ތިނަދޫ ޖަޒީރާ ބޯޓު
ތިނަދޫ ޖަޒީރާ ބޯޓު
މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ "ޖަޒީރާ" ނަމަކަށް ކިޔާ ބޯޓް، ވ. ފެލިދޫގެ 5 ނޯޓިކަލް މޭލު ހުޅަނގުން އަޑިއަށް ގޮސްފިއެވެ.

ފުލުހުން ބުނީ، ޖަޒީރާ ބޯޓު އަޑިއަށް ދާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 15:26 އެހާކަންހާއިރު ކަމަށެވެ.

އެ ބޯޓުގައި ތިބި ހުރިހާ އެންމެން "ވިލާ ދުވެލި" ކިޔާ ލޯންޗަކަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ބޯޓުން ދަތުރުކުރި އެންމެން ވަނީ ވ. ފުލިދޫ އަށް ގެންގޮސްފައެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި 3 ދިވެހި ފިރިހެނުންނެވެ. މި އެންމެންގެ ހާލުވެސް ރަނގަޅެވެ.



މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، އެ ބޯޓުން ކަނޑަށް ދޫވެފައިވާ ބައެއް ތަކެއް އޮޔާގޮސްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

"މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ވ. ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށް." އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތު ދީފައިވެއެވެ.

ވީމާ، މި ސަރަހައްދުން ދަތުރުކުރަށްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށާއި އަދި، މި ސަރަހައްދުން ރޭގަނޑު ދަތުރުކުރަށްވާނަމަ، މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު