ޕެރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިލާ އާއި އެމްބާޕޭ
ޕެރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިލާ އާއި އެމްބާޕޭ
އެމްބާޕޭއަށް އަމާޒުކޮށް، ޕެރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިލާ ނަސްލީގޮތުން ފުރައްސާރަކުރި މައްސަލަ ފްރާންސުގެ ޕްރޮސެކިޓަރުން ތަހުގީގު ކުރަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވީ ވޯލްޑް ކަޕްގެ ގަދަ 16 ގައި ޕެރަގުއޭ އަތުން ފްރާންސް 1-0 އިން މޮޅުވި މެޗަށްފަހު، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ސެނެޓަރު އަމަރިލާ ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ. ފްރެންޗް ފުޓްބޯޅަ ފެޑެރޭޝަނުން (އެފް.އެފ.އެފް) ހުށަހެޅި ޝަކުވާއަކާ ގުޅިގެން ޕެރިސްގެ ޕްރޮސެކިއުޓަރުން ބަލަމުންދާ މި މައްސަލައިގައި، އާންމުކޮށް މީހުންގެ މެދުގައި ނަފްރަތާއި ހަމަނުޖެހުން އުފެއްދުމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

އުމުރުން 61 އަހަރުގެ ގާނޫނީ ވަކީލު، އަމަރިލާ ކުރި ޕޯސްޓުތަކުގައި އެމްބާޕޭގެ ނަސްލަށް ނިސްބަތްކޮށް ވަރަށް އިހާނެތި ބަސްތައް ބޭނުންކޮށްފައިވެއެވެ. އޭނާ ވަނީ އެމްބާޕޭއަކީ ފްރާންސްގެ ރައްޔިތެއްކަމަށް ދެއްކެން މަސައްކަތްކުރާ ކެމަރޫންގެ ދަރިކޮޅުގެ މީހެއްގެ ގޮތުގައި ސިފަކޮށް، ނަސްލީ ގޮތުން ދަށު ދަރަޖައިގެ އިބާރާތްތައް ބޭނުންކޮށްފައެވެ. މީގެ އިތުރުން، މެޗަށްފަހު ޕެރަގުއޭގެ ކީޕަރާ ސަލާމްކުރަން އެމްބާޕޭ ދެކޮޅު ހެދިކަމަށް ބުނެ، އޭނާގެ އަޚުލާގާ މެދު ވެސް ސެނެޓަރު ފާޑުކިޔާފައިވެއެވެ.

މި ހަމަލާތަކަށް ރައްދު ދެމުން އެމްބާޕޭ ބުނީ، ސެނެޓަރުގެ އެ އަމަލަކީ ވަރަށް ދަށު ދަރަޖައިގެ، އަދި އޭނާ ހުރި މަގާމާ ނުބައްދަލު އަމަލެއް ކަމަށެވެ. އަދި އަމަރިލާއަކީ ޕެރަގުއޭގެ ރައްޔިތުން ތަމްސީލުކުރާ މީހެއް ނޫން ކަމަށާއި، މިފަދަ ނަފްރަތާއި ނަސްލީ ތަފާތުކުރުން ފެތުރުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ފްރާންސްގެ ގާނޫނު ބުނާގޮތުން، ފްރާންސްގެ ރައްޔިތަކަށް އަމާޒުކޮށް ގައުމުން ބޭރުގައި ހުރެ ނަސްލީ ފުރައްސާރަ ކުރި ނަމަވެސް، އެ މީހަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު ފްރާންސްގެ ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ. މިފަދަ ކުށްތަކަށް އެއް އަހަރުގެ ޖަލު ހުކުމެއް ނުވަތަ 45,000 ޔޫރޯގެ ޖޫރިމަނާއެއް އައުން އެކަށީގެންވެއެވެ.

މި މައްސަލައިގައި ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން ވެސް ވަނީ އެމްބާޕޭއަށް ތާއީދުކުރައްވައި، ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އޭނާ ކުރާ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ.

ޕެރަގުއޭގެ ސަރުކާރުން ވެސް ވަނީ ސެނެޓަރު އަމަރިލާގެ ވާހަކަތައް ކުށްވެރިކޮށް، އެއީ އެ ގައުމުގެ ސިޔާސަތެއް ނޫން ކަމަށާއި އިންސާނީ ކަރާމާތަށް އިހުތިރާމް ކުރުމަކީ ޕެރަގުއޭގެ އަސާސެއް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. ނަމަވެސް، ސެނެޓަރު އަމަރިލާ ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކައި، ފްރާންސަށް އޭނާއާ މެދު ފިޔަވަޅު ނޭޅޭނެ ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު