އިންސާނާގެ ހަށިގަނޑުގައި ހުންނަ ލޭގެ ގުރޫޕަކީ އޭނާގެ އުފެދުމާއި ވިރާސީ ސިފަތަކާ ގުޅިފައިވާ ވަރަށް މުހިންމު ބައެކެވެ. ގިނަ ފަހަރަށް މީހުން ގަބޫލުކުރަނީ ދަރިފުޅުގެ ލޭގެ ގުރޫޕު ވާންޖެހޭނީ މަންމަ ނުވަތަ ބައްޕަގެ ލޭގެ ގުރޫޕާ އެއްގޮތް ގުރޫޕަކަށް ކަމަށެވެ. ނަމަވެސް ސައިންސްވެރިން ހާމަކުރާ ގޮތުގައި، ދަރިފުޅުގެ ލޭގެ ގުރޫޕު މައިންބަފައިންގެ ލޭގެ ގުރޫޕާ މުޅިން ތަފާތުވުމަކީ ވެސް ހަމަ އެކަށީގެންވާ ކަމެކެވެ.

ލޭގެ ގުރޫޕު ކަނޑައެޅެނީ މައިންބަފައިންގެ ފަރާތުން ލިބޭ ޖީންސްތަކެއްގެ މައްޗަށެވެ. ކޮންމެ އިންސާނަކަށްވެސް ލޭގެ ގުރޫޕު ކަނޑައަޅާ ދެ ޖީން ލިބެއެވެ. އޭގެ ތެރެއިން އެއް ޖީން ލިބެނީ މަންމަގެ ފަރާތުންނެވެ. އަނެއް ޖީން ލިބެނީ ބައްޕަގެ ފަރާތުންނެވެ. ލޭގެ މައިގަނޑު ހަތަރު ގޫރޫޕަކީ އޭބީ، ބީ، އޭ އަދި އޯ އެވެ. މީގެ ތެރެއިން އޭ އަދި ބީ އަކީ "ޑޮމިނަންޓް" ނުވަތަ ބާރުގަދަ ޖީންތަކެކެވެ. އޯ އަކީ "ރެސެސިވް" ނުވަތަ ބާރު ދެރަ ޖީނެކެވެ.

ދަރިފުޅުގެ ލޭގެ ގުރޫޕު މައިންބަފައިންނާ ތަފާތުވާ ގޮތުގެ މިސާލަކަށް ބަލާއިރު، މަންމަގެ ލޭގެ ގުރޫޕަކީ އޭ (ޖީންސް: އޭއޯ) ކަމަށްވެފައި، ބައްޕަގެ ލޭގެ ގުރޫޕަކީ ބައްޕަގެ ލޭ ގްރޫޕަކީ ބީ (ޖީންސް ބީއޯ) ކަމަށްވާނަމަ، އެ ދެމަފިރިންނަށް ލިބޭ ދަރިފުޅުގެ ލޭގެ ގުރޫޕަކީ "އޯ" އަށް ވުމުގެ ފުރުސަތު އޮވެއެވެ. މިއީ މަންމަގެ ފަރާތުން "އޯ" ޖީން އަދި ބައްޕަގެ ފަރާތުން "އޯ" ޖީން ދަރިފުޅަށް ވާރުތަވުމުން ދިމާވާ ގޮތެކެވެ. ހަމައެފަދައިން، މައިންބަފައިންގެ ތެރެއިން އެކަކީ "އޭ" އަދި އަނެކަކީ "ބީ" ކަމުގައިވާނަމަ، ދަރިފުޅުގެ ލޭގެ ގުރޫޕު "އޭބީ" އަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ލޭގެ ގުރޫޕުގެ އިތުރުން 'އާރްއެޗް ފެކްޓަރ' (ޕޮޒިޓިވް ނުވަތަ ނެގެޓިވް) އަކީވެސް މި ބީދައިން ވާރުތަވާ އެއްޗެކެވެ. މައިންބަފައިންގެ ދެމީހުންގެ ލޭގެ ގުރޫޕަކީ ޕޮޒިޓިވް ކަމުގައި ވިޔަސް، ދަރިފުޅުގެ ލޭގެ ގުރޫޕު ނެގެޓިވް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ މައިންބަފައިންގެ ކިބައިގައި ނެގެޓިވް ޖީން ފޮރުވިފައި ހުރެފައި، އެ ދެ ޖީން ދަރިފުޅަށް ވާރުތަވުމުން ވާގޮތެކެވެ.

ދަރިފުޅުގެ ލޭގެ ގުރޫޕު މަންމަ ނުވަތަ ބައްޕަގެ ލޭގެ ގުރޫޕާ ދިމާނުވުމަކީ ސައިންޓިފިކް ގޮތުން ބަލާއިރު އެއްވެސް މައްސަލައެއް ނޫނެވެ. އެއީ ވިރާސީ މާއްދާތައް ނުވަތަ ޖީންސްތައް އެކުލެވިގެންދާ ގޮތުގެ ސަބަބުން ދިމާވާ ގުދުރަތީ ކަމެކެވެ. މިކަމުގެ ސަބަބުން އާއިލީ ގުޅުމާމެދު ޝައްކު އުފެއްދުމުގެ ބަދަލުގައި، މިއީ ޖެނެޓިކްސްގެ ހަމަތަކުގެ މަތިން ހިނގާ ކަމެއްކަން ދެނެގަތުން މުހިންމެވެ.



ކިޔުންތެރިންގެ ހިޔާލު