ލުތުފަރުގެ ޤާތިލުން
ލުތުފަރުގެ ޤާތިލުން
ށ. ޅައިމަގު "ކުރިމަގު 1" ދޯނީގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ތިން ރައްޔިތުން ކަމަށްވާ އަލަމިން އާއި، ނޫރުލް އިސްލާމް ސަރުކާރު އަދި އެމްޑީ އަޚްތަރު ހުސައިންގެ މައްޗަށެވެ. ނަމަވެސް މީގެ ތެރެއިން އަޚްތަރު ހުސައިން ވަނީ މައްސަލައިގެ ޝަރީއަތް ހިނގަމުން ދަނިކޮށް ނިޔާވެފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ޤާޟީ އަހުމަދު ޝަފީއު ކުރެއްވި ހުކުމުގައި ވަނީ، ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ދުވަހަކުވެސް ނުފެންނާނެ ގޮތަށް ކަނޑުގެ އަޑިއަށް ފައްތާލުމަށް ދައުވާލިބޭ މީހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ތަހުގީގަށް ދީފައިވާ ބަޔާންތަކުން އެނގޭ ގޮތުގައި، ލުތުފަރުގެ ހަށިގަނޑު ބޮއިތަކެއްގައި ބަނދެގެން ނެރުން ބޭރަށް ގެންގޮސް، ހިލަ އެޅި ގޯނިތަކެއް ހަށިގަނޑުގައި އައްސައިގެން ކަނޑަށް ފައްތާލީއެވެ. އަދި ހަށިގަނޑު އަޑިއަށް ދިޔުމުން، އޭގައި އައްސާފައި ހުރި ބަރުތައް ނައްޓާލާފައިވާ ކަމަށްވެސް އެ މީހުން އިއުތިރާފުވެފައިވެއެވެ.

ފުލުހުންގެ ތަހުގީގުގައި މި މީހުން ބުނެފައިވަނީ ލުތުފަރު މަރާލީ ދޯނީގައި ހުރި އެހެން ބިދޭސީއަކާއެކު އެއްޖިންސުން ގުޅުން ހިންގަން އުޅުމުން ކަމަށެވެ. ތަހުގީގު މަރުހަލާގައި ދައުވާލިބޭ މީހުން ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، ޝަރީއަތް ފެށުމުން އެ މީހުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. ދިފާއީ ވަކީލުން ބުނެފައިވަނީ އިއުތިރާފު ބަޔާންތައް ނަގާފައިވަނީ އަނިޔާކޮށް ބިރުދައްކައިގެން ކަމަށެވެ. ނަމަވެސް، ޤާޟީ ވިދާޅުވީ މަޖުބޫރުކޮށްގެން ބަޔާން ނެގިކަމަށް ބުނާ ބުނުމަށް އެކަށީގެންވާ ހެކި ނެތް ކަމަށާއި، އެހެންކަމުން އެ ބަޔާންތަކަކީ ޝަރީއަތަށް ބަލައިގަނެވޭނެ ހެކިތަކެއް ކަމަށެވެ.

މި މައްސަލާގައި ލުތުފަރު ރާއްޖެ އެތެރެވިކަމުގެ ރަސްމީ ލިޔެކިޔުމެއް އިމިގްރޭޝަނުން ފެންނަން ނެތުމުން، މަރުވި މީހަކީ ކާކުކަން ދެނެނުގަނެވޭ ކަމަށް ދިފާއުން ބުންޏެވެ. އެހެންނަމަވެސް، ޤާޟީ ފާހަގަކުރެއްވީ ސައިންޓިފިކް ހެކިތަކުން، އެއީ ލުތުފަރުކަން ސާބިތުވާ ކަމަށެވެ. އެގޮތުން ފެނުނު ކަށިތަކުގެ ޑީއެންއޭ، ލުތުފަރުގެ މައިންބަފައިންނާއި ދަރިންގެ ޑީއެންއޭއާ ދިމާވާ ކަމަށް ޤާޟީ ވިދާޅުވިއެވެ. މީގެ އިތުރުން ޅައިމަގު ދޯނީގައި އޭނާ މަސައްކަތް ކުރިކަމުގެ ހެކިބަސް ލިބިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ހާދިސާ ހިނގި ރޭ ދޯނި ތެރެއިން އާދަޔާ ހިލަފު އަޑުތަކެއް އިވުނު ކަމަށާއި، މޫދަށް އެއްޗެއް ވައްޓާލި އަޑު އިވުނު ކަމަށް ހެކިން ބުނެފައިވެއެވެ. އަދި ހަށިގަނޑު ފެނުނު އިރު، އެއީ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ކުރިން ފައްތާލާފައިވާ ހަށިގަނޑެއްކަން ތަހުގީގަށް އެނގިފައިވެއެވެ. މީގެ އިތުރުން، ކުށުގެ ވެށިން ފުލުހުން ހޯދި ތަކެއްޗާއި ދައުވާލިބޭ މީހުންގެ ބަޔާންތަކާ ދިމާވާ ކަމަށް ޤާޟީ ވިދާޅުވިއެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ޤާޟީ ހުކުމް ކުރެއްވީ އެ މީހުންގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށެވެ. މި މައްސަލައިގެ ދެން އޮންނަ ބަޔަކީ ވާރިސުންގެ ބަސް ނެގުމާއި އަދަބު ކަނޑައެޅުމެވެ. ދައުލަތުން ބުނީ ވާރިސުންގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކުރިއަށްދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު