އިންޑިއާގެ ބިހާރުގައި ދެމަފިރިން
އިންޑިއާގެ ބިހާރުގައި ދެމަފިރިން
އިންޑިއާގެ ބިހާރުގައި ދެމަފިރިއަކު ސޯޝަލް މީޑިއާގައި ވައިރަލްވި ނުރައްކާތެރި ހަރަކާތެއް ތަކުރާރުކުރަން އުޅުމުގެ ތެރޭގައި ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް ހިނގުމުން ސަލާމަތްވެއްޖެއެވެ.

މި ދެމަފިރިން މިފަދަ ނުރައްކާތެރި ކަމެއް ކުރަން އުޅުނީ، އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އެމްޕަޔަރ ސްޓޭޓް ބިލްޑިންގގެ އެންމެ އުހަށް އަރައި ރަޝިއާގެ ދެމަފިރިއަކު ކުރި ވައިރަލް ޕްރޮޕޯސަލްއަކުން ހިތްވަރު ލިބިގެންނެވެ.

ބިހާރުގެ މި ދެމަފިރިން މަސައްކަތްކުރީ ކަރަންޓު ވިއުގަ ފޯރުކޮށްދޭ އުސް ޓަވަރަކަށް އަރައި އެފަދަ މަންޒަރެއް ތަކުރާރު ކުރުމަށެވެ. އެ ސަރަހައްދުގައި ތިބި މީހުންނަށް މިކަން ފާހަގަކުރެވި، ވަގުތުން ފުލުހުންނަށް އެންގުމާއެކު ފުލުހުން ވަނީ އެތަނަށް ގޮސް އެ ދެމަފިރިން ޓަވަރުން ތިރިއަށް ބާލައިފައެވެ.

ކަރަންޓުގެ ނުރައްކާތެރި ލައިންތަކެއް ހުރި މި ޓަވަރަށް އެރުމަކީ ފުރާނައަށް ނުރައްކާވާނެ ކަމެއް ކަމުގެ އިންޒާރު ފުލުހުން ވަނީ އެ ދެމަފިރިންނަށް ދީފައެވެ. ނަސީބަކުން މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާއެކު، ސޯޝަލް މީޑިއާގައި މަޝްހޫރުވުމަށްޓަކައި މިފަދަ ނުރައްކާތެރި ކަންކަން ކުރުމުގެ ޓްރެންޑްތައް ޒުވާނުންގެ މެދުގައި އިތުރުވަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ވައިރަލް ވާން ކުރާ އެއްވެސް ކަމެއް ފުރާނައަށް ވުރެ މުހިންމު ނުވާނެ ކަމަށް އާންމުން ދަނީ ހަނދާންކޮށްދެމުންނެވެ.

މިކަމުގެ އަސްލު ކަމުގައިވާ އެމްޕަޔަރ ސްޓޭޓް ބިލްޑިންގއަށް އެރި ރަޝިއާގެ ދެމަފިރިން މިހާރު ތިބީ އެމެރިކާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެ މީހުންގެ މައްޗަށް ބާގްލަރީ، ކްރިމިނަލް ޓްރެސްޕާސް، އަދި ނުރައްކާތެރި އަމަލުތައް ހިންގުމުގެ ކުށުގައި ދައުވާތަކެއް ވަނީ އުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު