭކަން ދަނެއެވެ.

[ޝަބާޔަކީ އަހަންނަށް ލިބުނު އަނބި ޖަވާހިރެއް...ފާޑުކިޔާނެ އެއްވެސް ސިފައެއް ނެތް...] ރީޙާން އޭނާގެ އަނބިމީހާއަށް ތަޢުރީފްކޮށްފައި ވާހަކަ ދެއްކީ، އޭނާގެ އޮފީސް އެކުވެރިޔާ ރަފީޢާއެވެ.

[ކައިވެނީގެ ފުރަތަމަކޮޅު އަންހެނުން ވަރަށް ގޮތް ދައްކާނެ. އަހަރެންގެ އަންހެނުންވެސް ފުރަތަމަކޮޅު ވަރަށް ރަނގަޅު. އަހަރެންގެ އަންހެނުންނަށް ނިސްބަތްކޮށް އޭރު އަހަރެން ބުނިން، އެއީ ފަސްމީރު ކުރިރުކެކޭ....އެކަމަކު މިހާރު ފެންނަނީ މުޅިން ޚިލާފް މަންޒަރުތަކެއް. ދެކުދިން ލިބުނުފަހުން، އަހަރެންގެ ކަންތައްތަކާ އުޅޭކަށް އޭނަޔަކަށް ވަގުތެއްނުވޭ. ޝަބާބް އެގޮތަށް ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު.] ރަފީޢު އޭނާގެ ތަޖްރިބާގެ އަލީގައި ބުންޏެވެ.

[ޝަބާބް ތިހެނެއް ނުވާނެ. އެއީ ދެގޮތެއްވާނޭ މީހެއް ނޫން.] ރީޙާން ޝަބާބަށް ކުރާ އިތުބާރު ނިކަން ބޮޑެވެ.

[އެއްވެސް މީހަކަށް ތިވަރަށް އިތުބާރު ކުރާކަށް ނުވާނެ. ހިނގާ ސައިތަށްޓެއް ބޯން ދަމާ...] ރަފީޢު ބުންޏެވެ.

[މިހާރު ދެން މިރޭ ކާގަޑި ޖެހިފައި ހުއްޓާ ސަޔެއް ނުބޮވޭނެ. ޝަބާ ހުންނާނެ، ކާންހަދައިގެން އިންތިޒާރުގައި.] ގެޔަށްދާ ގަޑި ޖެހިފައި ވުމާއެކު، ރީޙާން ސައިބޯކަށް ބޭނުމެއް ނުވިއެވެ.

[އޯކޭ މައްސަލައެއް ނެތް...އަވަހަށް ރަށަށްދާން ނައްޓާލާ...] އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ރަފީޢު މިހެން ބުނީމާ، ރީޙާން ރަށަށް ދިޔުމަށްޓަކައި ނިކުތެވެ.

އެރޭ ނިދަން އޮށޯތްއިރުވެސް ޝަބާބް ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ. ހީވާކަހަލައެވެ. އޭނާ ވަނީ ކޮންމެވެސް ކަމަކާ ހާސްވެ ކަންބޮޑުވެފައެވެ. އެހެން ނޫނީ، ކޮންމެވެސް ކަމެއް ބަޔަކަށް އެނގިދާނެތީ އޭނާ ބިރުގަންނަނީއެވެ.

[ޝަބާ ކޮންމެވެސް ކަމަކާ އެބަ ފިކުރުކުރާހެން ހީވޭ. އަނެއްކާ މިގޭތެރެއިން ޝަބާ ހިތްހަމަނުޖެހޭ ކަމެއް ދިމާވީތަ؟] އެނބުރެމުންދާ ފަންކާއަށް ނަޒަރު ހުއްޓައިގެން އޮތް ޝަބާބާ ދިމާއަށް ބަލަން އޮވެމެ، ރީޙާން އެއްސެވެ. ރީޙާންގެ އެ ޖުމްލައިން ޝަބާބް ހިސާބަކަށް ސިހުނެވެ.

[އުހުނ...ކަމެއްނުވޭ...މިއަދު ކުޑަކޮށް މަންމައާއި ބައްޕަގެ ހަނދާންތައް އާވަނީ...މަންމަމެން ކުއްލިއަކަށް މަރުވީމާ...] ޝަބާބްގެ ދެލޯ ފެންކަޅިވިއެވެ.

[އެ ހަނދާންތައް އާކުރުމަކުން ކުރާނޭ އެއްވެސް ފައިދާއެއް މިހާރަކު ނެތް...] ރީޙާން ޝަބާބްގެ ހަށިގަނޑުގައި ބައްދާލިއެވެ.

[އަހަންނަށްވެސް އެނގޭ...އެކަމަކު މަންމައާ ބައްޕަގެ މޫނުވެސް އަހަންނަށް ފެނުނީކީ ނޫން...] ޝަބާބް ރީޙާންގެ މޭގެތެރެއަށް ރަނގަޅަށް ބޮނޑިވެލިއެވެ.

[މިރޭ ނިދާލާ...ހަނދާންތަކާ ދުރަށް ދެވޭނީ ނިދާލައިގެން....] ރީޙާން ބުންޏެވެ. ޝަބާބް ބޯޖަހާލަމުން އަނެއް ފަރާތަށް އެނބުރުނެވެ.

މިހާރު މެންދަން ވެއްޖެއެވެ. ނަމަވެސް، ރެކިފުތާބެ އަދިވެސް ވިސްނަމުން އެދަނީ، މިރޭ ފެނުނު އާދަޔާ ޚިލާފު އަންހެން ކުއްޖާއާ މެދުގައެވެ. އޭނާއަށް ޝައްކެއް ނޫނެވެ. ޔަޤީނެވެ. އެއީ އާދަޔާ ޚިލާފު ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ. ވުމާއެކު، އެކުއްޖާއާބެހޭ ޙަޤީޤަތް ހޯދުމުގެ ޝައުޤު ވަރަށްބޮޑުވެއްޖެއެވެ. ވުމާއެކު، ފުރަތަމަ އޭނާ ޤަޞްދުކުރީ، ޤިސާމާއާ ބައްދަލުކޮށް، އެކުއްޖާއާބެހޭ މަޢުލޫމާތު އޮޅުންފިލުވާށެވެ. އެއަށްފަހު، އޭނާ ވިސްނާނީއެވެ. ހަމަ ގައިމުވެސް ޝަބާބްގެ ކިބައިން އެހެން އިންސާނުންނާ ތަފާތު ސިފަތަކެއް އޭނާއަށް ފާހަގަކުރެވިފައިވެއެވެ.

ރެކިފުތާބެ އެރޭ އޭނާގެ ރައްކަލަށްޓަކައި އެންމެ ހިނދުކޮޅަކަށްވެސް ނުނިދައެވެ. އޭނާ ބޭނުންވަނީ ހެނދުނު ޤިސާމާމެންގެ ގެޔަށް ގޮސް އެވާހަކަ ދައްކާށެވެ.

ޤިސާމާއާއި ރެކިފުތާބެއާ ދުރުތާ ތިމާގެ ނަމަވެސް، ތިމާގެ ކަމަށްވުރެން ރެކިފުތާބެއަކީ ގާތްކަން އޮންނަ މީހެކެވެ. ރީޙާނާއި ޝަބާބްގެ ކައިވެނި ކުރެވުނުއިރު، ރެކިފުތާބެ ހުރީ ބޭސްފަރުވާއަކަށް މާލެއަށް ގޮހެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ރެކިފުތާބެ ޤިސާމާމެން ގެޔަށް ދިޔައިރު، މަޖީދުވެސް ގޭގައި އުޅެއެވެ. ޤިސާމާ ބަދިގެފަރާތުގައި ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެއެވެ. އޭރު ޝަބާބާއި ރިޔާވީ ކޮންމެވެސް އެއްޗެއް ގަންނަން ފިހާރަޔަކަށް ގޮހެވެ.

[އައްސަލާމް ޢަލައިކުމް...] ރެކިފުތާބެ ގޭތެރެއަށް ބޯދިއްކޮށްލަމުން ސަލާމް ގޮވާލިއެވެ.

[ވަޢަލައިކުމުއް ސަލާމް...އަހަނ ރެކިފުތާބެ...އާދޭ...ސައި އެ ތައްޔާރުވަނީ....އާދޭ ސައިބޯން...] ސަލާމް ބަލައިގަތުމަށްފަހު، މަޖީދު ވާހަކަ ދެއްކިއެވެ. މުޅި ގޭތެރެޔަށް ނަޒަރު ހިންގާލަމުން، ރެކިފުތާބެ އެތެރެއަށް ވަދެއްޖެއެވެ. ގޭތެރެއަށް ވަދެވެސް އޭނާ ހޯދަން ފެށީ އިތުރު މީހަކު ފެނޭތޯއެވެ.



[ކަލޭމެން މިގޭ ސޮރުވެސް ބޮޑުނުވަނީސް މީހަކާ ދެވީއޭދޯ؟ އެސޮރާ އެސޮރުގެ އަނބިގޮއްޔެ ކޮބައިތަ؟] ރެކިފުތާބެ އެތެރެއަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް، ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

[އެދެކުދިން ހިތާވެގެން ކައިވެނި ކުރަން އެދުނީމާ، ކޮށްނުދީ ކީއްތަކުރާނީ...އެހެން ނޫނީ ފާފަތަކަށް މަގު ކޮށޭނީ.] މަޖީދު ބުންޏެވެ. ޤިސާމާ މޭޒުމައްޗަށް ސައި ތައްޔާރުކުރަން ފެށިއެވެ.

[އެސޮރު އިނދެގެން އެއުޅެނީ ކޮންރަށަކު ކުއްޖަކާތަ...ހިއެއްނުވޭ އެއީ މިސަރަޙައްދުގެ ކުއްޖެއްހެނެއް...] ރެކިފުތާބެ ބުންޏެވެ.

[އެއީ ލ. އަތޮޅު ކުއްޖެއް...އަހަރެމެންނަކަށްވެސް އެމަންޖެގެ ޢާއިލާއާބެހޭ މަޢުލޫމާތުތަކެއް ނުލިބޭ. ނާސްތާ ކުރަން ފަށާބަލަ...] ޖަވާބުދިނީ ޤިސާމާއެވެ. މަޖީދާއި ރެކިފުތާބެ ނާސްތާ ކުރަން ފަށައިފިއެވެ.

[މަޢުލޫމާތު ނުހޯދާ ކައިވެނި ކުރުވާކަށް ނުވެސްވާނެއެއްނު. ވެދާނެއެއްނު...] ރެކިފުތާގެ ޖުމްލަ މެދުކެނޑުނީ އެވަގުތު ޝަބާބް އައިސް އެތަނަށް ހުއްޓުނީމައެވެ. ޝަބާބްގެ ލޯ އަމާޒުވެފައި ހުރީ ސީދާ ރެކިފުތާބެގެ ލޮލަށެވެ. އެހެންވުމުގެ ސަބަބުން ރެކިފުތާބެއަށް ރަނގަޅަށް ނާސްތާވެސް ނުކުރެވުނެވެ.

އޭނާ ކުޑަގޮތަކަށް ސައިބުއިމަށްފަހު، އެގެއިން ނިކުތެވެ. އޭނާ މިޞްރާބުޖެހީ ގެޔާ ދިމާއަށެވެ. ނިކަން ބާރަށެވެ. އޭނާގެ ގެޔަށް ވަދެވުމަށްފަހު، އޭނާއަށް އެއްވެސް ނުރައްކަލެއް ނުވާނޭކަން އެނގޭތީއެވެ.

[ރެކިފުތާބެ މަޑުކޮށްބަލަ....މާ އަވަސްއަރައިގަނެގެން ކޮންތާކަށް ތިދަނީ...] ދާދި ގާތުން އިވުނީ ބަރު އަޑަކުން ފިރިހެނަކު ގޮވާލި އަޑެވެ. ރެކިފުތާބެ ހުއްޓުނެވެ. ނަމަވެސް ފަސްއެނބުރި ބަލައިނުލައެވެ. އޭނާހުރީ އެއަށްވުރެން މާބޮޑަށް ބިރުގެންފައެވެ.

[ރެކިފުތާބޭ...ފަސްއެނބުރި ބަލައިލަބަލަ. ހާދަ ބިރުގެންފައޭދޯ ތިހުންނަނީ.] ދެންވެސް އިވުނީ އެ އަޑެވެ. ރެކިފުތާބެ އެނބުރުނެވެ. ނަމަވެސް، އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މިހާރު ރެކިފުތާބެ ކުރިޔަށްވުރެންވެސް ބޮޑަށް ބިރުގަނެއްޖެއެވެ. އޭނާ ސަލާމަތަށް އެދި ގޮވަމުން ދުއްވައިގަތީ ކުއްލިއަކަށެވެ. އެވަގުތު އޭނާގެ ފަހަތުން މީހަކު ހިފެހެއްޓިހެން ހީވިއެވެ. އަނެއްކާވެސް ރެކިފުތާބެ ހުއްޓުނެވެ. އޭނާ ވަށައިގެން ހޯދަންވެސް ފަށައިފިއެވެ. ނަމަވެސް، އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ރެކިފުތާބެ ބިރުން ތުރުތުރުއަޅަން ފަށައިފިއެވެ.

[ކާކުތަ؟ އަހަރެންގެ ގައިން ދޫކުރޭ.] ދެންވެސް މީހަކު ހިފެހެއްޓިހެން ހީވެގެން ރެކިފުތާބެ ތެޅިފޮޅެން ފަށައިފިއެވެ. އޭރު އޭނާޔަށް ހުއްޓި ހުރެވުނީ ލިންކްރޯޑްގައި ކަމުން، ދަތުރުކުރަމުންދާ ކާރުތަކާއި ސައިކަލްތައްވެސް އޭނާއަށް ފެންނަމުން ދިޔައެވެ. ނަމަވެސް، އެ މަގުން ދަތުރުކުރަމުންދާ އެއްވެސް މީހަކަށް ރެކިފުތާބެއެއް ނުފެނެއެވެ. ރެކިފުތާބެ ސަލާމަތަށް އެދި ގޮވަމުންދިޔަ މަންޒަރު އެއްވެސް މީހަކަށް ނުފެނެއެވެ. ވުމާއެކު، އޭނާ އަތް ހޫރަމުންދާއިރުވެސް އެއްވެސް ކާރެއް ސައިކަލެއްވެސް މަޑުކޮށްނުލާ ދަނީއެވެ. އެންމެފަހުން ރެކިފުތާބެ މަގުމެދަށް ޖެހިލީ، އޭރުން އެއްޗެއް މަޑުކޮށްފާނޭ ކަމަށް ވިސްނާފައެވެ. ފަހަރެއްގައިވެސް އެހެން މީހަކަށް އޭނާ ނުފެންނަ ކަމެއް އޭނާޔަކަށް ނޭނގެއެވެ.

ކުއްލިއަކަށް ބާރު ދުވެއްޔެއްގައި ދަތުރުކުރަމުންދިޔަ ކާރެއްގެ ޝިކާރަޔަކަށް ރެކިފުތާބެ ވެއްޖެއެވެ. ކާރު ދުއްވަން އިން ޑްރައިވަރަށް މީހަކު ފެނުނީ ކާރުގައި ޖެހި ރެކިފުތާބެ ބުރައިގެން ގޮސް ތާރަގަނޑުމައްޗަށް ޖެހުނު ވަގުތެވެ. އިސާހިތު މުޅި ސަރަޙައްދަށް ލޭގެ ކޯރު ދެމެން ފަށައިފިއެވެ. މާގިނައިރުތަކެއްނުވެ އެތަނަށް މީހުންތައް ޖަމާވާން ފަށައިފިއެވެ.

ހޮސްޕިޓަލަށް ގެންދެވުނުއިރު، ރެކިފުތާބެގެ ފުރާނައެއް ނެތެވެ. އައްޑޫ ލިންކްރޯޑަކީ މިފަދަ ކިތަންމެ އެކްސިޑެންޓްތަކެއް ހިނގައި، ކިތަންމެ ބަޔަކު މަރުވެގެން ގޮސްފައިގާ މަގެކެވެ.

ރެކިފުތާބެ މަރުވި އެކްސިޑެންޓްގައިވެސް ކުށްވެރިވީ ކާރު ޑްރައިވަރެވެ. އެކަމަކު އޭނާގެ ކުށަކީ ކޮބައިބާއެވެ. ހަމަގައިމުވެސް އެ އެކްސިޑެންޓްގައި ކާރު ޑްރައިވަރުގެ އެއްވެސް ކުށެއް ނެތެވެ.

[އެކްސިޑެންޓެއްވެ ރެކިފުތާބެ މަރުވެއްޖެ.] ރެކިފުތާބެ މަރުވި ޚަބަރު ޤިސާމާއަށް ފުރަތަމަދިނީ އޭނާގެ ފިރިމީހާ މަޖީދެވެ.

[އޭނ! މިގެއިން ނިކުމެގެން ދަނިކޮށްދޯ....ހާދަ ދެރައޭ....ހިނގާބަލަ އެގޭދޮށަށް ދަމާ...] ޤިސާމާއަށް ހީވީ ޝޮކެއް ލިބުނުހެންނެވެ.

[އަހަންނަށް ހިއެއްނުވޭ، ޤިސާމާއަށް ރެކިފުތާބެ ބަލަން ކެތްވާނެހެނެއް...މުޅި މީހާ އޮތީ ފުނޑުފުނޑުވެފައި...] މަޖީދު ރެކިފުތާބެ އޮތްގޮތް ސިފަކޮށްދިނެވެ.

[ޝަބާ ދާނަންތަ، ރެކިފުތާބެ މޫނުބަލަން.] ރީޙާން އެއްސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން