އަލީ ހުސެއިން
އަލީ ހުސެއިން
ދިވެހިރާއްޖޭގެ އިގުތިސޯދީ އަދި މާލީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން ސަރުކާރަށާއި ކަމާބެހޭ މުއައްސަސާތަކަށް ވަރުގަދަ ފާޑުކިއުންތަކެއް އަމާޒުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ހުސެއިން ވިދާޅުވީ، ރާއްޖޭގެ މުޅި އިގުތިސޯދީ ނިޒާމު މިހާރު އޮތީ މުޅިން ކަފާސްވެ، ބޮއްސުންލާފައި ކަމަށެވެ. ހާއްސަކޮށް، ގައުމުގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި، އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.





އަލީ ހުސެއިންގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ދައުލަތުން ފާޅުކަން ބޮޑު ގޮތެއްގައި ޑޮލަރުގެ ކަޅު ބާޒާރުގެ ތެރެއަށް ވަންނަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާއި މަރުކަޒީ ބޭންކުން (އެމް.އެމް.އޭ) އެކަމާ އަޅާނުލައި ތިބުމަކީ ދައުލަތުގެ މާލީ އަދި އިގުތިސާދީ ނިޒާމު ހީނަރުވެފައިވާ މިންވަރު ހާމަކޮށްދޭ ސާފު ހެއްކެކެވެ. އޭނާ ވިދާޅުވީ މިފަދަ މުއައްސަސާތަކުން ހަނުތިބުމަކީ މުޅި ނިޒާމު އިނދަޖެހިފައިވާ ކަމުގެ ނިޝާނެއް ކަމަށެވެ.

ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އޮތްކަން ސަރުކާރުން އެއްބަސްވެފައިވީ ނަމަވެސް، އެއީ ސަރުކާރުގެ ސީދާ ޒިންމާއެއް ނޫން ކަމަށް ބުނެ ރަސްމީ އިދާރާތަކުން ދަނީ ދިފާއީ އުޒުރުތައް ދައްކަމުންނެވެ. ނަމަވެސް އިގުތިސޯދީ މާހިރުންނާއި ސިޔާސީ ފަރާތްތަކުން ދެކޭ ގޮތުގައި، ގައުމެއްގައި މިފަދަ ބޮޑު ކަޅު ބާޒާރެއް އުފެދި މުއާމަލާތްތައް ކޮންޓްރޯލުން ނެއްޓިގެން ދިއުމަކީ ދައުލަތާއި ސަރުކާރުގެ މާލީ ސިޔާސަތުތައް ފެއިލްވެފައިވާ ކަމުގެ ހެއްކެކެވެ.

ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ކަޅު ބާޒާރުގައި މުއާމަލާތް ކުރަން މަޖުބޫރުވުމުގެ ސަބަބުން ތަކެތީގެ އަގު އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުންދާ މި ދަނޑިވަޅުގައި، އަލީ ހުސެއިން މިވަނީ މިކަމަށް އަވަސް ހައްލެއް ބޭނުންވާކަން ހާމަކުރައްވާފައެވެ. ސަރުކާރުން މި މައްސަލައަށް ހަރުދަނާ ފިޔަވަޅެއް ނާޅާނަމަ، އިގުތިސޯދީ ހީނަރުކަން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އޮތްކަން ގިނަ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު