ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާއު
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާއު
މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި ފަހުން ދިވެހި އެއްވެސް ރައްޔިތަކަށް ލިބުނު ލުޔެއް ނުވަތަ ފަސޭހައެއް ނެތް ކަމަށެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މި ސަރުކާރުން ދެއްކި ވާހަކަތަކަށް އިތުބާރުކޮށް، ބޮޑު އުއްމީދަކާއެކު ރައްޔިތުން ވެރިކަން ބަދަލުކުރި ނަމަވެސް، އޭގެ ބަދަލުގައި ރައްޔިތުންނަށް ލިބުނީ ހިތްދަތިކަމާއި ތުރާ ކަމަށެވެ.

ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ޝިފާއު ވިދާޅުވީ، ބޭހާއި ޑޮލަރު ނުލިބުމުގެ އިތުރުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

އަދި އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން، ކުޑަ ސީޓީ ސްކޭނެއް ހަދަން ވެސް މާލެ އަންނަން ޖެހުމަކީ ރައްޔިތުންނަށް އޮތް ބޮޑު ތަކުލީފެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިފާއު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު ވެވަޑައިގެންނެވި ވައުދުތައް ފުއްދިފައި ނުވާކަމަށް ވިދާޅުވެފައެވެ. ޑޮލަރުގެ އަގު ހިފެހެއްޓޭނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ޑޮލަރުގެ ރޭޓު އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަން ފާހަގަކުރައްވައި ޝިފާއު ވިދާޅުވީ، ދައުލަތުން ރައްޔިތުންނަކީ މޮޔައިން ކަމަށް ބަލައިގެން ކަންކަން ކުރުން ބަލައިނުގަނެވޭނެ ކަމަށެވެ.

ވެރިކަމުގައި ހުންނަވާ ބޭފުޅަކު މާލީ ތަޖުރިބާކާރުންގެ ލަފާ އަޑުނޭހުމުގެ ނަތީޖާއަކީ އާންމު ރައްޔިތުންނަށް ގެއްލުންވުން ކަމަށް ވިދާޅުވެ، މި ހުރިހާ ސަބަބުތަކާ ހުރެ ރައްޔިތުން މިހާރު ތިބީ ސަރުކާރު މަތިން މުޅިން ފޫހިވެފައި (ފެޑްއަޕްވެފައި) ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު