މިސުރުގެ ކެޕްޓަން ސަލާބު އާއި ރެފްރީ
މިސުރުގެ ކެޕްޓަން ސަލާބު އާއި ރެފްރީ
އާރޖެންޓީނާ އާއި މިސުރު ބައްދަލުކުރި މެޗުގައި މިޞްރުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، މެޗުގެ ފަހުކޮޅު އާޖެންޓީނާއިން ތިން ލަނޑު ޖަހައި 3-2 އިން މެޗު ކާމިޔާބުކޮށް ކުއާޓަރ ފައިނަލަށް ދަތުރުކުރިއެވެ. ނަމަވެސް، މެޗުގެ ނަތީޖާއަށް ބޮޑު އަސަރެއް ކުރި ކަމެއް ހިނގީ މެޗުގެ ދެވަނަ ހާފުގައެވެ. އެއީ މިޞްރުގެ ފޯވާޑް މުސްތަފާ ޒީކޯ ޖެހި ލަނޑެއް ވީއޭއާރް އިން ބެލުމަށްފަހު ކެންސަލް ކުރުމުންނެވެ.

ރެފްރީ ފްރޭންކޮއިސް ލެޓެކްސިއޭ މި ލަނޑު ގަބޫލުނުކުރަން ނިންމީ، ލަނޑު ޖެހުމުގެ ކުރިން މިޞްރުގެ މިޑްފީލްޑަރު މަރުވާން އަތިއްޔާ، އާޖެންޓީނާގެ ފަހަތަށް ކުޅޭ ލިސަންދްރޯ މާޓިނޭޒްއަށް ފައުލްކޮށްފައިވާ ކަމަށް ބަލާފައެވެ. ނަމަވެސް މި ހާދިސާ ހިނގާފައިވަނީ ކުޅުން ކުރިއަށްދިޔަ ދިމާ ނޫން އަނެއް ފަޅީގައި ކަމަށްވުމުން، މި ނިންމުމާ މެދު ގިނަ ބަޔަކު ވަނީ ނުރުހުންވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ނިންމުމާ ގުޅިގެން މިޞްރުގެ ކޯޗު ހުސާމް ހަސަން ބުނީ މިއީ އިންތިހާއަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި މިޞްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވީއޭއާރް ސިސްޓަމް ބޭނުންކުރުމުގައި އަމަލުކުރި ގޮތާމެދު ސުވާލު އުފެދޭ ކަމަށާއި، މެޗުގެ ނަތީޖާއަށް ސީދާ އަސަރުކުރާ ފަދަ ނިންމުންތަކެއް ނިންމާފައިވާތީ ހަނު ހުރެވެން ނެތް ކަމަށެވެ.

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގައި އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ހުރުމަކީ މުހިންމު ކަމެއްކަން އެ އެސޯސިއޭޝަނުން ފާހަގަކުރިއެވެ.

މިޞްރުގެ އިތުރުން ބެލްޖިއަމް، އިކުއެޑޯ އަދި އީރާނުން ވެސް ވަނީ މި މުބާރާތުގެ ތެރޭގައި އެކި މައްސަލަތަކާ ގުޅިގެން ފީފާއަށް ޝަކުވާ ހުށަހަޅާފައެވެ. ނަމަވެސް މިޞްރުގެ މި ޝަކުވާއާ ގުޅިގެން ފީފާއިން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު