އިންޑިއާގެ ފިލްމީ ދާއިރާގައި ބޮޑު ސަމާލުކަމެއް ލިބިފައިވާ "ކާލާ ހިރަން: ދަ ބެޓްލް ފޯ ލެގަސީ" ފިލްމުގެ މަސައްކަތް ހުއްޓާލުމަށް އަންގައި، އެ ފިލްމުގެ ޕްރޮޑިއުސަރު އަމިތު ޖާނީއަށް ޕާކިސްތާނުގެ ގޭންގަކުން މަރުގެ އިންޒާރު ދީފިއެވެ.

ޚަބަރުތައް ބުނާގޮތުގައި މި އިންޒާރު ދީފައިވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ގޭންގް ލީޑަރެއް ކަމަށްވާ ޝެހެޒާދު ބާޓީގެ ކޮއްކޮއެވެ.

މި ނުރައްކާތެރި އިންޒާރުގައި ބުނެފައިވަނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ފިލްމުގެ މަސައްކަތް ހުއްޓާލައި ސިނަމާގެ ދާއިރާއާ ދުރަށް ނުގޮސްފިނަމަ، އަމިތު ޖާނީ އާއި އޭނާގެ އާއިލާއަށް ބޮޑެތި ގެއްލުންތަކެއްދީ މަރާލާނެ ކަމަށެވެ. މި މައްސަލައާ ގުޅިގެން އަމިތު ޖާނީ ވަނީ އިންޑިއާގެ ހޯމް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައި، އޭނާގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްދިނުމަށް އެދިފައެވެ. އަދި އޭނާއަށް ލިބެމުންދާ މަރުގެ އިންޒާރުތަކާ ގުޅިގެން މައްސަލަ ރަޖިސްޓްރީކޮށް، މިކަމުގެ ފަހަތުގައި ތިބި މީހުންނާ މެދު ފިޔަވަޅު އެޅުމަށް ވެސް އޭނާ ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

މި ފިލްމުގެ މައްސަލަ ހޫނުވެފައިވަނީ، މިއީ މަޝްހޫރު އެކްޓަރު ސަލްމާން ޚާން 1998 ވަނަ އަހަރު ކަޅު ފުއްލާ (ބްލެކް ބަކް) ޝިކާރަކުރި މައްސަލައާ ގުޅުވައިގެން ތައްޔާރުކުރާ ފިލްމެއް ކަމަށް ބުނެއެވެ. ސަލްމާން ޚާން ވަނީ މި ފިލްމު ރިލީޒްކުރުން ހުއްޓުވުމަށް ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. ސަލްމާން ފާހަގަކުރި ގޮތުގައި ފިލްމުގެ ޕޯސްޓަރުތަކާއި އިޝްތިހާރުތަކުން ފެންނަ ކެރެކްޓާ އޭނާއާ ވަރަށް ބޮޑަށް ވައްތަރެވެ. ވަކިން ހާއްސަކޮށް، އޭނާގެ އަތުގައި އަބަދުވެސް އޮންނަ ނޫކުލައިގެ ބްރޭސްލެޓު ފަދަ އެއްޗެއް އެ ކެރެކްޓާ އަޅާފައިވާކަން އޭނާ ފާހަގަކުރިއެވެ. ސަލްމާން ބުނާގޮތުގައި މިފަދަ ފިލްމެއް ނެރުމަކީ އޭނާގެ މައްޗަށް މިހާރު ހިނގަމުންދާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވައި، އިންސާފުވެރި ޝަރީއަތެއް ލިބުމަށް ހުރަސްއެޅޭނެ ކަމެކެވެ.

މި މައްސަލާގައި އަމިތު ޖާނީ އޭނާގެ އެކްސް އެކައުންޓުގައި ބުނެފައިވަނީ، ކޯޓުން އަދި ފިލްމު މަނާކޮށްފައި ނުވާ ކަމަށާއި، މި މައްސަލައިގެ އަޑުއެހުން ޖުލައި މަހުގެ 6 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. "ބޮލީވުޑްގެ ބައްޕަ ކަމަށް އަމިއްލައަށް ބުނެގެން 'ކާލާ ހިރަން' ހުއްޓުވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް. ކޯޓަށް އެއްވެސް ތަރިއެއް ނުވަތަ ގްލޭމަރެއް މުހިންމެއް ނޫން،" އަމިތު ޖާނީ ބުންޏެވެ. އޭނާ އިތުރަށް ހާމަކުރި ގޮތުގައި މި ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 8،000 ސިނަމާގައި އެއްފަހަރާ ދައްކާނެއެވެ.

މި އިންޒާރުތަކާ ގުޅިގެން ސަލްމާން ޚާންގެ ފަރާތުން އަދި މިހާތަނަށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ. ނަމަވެސް، ފިލްމު އުފައްދާ ފަރާތާއި ސަލްމާން ޚާނާ ދެމެދު އުފެދިފައިވާ މި ގާނޫނީ އަދި ސަލާމަތީ މައްސަލައަކީ މިހާރު އިންޑިއާގެ މީޑިއާތަކުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައެވެ.



ކިޔުންތެރިންގެ ހިޔާލު